12 ނޮވެންބަރު 2025 - 13:00 0
އަހުމަދު އާއިދު
އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ: މުއިއްޒުގެ ދަތުރުތަކުން އެދޭވަރުގެ ބޮޑެތި ނަތީޖާތަކެއް ނުނިކުތަސް ރާއްޖެއަށް ފައިދާތަކެއް ކުރި އޭނާ މިއަދު ވިދާޅުވި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
12 ނޮވެންބަރު 2025 - 13:00 0
ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުން އެދޭވަރުގެ ބޮޑު ނަތީޖާއެއް ނުނިކުތަސް ރާއްޖެއަށް ފައިދާތަކެއް ކުރި ކަމަށް އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ މުއިއްޒުގެ ދަތުރުތަކުން ނަތީޖާއެއް ނުނިކުންނަ ކަަމަށާއި ބޭރު ގައުމުތަކުން އެހީ ނުހޯދޭ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ބަޖެޓު ބަހުސްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"ދެންމެ ވިދާޅުވީ [މުއިއްޒު] ހޮލިޑޭ ހެއްދެވިއްޔޭ. ނޫން. ބުރަކޮށް މަސައްކަތް ކުރެއްވީ. އެ ދަތުރުފުޅުން އަޅުގަނޑުމެން އެދޭހާ ނޫނީ އަޅުގަނޑުމެން އުންމީދުކުރާހާ ބޮޑު ނަތީޖާއެއް ނުނިކުމެ ހިނގައިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ނޭނގޭ ކިތަންމެ ގިނަ ގުނަ ފައިދާތަކެއް ރާއްޖެއަށް ކުރި،" ދީދީ ވިދާޅުވި އެވެ.
އެގޮތުން، ރާއްޖޭގެ އިގުތިސޯދު މިހާރު އަދި ވޭތުވެދިޔަ ދެ އަހަރު އޮތް ހާލަތުގައި ވެސް ބަޔެއްގެ ފައިބުޑަށް ނުވެއްޓި ކުރިއަށް ދެވުނީ މުއިއްޒުގެ ދަތުރުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރި މަސައްކަތްތަކުގެ ނަތީޖާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާ އާ އެއްކޮށް ވެސް ގުޅުން ރަނގަޅު ކުރީ. ޔޫރަޕިއަން ޔޫނިއަން އާ އެއްކޮށް ވެސް ގުޅުން ރަނގަޅު ކުރީ. އަދި، ޔޫއެންގެ މެންބަރަކަށް އޮވެގެން އެތާނގަ ވެސް ވަކާލާތު ކުރަންވާ ގޮތަށް ވަކާލާތު ވެސް ކުރަނީ،" ބަޖެޓު ބަހުސް ގައި ދީދީ ވިދާޅުވި އެވެ.
މުއިއްޒުގެ ދަތުރުތަކާއި ގުޅުވާ މީކާއިލް އެންމެ ބޮޑަށް ފާޑުވިދާޅުވީ ގައުމުތަކުން އެހީ ނުލިބުމާ ގުޅުވަ އެވެ. ފިނޭންސް މިނިސްޓްރީން މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ފައިސާގެ ހިިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސުން އަންދާޒާކުރަނީ މި އަހަރުގެ ތެރޭގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 34.4 މިލިއަން ރުފިޔާ ކަމަށެވެ. މިއީ އެންމެ 2.2 މިލިއަން އެމެރިކާ ޑޮލަރެވެ. ފިނޭންސުން މިހާރު ބުނަނީ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ ދެ ޕަސެންޓު ވެސް ނުލިބޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުއިއްޒު އެންމެ ފަހުން ބޭރުގެ ގައުމުތަކަށް ކުރެއްވި ހަތަރު ދަތުރުގެ ހަރަދުތައް ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.
ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި މުއިއްޒު ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ.
ނަމަވެސް، މި އަހަރު އޭޕްރީލް މަހަށްފަހު އެމަނިކުފާނު ހަތަރު ގައުމަކަށް ކުރެއްވި ދަތުރުތަކުގެ ހަރަދުތައް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެ ތަފުސީލުތައް ހާމަނުކުރާ ސަބަބެއް ވެސް ރައީސް އޮފީހުން ނުބުނެ އެވެ.
ހަރަދު ހާމަނުކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment