Advertisement

އައްޑޫ ސިޓީ ހިތަދޫއަށް ފެނަކައިން ދޫކުރާ ފެނުގެ ހިދުމަތަށް ބުރޫ އަރައިފި

18 ނޮވެންބަރު 2025 - 13:47 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ސިޓީ: މިއަދު ފެން ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ވާހަކަ ކަސްތަމަރުންގެ ސަމާލުކަމަށް ފެނަކައިން ވަނީ ގެނެސްފައި -- ފޮޓޯ: އަދަދު ފައިލް


އައްޑޫ ސިޓީ ހިތަދޫއަށް ފެނަކައިން ދޫކުރާ ފެނުގެ ހިދުމަތަށް ބުރޫ އަރައިފި

18 ނޮވެންބަރު 2025 - 13:47 1

އައްޑޫ ސިޓީ ހިތަދޫއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެނުގެ ހިދުމަތަށް ބުރޫއަރައިފި އެވެ.

ފެނަކައިން ބުނީ ފެނުގެ ޓްރާންސްފާ ލައިނަކަށް ދިމާވި މައްސަލައަކާ ހިތަދޫއަށް ދޫކުރާ ފެނުގެ ހިދުމަތަށް ބުރޫއަރައި، ކަސްޓަމަރުންނަށް މިއަދު ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފެނުގެ ޓްރާންސްފާ ލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި މިވަގުތު ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް ވަގުތީ ދަތިތަކެއް ކުރިމަތިވެފައިވާތީވެ، މިއަދު ފެން ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަން،" ފެނަކައިން ބުންޏެވެ.

ފެނުގެ ޓްރާންސްފާ ލައިނަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީއަށް ފެނާއި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކައިން ބުންޏެވެ.

ފެނަކައިން އިއްޔެ ވެސް ވަނީ ނުގެ ޓްރާންސްފާ ލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން، ބައެއް ސަރަހައްދުތަކުގައި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.

އިއްޔެ ބައެއް ސަރަހައްދުތަކަށް ފެނުގެ ހިދުމަތް މެދުކެނޑުނީ 9:30 އިން ފެށިގެންނެވެ. ފަހުން ހުރިހާ ސަރަހައްދަކަށް އަނބުރާ ފެނުގެ ހިދުމަތް އިއްޔެ ދެވުނުކަން ކަށަވަރެއް ނުވެ އެވެ.

އައްޑޫ ސިޓީގެ އިތުރުން ފެނަކައިން ފެނުގެ ހިދުމަތް ދެމުން އަންނަ ފުވައްމުލަކުގައި ވެސް ފެން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވެ ފެނުގެ ހިދުމަތް ނުލިބި ދެ ދުވަސް ފާއިތުވި އެވެ. ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކެނޑުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުންނެވެ.

ފުވައްމުލަކަށް އަދިވެސް ސާފު ބޯފެން ނުލިބޭއިރު، މިހާރު ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ފުވައްމުލައް ކައުންސިލުން ބުންޏެވެ.