Advertisement

ފުވައްމުލަކަށް ދޫކުރަނީ މިންގަނޑަށް ފެތޭ ފެން ކަމަށް ބުނެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެއް ޖުމުލައިގެ ބަޔާނެއް ނެރެފި

17 ނޮވެންބަރު 2025 - 19:29 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުވައްމުލަކު މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފުވައްމުލަކަށް ދޫކުރަނީ މިންގަނޑަށް ފެތޭ ފެން ކަމަށް ބުނެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެއް ޖުމުލައިގެ ބަޔާނެއް ނެރެފި

17 ނޮވެންބަރު 2025 - 19:29 1

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރަމުން ދަނީ ޔުޓިލަރީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ މިންގަނޑަށް ފެތޭ ފެން ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ޔޫއާރުއޭއިން އެހެން ބުނީ މިއަދު އެ އޮތޯރިޓީން ނެރުނު އެއް ޖުމުލައިގެ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހިމަނައިފައެއް ނުވެ އެވެ.

"މި ވަގުތު ފުވައްމުލަކު ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނަކީ މި އޮތޯރިޓީގެ ސަޕްލައި ވޯޓާ މިންގަނޑަށް ފެތޭ ފެނެއްކަމުގައި ދަންނަވަމެވެ،" ޔޫއާރުއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ޔޫއާރުއޭއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ފުވައްމުލަކު ސިޓީއަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ސާފު ފެނުގެ ހިދުމަތް ކެނޑުމަށްފަހު، އެ ހިދުމަތް އަލުން ދޭން ފެށިއިރު ވެސް ބައެއް ގޭބީސީތަކަށް އަދިވެސް ލިބެނީ ނުސާފު ފެންކަމަށް އެ ސިޓީގެ ބައެއް މީހުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ފުވައްމުލަކުން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ފެނަކީ ބޭނުންކުރަން ރަނގަޅު ފެނެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އެ ފެނުގެ ކުލަ އާއި ވަހަށް ބަލާއިރު ރައްކާތެރިކަން ކަށަވަރުނުވުން ކަމަށް އޭނާ ބުންޏެވެ.

"ފެނުގެ މައްސަލަ އަދިވެސް ނުވޭ ހައްލެއް. ކުލަ ގޮއްސަހުރީ. ތައްޓަށް އަޅާލީމަ ހުންނަނީ ކުރުނބާ ތައްޓެއްހެން. ބޯން ރަނގަޅެއް ނުވާނެ އެ ފެނެއް،" އޭނާ ބުންޏެވެ.

ފުވައްމުލަކުގެ ބައެއް މީހުން ވަނީ ފެނުގެ މައްސަލަ އަދިވެސް ހައްލު ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ވަނީ ފެނުގެ ކުލަ މިހާރު ހުރިގޮތުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެހެންނަމަވެސް ފެނުގެ ހިދުމަތް ފުވައްމުލަކަށް ދޭ ފެނަކައިން ވެސް ވަނީ އެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކޮށްދީފަ އެވެ. އޭގެއިތުރުން ހެލްތު މިނިސްޓްރީން ވެސް ވަނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކުރި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެންކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.

ފުވައްމުލަކުގެ ފެން ތަގައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިއްބެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.