11 ނޮވެންބަރު 2025 - 22:29 0
11 ނޮވެންބަރު 2025 - 22:29 0
ލިޒްބަން، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 11) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި، އެހެން ނަމަވެސް، ފުޓްބޯޅައިން ރިޓަޔާކުރާނެ ދުވަހެއް އަދި ޔަގީންނުވާ ކަމަށް ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މި ހަފްތާގައި އަޔަލެންޑް ބަލިކޮށް، ޕޯޗުގަލް އަށް އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރެވޭނެ އެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި ކްލަބާއި ގައުމީ ޓީމަށް 950 ގޯލު ޖަހާފައިވާއިރު، އޭނާ ވަނީ ޕޯޗުގަލްއާ އެކު، 2004 ވަނަ އަހަރުގެ ޔޫރޯގެ ފަހުން ބައިނަލްއަގުވާމީ ބޮޑެތި ހުރިހާ މުބާރާތެއްގައި ކުޅެ، ޔޫރޯ ފުޓްބޯޅަ މުބާރާތާއި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރިޔާދުގެ ޓޫރިޒަމް ފޯރަމްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ޔަގީނުން ވެސް އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ.
"ޔަގީންކަމެއް ދެން އޮތީ އަހަރެންގެ ފަހު ވޯލްޑް ކަޕް، އަހަންނަށް އަންނަ އަހަރު 41 އަހަރު ފުރޭނެ، ފުޓްބޯޅައިގައި އަހަންނަށް ހުރިހާ ކަމެއް ކުރެވިއްޖެ، މި ކަމުގެ ތެރޭގައި 25 އަހަރު އުޅެވިއްޖެ، އަހަންނަށް ގިނަ ރެކޯޑްތަކެއް ގައުމީ ޓީމާއި ކްލަބްތަކުގައި އެކި ހާލަތްތަކުގައި ހެދިފައި އެބަހުރި، މިއީ ހައްތަހާ ވެސް ފަހުރުވެރިވެވޭނެ ކަަންކަން،" ޕޯޗުގަލް ގައުމީ ޓީމަށް 143 ގޯލު ޖަހައި، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހޯލްޑަރު ރޮނާލްޑޯ ބުންޏެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅެފިނަމަ، އެ ވެގެންދާނީ އޭނާގެ ހަ ވަނަ ވޯލްޑް ކަޕަށެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެފައިވާ ރޮނާލްޑޯ، ދާދި ފަހުން، ޕިއާސް މޯގަންގެ އަންސެންސާޑް އަށް ދިން އިންޓަވިއުގައި ރިޓަޔާކުރާ ވާހަަކަ ދެއްކި ނަމަވެސް އޭގެ މާނަ އަކީ މި ސީޒަނަށް ފަހު އެ ގޮތަށް ނިންމުމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
"އަހަރެން ފުޓްބޯޅައިގައި މިހާރު ހިތްހަމަޖެހޭ ކަންކަން ކުރަަމުން މި އަންނަނީ، ޕްރޮފެޝަނަލީ ގިނަ ކަންކަން ހާސިލްވެއްޖެ، އަދިވެސް ކުރަން އެބަހުރި، އެކަމަކު، މިހާރު މި އުމުރުގަައި މަތީ ފަންތީގައި އަހަރެން ޝައުގުވެރިކަން ދަމަހައްޓައިގެން މޮޅު ކެރިއަރެއް ކުރިއަށްގެންދަން ބޭނުމީ،" ރޮނާލްޑޯ ބުންޏެވެ.
ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް 2023 ވަނަ އަހަރުގެ ޖެނުއަރީގައި ސޮއިކުރި ރޮނާލްޑޯ ވަނީ މި އަހަރުގެ ޖޫން މަހު އަލް ނަސްރާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment