Advertisement

ފެން ތަޣައްޔަރުވި މައްސަލައިގައި ފެނަކަ ގޮވައިގެން ފުވައްމުލައް ކައުންސިލް ކޯޓަށް

17 ނޮވެންބަރު 2025 - 15:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލައް ސިޓީ ކައުންސިލުގެ މެންބަރުން ރަށު ތެރޭގައި ހަރަކާތްތެރިވަނީ: ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދާން ވަނީ ނިންމާފައި -- ފޮޓޯ: ފުވައްމުލައް ކައުންސިލް


ފެން ތަޣައްޔަރުވި މައްސަލައިގައި ފެނަކަ ގޮވައިގެން ފުވައްމުލައް ކައުންސިލް ކޯޓަށް

17 ނޮވެންބަރު 2025 - 15:06 0

ފުވައްމުލައް ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ފެން ތަޣައްޔަރުވެފައިވާ މައްސަލައިގައި އެ ކޯޕަރޭޝަން ގޮވައިގެން ކޯޓަށް ދިޔުމަށް ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދަނީ ފެނަކައިން އެ ސިޓީއަށް ދޫކުރާ ފެން ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެދިނުމަށް އެދި ކަމަށެވެ.

"ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުކޮށް ދެއްވުން އެދި ކައުންސިލުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން،" ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށް ދިނުމަކީ އިންސަނީ ހައްގަކަށްވާތީ، އެ ރައްޔިތުން އެކަމުން މަހުރޫމުވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަސް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ފެނަކައަށް އަންގައިފަ އެވެ. އެ އެތޯރިޓީ އިން އެންގި ކަންކަން ފުރިހަމަނުކޮށް ރައްޔިތުންނަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން، ފެނަކައިން ފުވައްމުލަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހި އެ ރަށުން ފެން އެއްކޮށް ކަނޑާލިތާ ދެ ދުވަސް ފަހުން އަލުން ފެނުގެ ހިދުމަތް ދޭން ފެށި އެވެ. އެކަމަކު މިހާރު ދޫކުރަމުން އަންނަ ފެނުގައި ވެސް ކިލަނބުކަމެއް ހުންނަ ކަމަށް ރައްޔިތުން ބުނެ އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.