Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

18 ނޮވެންބަރު 2025 - 09:11 2


އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

18 ނޮވެންބަރު 2025 - 09:11 2

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ހަދާކަން ދަ ޓްރަމްޕު އޮގަނައިޒޭޝަނުން އިއުލާނުކޮށްފި އެވެ.

ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ނަމުގައި ވެރި ރަށް މާލެ ކައިރީގައި ހަދާ އެ ރިސޯޓު ތަރައްގީ ކުރަނީ ޓްރަމްޕު އޮގަނައިޒޭޝަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ރިއަލް އެސްޓޭޓް ކުންފުނި ޑާ ގްލޯބަލްއާ ގުޅިގެންނެވެ.

އެ ރިސޯޓު ތަރައްގީ ކުރަނީ ކޮން ރަށެއްގައި ކަމެއް ޓްރަމްޕު އޮގަނައިޒޭޝަނަކުން ނުބުނެ އެވެ. އެކަމަކު އެ ރަށަކީ ހުޅުލެއާ 25 މިނެޓު ދުރުގައި އޮންނަ ރަށެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ރިސޯޓު ހަދާ ނިމޭނެ ކަމަށް ބެލެވެނީ 2028 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމަށެވެ.

ވޯޓާ އަދި ބީޗް ވިލާ ހިމެނޭ ގޮތަށް އެ ރިސޯޓުގައި 80 ކޮޓަރި ހަދަން ޓްރަމްޕު އޮގަނައިޒޭޝަނުން ވަނީ ނިންމައިފަ އެވެ. މިއީ ދިވެހިރާއްޖޭގައި ޓްރަމްޕުގެ ކުންފުނިން ހަދާ ފުރަތަމަ ރިސޯޓެވެ.

އެ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ޓޯކެން ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ޓޯކަނައިޒޭޝަންއަކީ ހަރު މުދަލެއްގެ އެސެޓު ޑިޖިޓަލް ޓޯކެންއަށް ބަދަލުކޮށްގެން ވިއްކުމުގެ މަރުހަލާ އެވެ. މިއީ ޑިވެލޮޕްމަންޓު މަރުހަލާގައި އޮތް ޕްރޮޖެކްޓެއް ޓޯކަނައިޒް ކުރާ ދުނިޔޭގެ ވެސް ފުރަތަމަ ފަހަރެވެ.

ޑޮނަލްޑު ޓްރަމްޕުގެ ދަރިކަލުން އަދި ޓްރަމްޕު އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެރިކް ޓްރަމްޕު ވިދާޅުވީ، ޓްރަމްޕު އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ސަބަބުން މި ސަރަހައްދުގައި ވެސް ލަގްޒަރީ "ރިޑިފައިން" ވާނެ ކަމަށެވެ.

ރިސޯޓުގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދާނީ ޑާ ގްލޯބަލް ޑިވެލޮޕްމަންޓް މޯލްޑިވްސް އިން ކަމަށް ބެލެވެ އެވެ. އެ ކުންފުނި ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ ޖެނުއަރީ، 2024، ގަ އެވެ.