Advertisement

ފުވައްމުލަކުގެ ބައެއް ގޭގެއަށް އަދިވެސް ލިބެނީ ނުސާފު ފެން

16 ނޮވެންބަރު 2025 - 09:55 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކު ގެއަކަށް މިއަދު ލިބުނު ފެން: ސަރުކާރުން ބުނަނީ އެ ރަށަށް ސާފު ފެން ލިބޭ ކަމަށް -- ފޮޓޯ: ކިޔުންތެރިއެއް


ފުވައްމުލަކުގެ ބައެއް ގޭގެއަށް އަދިވެސް ލިބެނީ ނުސާފު ފެން

16 ނޮވެންބަރު 2025 - 09:55 1

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ސިޓީއަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ސާފު ފެނުގެ ހިދުމަތް ކެނޑުމަށްފަހު، އެ ހިދުމަތް އަލުން ދޭން ފެށިއިރު ވެސް ބައެއް ގޭބީސީތަކަށް އަދިވެސް ލިބެނީ ނުސާފު ފެން ކަން އެނގިއްޖެ އެވެ.

ފުވައްމުލަކުން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ބައެއް ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ފެނަކީ ބޭނުންކުރަން ރަނގަޅު ފެން ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އެ ފެނުގެ ކުލަ އާއި ވަހަށް ބަލާފައި ރައްކާތެރިކަން ކަށަވަރުނުވުން ކަމަށް އޭނާ ބުންޏެވެ.

"ފެނުގެ މައްސަލަ އަދިވެސް ނުވޭ ހައްލެއް. ކުލަ ގޮއްސަހުރީ. ތައްޓަށް އަޅާލީމަ ހުންނަނީ ކުރުނބާ ތައްޓެއްހެން. ބޯން ރަނގަޅެއް ނުވާނެ އެ ފެނެއް،" އޭނާ ބުންޏެވެ.

ފުވައްމުލަކުގެ ބައެއް މީހުން ވަނީ ފެނުގެ މައްސަލަ އަދިވެސް ހައްލު ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ވަނީ ފެނުގެ ކުލަ މިހާރު ހުރިގޮތުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ފުވައްމުލަކަށް ފެނުގެ ހިދުމަތް ދޭ ފެނަކައިން ބުނާ ގޮތުގައި އެ ސިޓީގެ ހުރިހާ ތަނަކަށް ފެނުގެ ހިދުމަތް އަލުން ދޭން ފެށި، ކުރީގެ ހާލަތަށް ވަނީ ގެނެވިފަ އެވެ. އެގޮތުން ގޭގެއަށް ދޫކުރާ ފެނަކީ ރައްކާތެރި ފެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކުރި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.

ފުވައްމުލަކުގެ ފެން ތަގައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިއްބެވެ. އެ ރަށަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.