Advertisement

މާލޭގެ ރަށްވެހިންނާއި ދިރިއުޅޭ މީހުންނަށް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ހުޅުވާލަނީ

11 ނޮވެންބަރު 2025 - 12:03 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަސްމާލެ: އެތަނުން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: އަދަދު


މާލޭގެ ރަށްވެހިންނާއި ދިރިއުޅޭ މީހުންނަށް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ހުޅުވާލަނީ

11 ނޮވެންބަރު 2025 - 12:03 1

މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރި ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަސްމާލެއިން ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ހިއްކާ ބިމުން 15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކުގެ އިތުރުން މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ކަމަށެވެ.

"އާދެ ރަސްމާލެއިން އަޅުގަނޑުމެން މި ހިއްކާ ބިމުން ފުރަތަމަ ބުރުގައި އަޅުގަނޑުމެން މި އަންނަ އަހަރު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކޭނެ ބިމުގައި 15،000 ގޯތި ދިނުމަށްޓަކައި އަޅުގަނޑުމެން މި ހުޅުވާލަނީ،" މުއިއްޒު ވިދާޅުވި އެވެ.

"15،000 ގޯތި ދޭނީ އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މާލޭ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް. މާލޭ ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މި މާލޭގައި ދިރިއުޅޭ އެކި ފަރާތްތަކަށް."

މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި ރަސްމާލެއިން ގޯތިތައް ދޭނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގެ ދަށުން ކަމަށެވެ.

"އާދެ އަޅުގަނޑު ވީ ވައުދާ އެއްގޮތަށް އެއްވެސް ބޯހިޔާވެހިކަމެއް މިހާތަނަށް ނުލިބޭ 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން އެންމެ ނީޑީ ފަރާތްތަކަށް އެންމެ ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގައި. އަޅުގަނޑުވީ ހުރިހާ ވައުދެއް އޭގެ ފުދިގެންދާ ގޮތަށް މި ހުޅުވާލަން ނިންމާފައި މިވަނީ. ތަފްސީލްތައް އިއުލާން ކުރެވިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިންގުނަ ހަލުއިވާ ގޮތަށް ކަންކަން ފަހިކޮށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އިތުރު ޑްރެޖަރުތައް ވަރަށް އަވަހަށް ރާއްޖެ އައިސް މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަށް ބަލާއިރު، ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހިއްކުނީ އެންމެ 13 ޕަސެންޓެވެ.

ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ފުރަތަމަ ދިން މުއްދަތަކީ އަށް މަސްދުވަހެވެ. އެ މުއްދަތުގައި އެންމެ 29 ހެކްޓަރު ހިއްކުމުން އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވުމަށް ފަހު، މުއިއްޒު މިހާރު ދެއްވާ މުހުލަތަކީ މި ޑިސެމްބަރުގެ ނިޔަލަށެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.