Advertisement

500 ފުލުހުން ނެރެގެން ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގަން އުޅޭކަން މުއިއްޒު ދުރާލާ އިއުލާނުކޮށްފި

13 ނޮވެންބަރު 2025 - 11:38 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަރިހުގައި ހޯމް މިނިސްޓަރު އިހުސާނާއި ޕޮލިސް ކޮމިޝަނަރު ނަވީން: މުއިއްޒު ވިދާޅުވާ ގޮތުގައި މި ސަރުކާރުން ޑްރަގާ ދެކޮޅަށް ގެންގުޅެނީ ވަރަށް ހަރުކަށި ސްޓޭންޑެއް--- ފޮޓޯ: ރައީސް އޮފީސް


500 ފުލުހުން ނެރެގެން ބޮޑު ޑްރަގް އޮޕަރޭޝަނެއް ހިންގަން އުޅޭކަން މުއިއްޒު ދުރާލާ އިއުލާނުކޮށްފި

13 ނޮވެންބަރު 2025 - 11:38 5

ގިނަ އަދަދެއްގެ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަން އުޅޭކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއަދު ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ،" އެކްސްގައި މުއިއްޒު ލިޔުއްވާފައިވެ އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް، ވެރިކަމަށް ވަޑައިގެންނެވީއްސުރެ މުއިއްޒު ގެންދަވަނީ ހަރު ބަސް ވިދާޅުވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ކުށްކުރާ ގޭންގުތަކާއި ދެކޮޅު އޮޕަރޭޝަންތަކުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ގާނޫނެއް ވެސް މި ސަރުކާރުން ވަނީ ހަދާފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ބޮޑު އޮޕަރޭޝަން ގައި ގޭންގު ގާނޫނުގެ ބޭނުން ފުލުހުން ހިފާނެ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ޑްރަގާ ދެކޮޅަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. އެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބޭން ދިރާސާ ކުރަން ޖުލައި މަހު މުއިއްޒު އެންގެވި އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

"އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި،" މުއިއްޒު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް މީހުންނަށް ދޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.