Advertisement

ގޫގުލްއިން އައްޑޫއަށް ސަބްމެރިން ކޭބަލެއް ލޭންޑުކޮށް، ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަނީ

17 ނޮވެންބަރު 2025 - 22:24 4

އަމަން ހަލީމް

އަމަން ހަލީމް

ގޫގުލްގެ "ދިވަރު" ސަބްމެރިން ކޭބަލް ދަތުރުކުރާ މަގު: މި ކޭބަލުން އޮމާނާއި ރާއްޖެ އާއި ކްރިސްމަސް އައިލެންޑް ގުޅާލާނެ --- ފޮޓޯ: ގޫގުލް


ގޫގުލްއިން އައްޑޫއަށް ސަބްމެރިން ކޭބަލެއް ލޭންޑުކޮށް، ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަނީ

17 ނޮވެންބަރު 2025 - 22:24 4

ދުނިޔޭގެ ބިޔަ މަލްޓިނޭޝަނަލް އަދި އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލްފަބެޓުގެ ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއެއް މިއަދު އިއުލާންކޮށްފި އެވެ.

ގޫގުލް އާއި ދިވެހި ސަރުކާރުން ކުރި އިއުލާނުތަކުގައިވާ ގޮތުގައި، "ދިވަރު" ނަން ދެވިފައިވާ މި ކަނޑުއަޑީގެ ކޭބަލް ސިސްޓަމުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާނެ އެވެ.

ދިވަރަކީ އިހުގެ ދިވެހި ރިޔަލު އޮޑިދޯނިފަހަރުގެ ފަން ރިޔަލުގެ ބޭރުން އޮންނަ ވަލެވެ. މިއީ އިހުގެ ދިވެހި މާލިމީންގެ ހުނަރާއި، ހިތްވަރާއި، ތަޖުރިބާ ރަމްޒުކޮށްދޭ ކަމެއް ކަމަށް ގޫގުލްގެ ރަސްމީ ބްލޮގުގައި، އެ ކުންފުނީގެ ގްލޯބަލް ނެޓްވާކިން އެންޑް އިންފްރާސްޓްރަކްޗާގެ ވައިސް ޕްރެޒިޑެންޓު، ބިކާޝް ކޯލޭ ލިޔެފައި ވެ އެވެ.

ގޫގުލްއިން ބުނީ މިއީ އެ ކުންފުނީގެ "އޮސްޓްރޭލިއާ ކަނެކްޓް އިނީޝިއޭޓިވް" އިތުރަށް ފުޅާކޮށް، އިންޑިއާ ކަނޑައުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ ކަމަަށެވެ.

އެ ގޮތުން، ކޭބަލް އިންވެސްޓުމަންޓުގެ އިތުރުން ކަނެކްޓިވިޓީ ހަބެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށް ގޫގުލްއިން ބުންޏެވެ. އަދި ރާއްޖެ އާއި ކްރިސްމަސް އައިލެންޑަކީ މެދުއިރުމައްޗާއި އެފްރިކާ އާއި އޯޝޭނިއާ އަދި ދެކުނު އޭޝިއާގެ ކަނެކްޓިވީޓީ ރަނގަޅުކުރަން ގުދުރަތީ ގޮތުން ރަނގަޅު ލޮކޭޝަނެއްގައި އޮތް ދެ ތަން ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ގޫގުލްއިން މި އިންވެސްޓުމަންޓު ކުރަނީ ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫއާ ބައިވެގެންނެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުގެ ތެރެއިން ގޫގުލްގެ ވެރިންނާ އެކީ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން އައި އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި އިންވެސްޓުމަންޓުން ބޭރުގެ އިތުރު އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރަން ޝައުގުވެރިކަން ހުރިކަން އަންގައިދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ގޫގުލްގެ މި އިންވެސްޓުމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވަގެންދޭ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓްއަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ޓެކްނޮލޮޖީގެ މި ދާއިރާތައް ފައްކާވުމުން، ޓޫރިޒަމަށް ބަރޯސާވުން ކުޑަވެ، މިއީ އިގުތިސޯދު ސިންދަފާތުކޮށް، އިތުރު ވަޒީފާތައް އުފައްދަން ސަރުކާރުން ކުރާ މަސަައްކަތަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ގޫގުލްއިން ރާއްޖެއަށް ސަބްމެރިން ކޭބަލެއް ގެންނައިރު، ދިވެހި ސަރުކާރުން އިންވެސްޓުކޮށްގެން، އިންޑިއާގެ ރިލަޔަންސް-ޖިއޯއާ ގުޅިގެން ހިންގި "އޯސީއެމް-އައިއޭއެކްސް" ކޭބަލް ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ އެވެ. މި ކޭބަލް ވިއްކާލަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައި އޮއްވާ ސަރުކާރުން ވަނީ ކޭބަލް ހިދުމަތަށް ގެންނާނެ ކަމަށް ބުނެފަ އެވެ. އެ ފަހުން އޭގެ އެއްވެސް ހަބަރެއް ނުވެ އެވެ.