18 ނޮވެންބަރު 2025 - 13:23 0
18 ނޮވެންބަރު 2025 - 13:23 0
ވިޓަމިން ޑީ އަކީ އިންސާނުންގެ ހަށިގަނޑުގައި ދިރުން ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި ވިޓަމިން ޑީ އަކީ ކެންސަރާ ދެކޮޅު ތާސީރެއް އެކުލެވޭ އެއްޗެކެވެ. ވިޓަމިން ޑީގެ ސަބަބުން ބޮޑު ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.
އަނެއް ދިރާސާއެއްގައި ބުނެފައިވާ ގޮތުން ވިޓަމިން ޑީއަކީ އިންސާނާގެ ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދީ އުމުރު ދިގުކޮށްދޭ މާއްދާއެކެވެ. ތިން ވަނަ އަދި ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން ހާޓް އެޓޭކެއް ޖެހުމަށް ފަހުގައި ވިޓަމިން ޑީ ބޭނުންކުރާ ނަމަ، ދެ ވަނަ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.
ވިޓަމިން ޑީއަކީ ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ހޯމޯންތަކުގެ ތެރޭގައި ހިމެނޭ ހޯމޯންއެކެވެ. ވަކިން ހާއްސަކޮށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމާއި ހަށިގަނޑުގައި އުފެދޭ ދުޅަތައް މައިތިރިކޮށް ނައްތައިލުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
އެއީ ގުދުރަތީ ގޮތުން ބައެއް ބާވަތުގެ ކާނާގައި އެކުލެވޭ މާއްދާއެކެވެ. އަދި ޑައެޓްރީ ސަޕްލިމެންޓެއްގެ ގޮތުގައި އުފައްދާފައި ވެސް ހުރެއެވެ. އޭގެ އިތުރުން އަތްވަށް މީހާގެ ހަށިގަނޑު ހުށަހޮޅުމުން އެ ހަށިގަނޑުން ވެސް ވިޓަމިން ޑީ އުފައްދައިދެއެވެ.
ވިޓަމިން ޑީއަކީ އިންސާނުންގެ ދިރުމަށް މިހާ މުހިންމު މާއްދާއަކަށް ވީއިރު ވެސް، އެކަށީގެންވާ މިންވަރަށް އިންސާނުންނަށް ނުލިބޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ޑީ ހިމެނެއެވެ. ކޮންމެ މީހަކަށް ވެސް ކޮންމެ ސައްވީސް ގަޑިއިރެއްގެ ތެރޭގައި ވިޓަމިން ޑީ ލިބެންޖެހޭނެ ކަމަށް ޑޮކްޓަރުންނާއި ސައެންސްވެރިން ކަނޑައަޅާފައި އޮންނަ މިންގަނޑެއް އޮވެއެވެ.
އެ މިންގަނޑަކީ، ގިނަ މީހުންނަށް އެވްރެޖްކޮށް ދުވާލަކު 15 މައިކްރޯގްރާމްގެ ވިޓަމިން ޑީ ބޭނުންވުމެވެ. ސައެންސްވެރިން ބުނާ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑުގައި މާ ގިނައިން ވިޓަމިން ޑީ ހިމެނިއްޖެ ނަމަ، އެކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެދާނެއެވެ.
ވިޓަމިން ޑީ އާއި ކެންސަރާ ހުރި ގުޅުން ދެނެގަތުމަށް ކޮށްފައިވާ 50 ދިރާސާއެއް ތަހުގީގު ކުރުމުން ސާބިތުވެފައިވާ ގޮތުގައި ވިޓަމިން ޑީއަކީ ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދިނުމަށް އެހީވެދީފާނެ މާއްދާއެކެވެ. އަދި އެ ބަލިން މުޅިން ސަލާމަތްވެވޭ މިންވަރަށް އެމީހެއްގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ.
އެޕްރީލް 2025ގައި، ނިއުޓްރިއަންޓްސް ކިޔާ ޖާނަލެއްގައި ޝާއިއުކޮށްފައިވާ މި ތަހުގީގީ ރިޕޯޓްގައި ބުނެފައިވާ ގޮތުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދިނުމުގެ އިތުރުން، ވިޓަމިން ޑީ ބޭނުންކުރުމަކީ، އެ ބާވަތުގެ ކެންސަރުން މުޅިން ފަސޭހަވެ އެ ބަލީގައި މަރުވުމުގެ ފުރުސަތު ވެސް ކުޑަކޮށްދޭ ކަމެކެވެ. އޭގެ އިތުރުން ވިޓަމިން ޑީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާއެއް ކަމަށާއި، ހަށިގަނޑުގައި އުފެދޭ ދުޅަތައް ނައްތައިލުމުގައި ދިފާއީ ނިޒާމާ އެކުގައި މަސައްކަތް ކުރާ ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ، ވިޓަމިން ޑީ އަކީ ކެންސަރާ ދެކޮޅު ބަހާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މާއްދާއެއް ކަމެވެ. އެ ގޮތުން ވީރާނާވަމުންދާ ސެލްތައް މެރުމުގަޔާއި ކޮންޓްރޯލެއް ނެތި ސެލްތައް ހެދި ބޮޑުވުން ހުއްޓުވުމުގައި ވެސް ވިޓަމިން ޑީ މުހިންމު ދައުރެއް އަދާކުރެއެވެ. ވިޓަމިން ޑީގައި ހިމެނޭ މި ސިފަތަކުގެ ސަބަބުން، ކެންސަރަށް ދޭ ފަރުވާތަކާ އެކުގައި ވިޓަމިން ޑީ ބޭނުންކުރުމުން، މިހާރަށް ވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ސައެންސްވެރިން އުންމީދު ކުރެއެވެ.
މި އަހަރުގެ ޖުލައި މަހު، ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ލަފާ ދީފައިވާ ގޮތުގައި ވިޓަމިން ޑީގެ ސަޕްލިމެންޓެއް ބޭނުންކުރާ ނަމަ، އެމީހެއްގެ ވައިޓް ބްލަޑް ސެލްތަކުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އެހެންކަމުން، ވިޓަމިން ޑީއަކީ އިންސާނާގެ ބަޔޮލޮޖިކަލް އުމުރު ދަށްކޮށްދޭނެ ކަމެކެވެ. މާނައަކީ އެމީހެއްގެ ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދޭނެއެވެ.
ވިޓަމިން ޑީއާ ބެހޭ ގޮތުން ހަދާފައިވާ އެހެން ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ވުރެ ވިޓަމިން ޑީގެ ނިސްބަތް ދަށުގައި ހުންނަ ނަމަ، އެމީހެއްގެ ހިތުގެ ދުޅަހެޔޮކަން ދަށްވެއެވެ. އޭގެ ފަހުން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން އެއް ފަހަރު ހާޓް އެޓޭކެއް ޖެހުމަށް ފަހުގައި، ވިޓަމިން ޑީ ގެ ސަޕްލިމެންޓެއް ބޭނުންކުރާ ނަމަ، ދެ ވަނަ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.
މި ދިރާސާގައި ބައިވެރިކުރީ، މި ދިރާސާ ފެށުމުގެ ކުރިން އެއް މަސް ތެރޭގައި ހާޓް އެޓޭކެއް ޖެހިފައިވާ 630 މީހެކެވެ. އުމުރުން 63 އަހަރުގެ އެ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ދިރާސާ ކުރި މީހުން، އޭގެ ތެރެއިން ވަކި ބަޔަކު އިޚްތިޔާރުކޮށް އެމީހުންނަށް ވިޓަމިން ޑީ3ގެ ފަރުވާ ދިނެވެ.
މި ދިރާސާ ފެށި އިރު، ބައިވެރިންގެ 87 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުރީ އެވްރެޖްކޮށް ހުންނަންޖެހޭ މިންވަރަށް ވުރެ – ކޮންމެ މިލިލިޓަރަކަށް 27 ނެނޯގްރާމް – ދަށުގައެވެ.
އެމީހުންނަށް ވިޓަމިން ޑީ3ގެ ފަރުވާ ދިނުމަށް ފަހު، އެމީހުންގެ ހިތުގެ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް، ސައެންސްވެރިން ދިޔައީ ބަލައި ދިރާސާ ކުރަމުންނެވެ. އެ ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވުނީ، ވިޓަމިން ޑީ3ގެ ފަރުވާ ދިން މީހުންނަށް، ދެވަނަ ހާޓް އެޓޭކެއް ޖެހުމުގެ ނިސްބަތް ހުރީ 3.8 ޕަސެންޓްގައި ކަމެވެ. އަދި ވިޓަމިން ޑީ3ގެ ފަރުވާ ނުދޭ މީހުންގެ އެ ނިސްބަތް ހުރީ 7.9 ޕަސެންޓްގައި ކަމެވެ.
މިދިރާސާއަށް ފަހުގައި ސައެންސްވެރިން ބުނެފައިވަނީ ވިޓަމިން ޑީއަކީ ހިތުގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭ ފަރުވާއެއް ނޫން ކަމަށެވެ. ނަމަވެސް، ތަކުރާރުކޮށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ދެ ބައިކުޅަ އެއް ބަޔަށް ކުޑަކޮށްދެއެވެ. އޭގެ އިތުރުން، ލޭގެ ޕްރެޝަރު ދަށްކުރުމުގައި ވެސް ވިޓަމިން ޑީ މުހިންމު ދައުރެއް އަދާކުރާ ކަން ސައެންޓިފިކް ދިރާސާތަކުން ދައްކައެވެ.
Comment