Advertisement

ހުލާސާކޮށް އިއްޔެ: ކަމެއް ނުވީ 2026 ބަޖެޓު ފާސް ނުކުރާތީޔޯ! މީނަ ދެއްކިޔަސް މިއީ ހަމަޖެހޭ ވާހަކައެއް ނޫން

18 ނޮވެންބަރު 2025 - 06:59 1


ހުލާސާކޮށް އިއްޔެ: ކަމެއް ނުވީ 2026 ބަޖެޓު ފާސް ނުކުރާތީޔޯ! މީނަ ދެއްކިޔަސް މިއީ ހަމަޖެހޭ ވާހަކައެއް ނޫން

18 ނޮވެންބަރު 2025 - 06:59 1

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގުނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްނުވާތީ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވީ އިއްޔެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޖަނާބު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހު ކަންކަން ނުކުރެވުނީ މިހާރު ފާސްކުރަން އުޅޭ ބަޖެޓު އަދި ފާސްކޮށްފައި ނުވާތީ ކަމަށެވެ.

"ބައެއް ބޭފުޅުން މިތަނުގައި ވާހަކަ ދައްކަވާއިރުގައި މިވެނިކަމެއް ނުވެޔޭ، އެވެނިކަމެއް ނުވެޔޭ، މިވެނި ރަށެއްގައި މަޝްރޫއުއެއް ނުނިމި ހުރި ވާހަކަ ފާހަގަކުރައްވައިފި، ތެދެއްމެ އެ ކަންކަން ނުވެ ހުރީ މިހާރު މި ފާސްކުރަން އުޅޭ ބަޖެޓު އަދި ފާސް ނުވާތީވެ، މިއީ ފާސްކުރަން އުޅޭ ބަޖެޓެއް، އަދި ފާހެއް ނުވޭ،" ޖަނާބު ވިދާޅުވި އެވެ.

"މި ބަޖެޓު އަދި ފާސްވެގެން އެ ބޭފުޅުންގެ ސަރުކާރުގައި ނުކޮށްދެއްވާ ހުރި ކަންކަމާއި ނުވެ ހުރި ކަންކަމާއި ހިޔާނާތްވެފައި ހުރި ކަންކަމާއި ނުނިމި ހުރި ޕްރޮޖެކްޓުތައް ނިންމިގެން ދާނީ މިއަދު އަޅުގަނޑުމެން މި ފާސްކުރަން އުޅޭ 2026 ވަނަ އަހަރުގެ ބަޖެޓުން."

އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ބޮޑުވެގެން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވި ނަމަވެސް، ބަޖެޓު ބޮޑުވުމުން ޕީއެންސީގެ މެންބަރުން އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ބަޖެޓު ބޮޑުވެގެން އެކަމާ އަޅުގަނޑުމެން ފަހުރުވެރިވަމޭ، މި ބަޖެޓަކީ ބޮޑުވާންޖެހޭ ބަޖެޓެކޭ، އަދި މިއަށްވުރެ ވެސް ބޮޑުވިއްޔާއޭ ރައްޔިތުންނަށް ރަނގަޅު ވާނީ،" ޖަނާބު ވިދާޅުވި އެވެ.

ބަޖެޓު ބޮޑުވުމުން އެކަމާ ފަހުރުވެރިވާ ސަބަބަކީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ބޮޑުބައެއް ހިމެނިފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 9.3 ބިލިއަން ރުފިޔާއަކީ ދައުލަތުން ދައްކަން އޮތް އެންމެ ބޮޑު ދެ ލޯނު ދެއްކުމަށް ދާ ހަރަދެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމެއް ބަޖެޓުން އެކަށީގެންވާ މިންވަރަށް ތަރައްގީގެ މަޝްރޫއު ހިންގިފައި ނެތް ކަމުގެ ޝަކުވާ ގިނަ ވެފައި ވާއިރު، 2024 އަދި 2025 ބަޖެޓަކީ ރިކޯޑު އަދަދެއްގެ ދެ ބަޖެޓެވެ.

މުހިންމު ބައެއް ހަބަރުތައް