Advertisement

ފުވައްމުލަކު ފެނުގެ ކާރިސާ: ސަރުކާރުން ބުނި ގަޑިއަށް މައްސަލަ ހައްލުކޮށް ފެން ދޫނުކުރެވުނު

11 ނޮވެންބަރު 2025 - 23:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކު ފެން ޕްލާންޓު -- ފޮޓޯ: އަބްދުﷲ ޖަމީލް


ފުވައްމުލަކު ފެނުގެ ކާރިސާ: ސަރުކާރުން ބުނި ގަޑިއަށް މައްސަލަ ހައްލުކޮށް ފެން ދޫނުކުރެވުނު

11 ނޮވެންބަރު 2025 - 23:27 0

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކޮށް، ހައެއްކަ ގަޑައިރުގެ ތެރޭގައި ފެން ދޫކުރަން ފެށޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިޔަސް، އެ ވަގުތު ފަނައަޅައި ދިޔައިރު ވެސް އެ ރަށަށް ފެނެއް ދޫނުކުރެ އެވެ.

އިއްޔެ މެންދުރު އެރަށުން ފެން ކަނޑާލީ ޓެސްޓުގެ ކުރި ފެނުގެ ސާމްޕަލްގެ ނަތީޖާ ގޯސްވުމުންނެވެ.

ހީނާ މިއަދު މެންދުރު 2:51 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ" ކަމަށެވެ.

ނަމަވެސް އަދިވެސް އެރަށުގެ ގޭގެއަށް ސަޕްލައި ފެން ދޫނުކުރާ ކަމަށާއި، އަދި ދޫކުރެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް، އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.


ފުވައްމުލަކުގެ ފެނުގެ ކާރިސާ ހަމައަކަށް އެޅުވުމަށް ކަނޑައެޅި ލަނޑުދަނޑި ފެއިލްވީ ކީއްވެގެން ކަމެއް ހީނާ ހާމައެއް ނުކުރެ އެވެ. އަދި އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

ގާތްގަނޑަކަށް 10،000 މީހުން ދިރިއުލެމުންދާ ފުވައްމުލަކުގައި މިވަގުތު 150 އަށް ވުރެ ގިނަ ޓޫރިސްޓުން ވެސް އެބަ ތިބި ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

"މިރަށުގެ ބިމުގެ ފެން ރަނގަޅު ވާނީ ވަރަށް މަދު ސަރަހައްދެއްގައި. އެހެން ސަރަހައްދުތަކުގައި ވަޅުފެން ހުންނާނީ ކުނިވެފައި، ނުވަތަ ލޮނުވެފައި. ބޯން ވެސް، އެއްޗެހި ދޮންނަން ވެސް ކަމުނުދާނެ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފެނުގެ މައްސަލައިގައި މިއަދު ހަވީރު އެރަށުގައި މުޒާހަރާކޮށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފަ އެވެ.

ބޯނެ ފަނަށް ޖެހިފައިވުމުން، އެކަން ހައްލުކުރަން މާލެއިން ވެސް ފަނީ ފެން ކޭސް ފޮނުވައިފަ އެވެ.