Advertisement

ފުވައްމުލައް ފެނަށް ޖެހި 24 ގަޑިއިރުވުމުން މުޒާހަރާކޮށްފި

11 ނޮވެންބަރު 2025 - 19:17 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުވައްމުލަކުގައި ކުރި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާގައި މުއިއްޒު އާއި ފެނަކައިގެ އެމްޑީގެ އިސްތިއުފާއަށް ވަނީ ގޮވާފައި -- ފޮޓޯ: ކިޔުންތެރިޔެއް


ފުވައްމުލައް ފެނަށް ޖެހި 24 ގަޑިއިރުވުމުން މުޒާހަރާކޮށްފި

11 ނޮވެންބަރު 2025 - 19:17 3

ފުވައްމުލައް ސިޓީގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، ފެން ތަޣައްޔަރު ވުމާ ގުޅިގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކަނޑާލިތާ 24 ގަޑިއިރުވުމުން އެ ރަށުގެ ރައްޔިތުން މިއަދު މުޒާހަރާކޮށްފި އެވެ.

ފުވައްމުލަކުގައި މުޒާހަރާ ކުރި މީހުން ހިފައިގެން ތިބި ބޯޑުތަކުގައި މުހައްމަދު މުއިއްޒު އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފަ އެވެ.

ރަށުގެ ރައްޔިތުން ތިބީ ގައިން ތާހިރު ނުވެވިފައި ކަމަށާއި ރައްޔިތުންގެ އުދާސްތަކުގެ އަޑު އެހުމަށް ވެސް މުޒާހަރާގައި ވަނީ ގޮވާލާފަ އެވެ.

ރަށުގައި ދިރިއުޅޭ އާބާދީ ގާތްގަނޑަކަށް 10،000 އަށް އަރާފައިވާ ފުވައްމުލަކުން ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ އެވެ.

މިއާއެކު އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ފިހާރަތަކުގައި ހުރި ފެނުގައި ބަންދުކޮށްފައިވާ ފެން ގަނެ ހުސްކޮށްފަ އެވެ. އެހެންވެ، އެރަށުގައި ފެނަށް ޖެހިފައިވާ މައްސަލަ ހައްލުކުރަން ސަރުކާރުން މިހާރު ވަނީ މާލެއިން ފެން އުފުލަން ފަށައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ވައިގެ މަގުން މިހާތަނަށް ޖުމްލަ 2،800 ފެން ކޭސް ފުވައްމުލަކަށް ގެންދެވިފައިވާ ކަމަށެވެ.

"މިހާތަނަށް ފަސް ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ވަނީ ފުވައްމުލައް ސިޓީއަށް ގެންދެވިފައި. މިހާތަނަށް 1200، ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި," އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށެވެ.

ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާކަން އެނގުނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ފެނުގެ ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.