Advertisement

ޒަމީރު ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަނީ އެ ދެއްކޭނެ ގޮތް ހޯދުމަށްފަހު ކަމަށް

18 ނޮވެންބަރު 2025 - 12:20 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިނޭންސް މިނިސްޓަރު ޒަމީރު މިއަދުގެ ޖަލްސާގައި: އޭނާ މިއަދު ވިދާޅުވީ ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަނީ އެ ދެއްކޭނެ ގޮތް ހޯދުމަށްފަހު ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޒަމީރު ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަނީ އެ ދެއްކޭނެ ގޮތް ހޯދުމަށްފަހު ކަމަށް

18 ނޮވެންބަރު 2025 - 12:20 1

މި ސަރުކާރުން ދަރަނި ނަގަނީ އެ ދަރަންޏެއް ދެއްކޭނެ ގޮތްތައް ހޯދައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގައި ބައިވެރިވުމަށް ޒަމީރު މިއަދުގެ މަޖިލީހަށް ވަޑައިގެން ގެންދަވަނީ ވާހަކަދައްކަވަމުންނެވެ. އެގޮތުން ދެވަނަ ފުރުސަތުގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ ކުރީގެ ސަރުކާރުތަކުން ލޯނުތައް ނެގީ އެ ދެއްކޭނެ އެއްވެސް އުސޫލެއް އަދި މެކޭނިޒަމެއް ބެލުމެއްނެތި ކަމަށް ވިދާޅުވެ އެ ސަރުކާރުތަކަށް ފާޑުވިދާޅުވެފަ އެވެ.

"ކުރިން. އަޅުގަނޑު ކުރިން ދެންނެވިހެން، 250 މިލިއަން ޑޮލަރު ނެގިއިރު އޭތި ދައްކާނެ ގޮތަކަށް އަޅުގަނޑުމެން ސީދާ ގޮތްތަކެއް ރޭވިފައެއް ނެތް. ހަމައެއާއެކު 250 މިލިއަން ޑޮލަރު 500 މިލިއަން ޑޮލަރަށް ބަދަލުވެގެން ދިޔައިރު އެ 500 މިލިއަން ޑޮލަރު ދައްކާނެ ހަމަ އެއްވެސް ގޮތެއް ނެތް،" ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައި ވުމާއެކު ރައްޔިތުންނާއި މަޖިލިސް މެންބަރުން އަދި ރައީސް މުހައްމަދު މުއިއްޒު ވެސް ދަރަނި ދެއްކުމާމެދު ކަންބޮޑުވުމެއްގައި ތިބެން ޖެހެނީ ދަރަނި ދައްކާނެ ގޮތުގެ މެކޭނިޒަމެއް ނެތުމުން ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، އަންނަ އަހަރުގެ ދަރަނި ދެއްކުމާމެދު ކަންބޮޑުވުމެއް ނެތް ކަމަށް މުއިއްޒު އަދި ޒަމީރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ދަރަނި ދެއްކުމަށް މެކޭނިޒަމެއް އެކުލަވާލަމުންދާ ކަމަށާއި ބޮޑެތި ދަރަނިތައް ދެއްކުމަށް ރާވައި އެއް ގޮތަކީ ދައުލަތަށް އާމްދަނީ ލިބޭ ކޮންމެވެސް އެއް ދާއިރާއަކުން ފައިސާ ސޭވް ކޮށްގެން ގެންގުޅުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ކޮންމެހެނެއްވެސް. އަޅުގަނޑުމެން އެއްވެސް ދަރަންޏެއް ނަގާ ކަމަށް ވެއްޖިއްޔާ، އެ ދަރަނި ދެއްކޭނެ ކޮންމެވެސް މެކޭނިޒަމަކާ އެއްކޮށް އަޅުގަނޑުމެން ގެންދާނީ،" ޒަމީރު ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ގިނައިން ދައްކަމުންދާ އެއް ވާހަކައަކީ ދަރަންޏާއި ދަރަނި އަނބުރާ ދެއްކުމުގެ ވާހަކަ އެވެ. މިކަމާއި ގުޅިގެން ބަޖެޓު ކޮމިޓީގައި މެންބަރުން ޒަމީރު އާއި ސުވާލު ވެސް ކުރި އެވެ.

އެގޮތުން، މި ސަރުކާރުން ދަރަނި ދައްކަމުންދާ ވާހަކަ މިނިސްޓަރު ތަކުރާރުކޮށް ފާހަގަކުރެއްވުމުން އެކަމާއި ހިތްހަމަނުޖެހި ސުވާލު ކުރެއްވި އެއް މެންބަރަކީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

އަބަދުވެސް ދައުލަތުގެ ލޯނު ނުވަތަ ދަރަނި ހުންނާނެ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އޭގެ ކުރިން ނަގާފައި ހުރި ލޯނުތައް ދިޔައީ ދައްކަމުންކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ، އޭރު ލޯނު ދައްކާ ވާހަކަ އަބަދު ނުދައްކާ ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ. 2028 ގައި މި ސަރުކާރު ނިމިގެންދާއިރު، ދެން ހަވާލުވާ ސަރުކާރަކުން ދައްކަން ޖެހޭ ލޯނެއް އޮންނާނެތޯ. ނޯންނާނެތޯ،" ނާޒިލް ވިދާޅުވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދު މަދުވާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖޭގެ ނިޒާމު ބިނާވެފައިވަނީ ދަރަންޏާއި ނުލާ ހިންގޭ ގޮތަކަށް ނޫން ކަމަށެވެ.

"ދަރަނި ހުންނާނެ އިނގޭތޯ. ސީދާ އެ ސުވާލަށް ޖަވާބު އަރުވައި ކަމަށް ވަންޏާމު ދަރަނި ހުންނާނެ. އެކަމު މީގަ ތަފާތަކީ އިނގޭތޯ. އިއްޒަތްތެރި މެންބަރު. އަޅުގަނޑަށް ހީވަނީ ދަރަނީގަ މި ދިމާވާ މައްސަލައަކީ. މި ވަރަށް އެލެމެންޓަރީ ލެސަން އެއް ކަންނޭނގެ،" ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މުއިއްޒު ވިދާޅުވި 9.3 ބިލިއަނަކީ އަންނަ އަހަރުގެ ކުރީކޮޅު މެޗުއާ ވާ ސުކޫކާއި ބޮންޑުގެ ޕޭމަންޓަށް އަރާނެ ހަރަދެވެ.