Advertisement

ނޫސްވެރިންނަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް ޕީއެންސީގެ ބޮޑު ޖަލްސާގައި މުއިއްޒު ބަހުގެ ހަމަލާތަކެއް ދެއްވައިފި

15 ނޮވެންބަރު 2025 - 17:30 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ބައިވެެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ނޫސްވެރިންނަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް ޕީއެންސީގެ ބޮޑު ޖަލްސާގައި މުއިއްޒު ބަހުގެ ހަމަލާތަކެއް ދެއްވައިފި

15 ނޮވެންބަރު 2025 - 17:30 4

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނޫސްވެރިންނަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތުން ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް ރާއްޖޭގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް އެ މިނިވަންކަން އޮންނާނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ކަމަށާއި އިސްލާމީ ޝަރީއަތުގައި މަނާކަމެއް ކުރުމުގެ ފުރުސަތު ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އެންމެ ފުޅާމިނުގައި މި ގައުމުގައި ހިިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ، އެކަމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ، އެހެންނަމަވެސް އިސްލާމްދީނުގައި މަނާކޮށްފައި އޮތް ކަމެއް، އިސްލާމީ ޝަރީއަތުގައި މަނާކަމެއް ކުރުމުގެ ފުރުސަތެއް ހިޔާލުފާޅު ކުރުމުގެ ނަމުގައެއް ދިވެހިރައްޔިތުން ބޭނުމެއް ނުވޭ ދޭކަށް، އެހެންވީމާ މި ސަރުކާރަކުން ނުދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އެ މޭރުމުން މުއިއްޒު ވާހަކަދެއްކެވިއިރު، ދިވެހިރާއްޖޭގެ އެއްވެސް ނޫހަކުން އިސްލާމް ދީނާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި ނުވަތަ ޝިއާރެއް ޕްރޮމޯޓު ކޮށްފައެއް ނުވެ އެވެ. އަދި މިނިވަން ނޫސްވެރިކަން މަރާލުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާނޫނެއް ހަދައި ތަސްދީގުކުރެއްވިއިރު ވެސް މުއިއްޒު އެފަދަ ވާހަކައެއް ނުދައްކަވަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކޮށް އަޑުއުފުލާ ނޫސްވެރިންނަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ.

"އެ ހުދޫދުން [އިސްލާމީ ހުދޫދުން] ބޭރުން ހިޔާލުފާޅު ކުރަންޏާ އެހެން ގައުމަކަށް ދާންޖެހޭނީ، އަޅުގަނޑަށް ވަރިހަމަ ފަރަންޖީ ކޮންމެ ތަނަކުން ކިތަންމެ ބަޔާނެއް ގެނަޔަސް އަޅުގަނޑުގެ ފަރުވާލެއް ނެތް، މި ގައުމުގައި އޮންނާނީ ދިވެހިރައްޔިތުން ބޭނުންވާ ގޮތް، އެއީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން،" މުއިއްޒު ހަރުއަޑުން ވިދާޅުވި އެވެ.

ހަރުކަށި ރާގުގައި މުއިއްޒު ނޫސްވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، ރާއްޖޭގައި ނޫސްވެރިކަމަށް އޮތް ހުރަސްތައް ޔޫރަޕިއަން ޔޫނިއަން އާއި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެމްބަސީތަކާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިދިޔަ ހަފުތާ ތެރޭގައި ހިއްސާކޮށްފައި ވަނިކޮށެވެ.