Advertisement

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ދަމާސް ސޯލިހަށް އަރުވައިފި

11 ނޮވެންބަރު 2025 - 10:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދަމާސް ސޯލިހް: އެބޭފުޅާއަށް ވަނީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އަރުވާފައި -- ފޮޓޯ: ރައީސް އޮފީސް


ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ދަމާސް ސޯލިހަށް އަރުވައިފި

11 ނޮވެންބަރު 2025 - 10:45 0

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް، ރާއްޖެއަށް އެކި ރޮނގުތަކުން ހިދުމަތް ކުރައްވާފައިވާ ސ. ހުޅުދޫއަށް އުފަން މ. ޝުއާޒް، މުހައްމަދު ސޯލިހު (ދަމާސް ސޯލިހު) އަށް މިއަދު އަރުވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ނިޝާން މުލީގެ ޝަރަގުގެ އިއްޒަތް ދަމާސް ސޯލިހަށް އެރުވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އެ ޝަރަފު ދަމާސް ސޯލިހަށް އެރުވުމަށް މުއިއްޒު ނިންމެވީ ރާއްޖެއަށް ވިޔަފާރީގެ ތަފާތު ހިދުމަތްތައް ތައާރަފް ކުރައްވައި، ރާއްޖޭގައި ވިޔަފާރި ތަރައްގީކުރެއްވުމުގެ ރޮނގުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެއްވުމަށާއި އެކި ރޮނގު ރޮނގުން ހިލޭ ސާބަހަށް ވެސް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށްވާތީ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ދަމާސް ކުންފުނީގެ ޗެއަމަންގެ މަގާމުގައި ހުންނެވި ސޯލިހު ވަނީ އައްޑޫ ސިޓީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ގަމަށް ވަޑައިގެން އެތަނުގެ ބްރިޓިޝް ރޯޔަލް އެއާފޯސްގައި ވޮކޭޝަނަލް ޓްރޭޑް ޓްރެއިނިންގެ ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރެއްވުމަށްފަހު، އުމުރުފުޅުން 17 އަހަރުގައި ރޯޔަލް އެއާފޯސްގައި ހިދުމަތް ކުރައްވަން ފައްޓަވައިފަ އެވެ.

ދަމާސް ސޯލިހު ވަނީ 1961 އިން ފެށިގެން 15 ވަރަކަށް އަހަރު ރޯޔަލް އެއާފޯސްގައި ހިދުމަތް ކުރައްވައިފަ އެވެ. އެއަށްފަހު 1978 ގައި މާލެއަށް ހިޖުރަކުރައްވައި ރައްޓެހިންތަކަކާއެކު މާލޭގައި އެކި ވިޔަފާރިތައް ފެއްޓެވި އެވެ.

އެގޮތުން ފެއްޓެވި ކާގޯ ކްލިއާ ކުރުމުގެ މަސައްކަތާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތުން ލިބުނު ނަފާގެ ދަށުން އަލްޓާފް އެންޓަޕްރައިޒަސް ކުންފުނި އުފެއްދެވި އެވެ. އެއަށްފަހު އެ ކުންފުނިން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުންނެވި އެވެ.

ދަމާސް ސޯލިހް: އެބޭފުޅާއަށް ވަނީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އަރުވާފައި -- ފޮޓޯ: ރައީސް އޮފީސް


ދަމާސް ސޯލިހު ވަނީ އިބްރާހިމް މުހައްމަދު ދީދީ އާއެކު ދިމްސް ނަމުގައި ކުންފުންޏެއް އުފައްދަވާ ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވި އެވެ. 17 އަހަރު ދުވަހު ދިމްސް ކުންފުނި ހިންގެވުމަށްފަހު 2000 ވަނަ އަހަރު އެ ދެ ބޭފުޅުން ވަކިން ވިޔަފާރި ކުރައްވަން ފެއްޓެވި އެވެ.

ދަމާސް ސޯލިހު ވަކިން ވިޔަފާރި ކުރައްވަން ފެއްޓެވީ ދަމާސްގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެންނެވެ. އެ ކުންފުނިން ރާއްޖެއިން ބޭރުން މުދާ ގެންނަވައިގެން ވިޔަފާރި ކުރެއްވި އެވެ.

ޗައިނާއިން ރާއްޖެ ފަތުރުވެރިން ގެނައުމަށް އެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމުގައި ވެސް ދަމާސް ސޯލިހު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. އޭގެއިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ސޯލިހު ފުރުއްވި އެވެ.

ދަމާސް ސޯލިހު ހަތަރު ރިސޯޓެއް މިހާރު ހިންގަވާއިރު، މާލޭގައި ސިޓީ ހޮޓަލުގެ ގޮތުގައި ތިން ހޮޓާ ހިންގަވަމުން ގެންދަވަ އެވެ.

ރިއަލް އެސްޓޭޓް ބޮޑެތި މަޝްރުއުތައް ސޯލިހުގެ ދަމާސް ކުންފުނިން ވަނީ ހިންގަވައި، އެތައް އިމާރާތެއްގެ އިންޓީރިއާ ވެސް ވަނީ ފަރުމާކުރައްވާފަ އެވެ.

މީގެއިތުރުން އާގުބޯޓުފަހަރު ދުއްވުމާއި، ޔަންމާ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކުމާއި، ފާނަ އާއި ހުއިފިލަނޑާގެ މަސްވެރިކަން ޓެކްނޮލޮޖީއާ ގުޅުވައިގެން ކުރެއްވުމާއި ފޯކަލް އިންފޯކޮމް ގުޅިގެން ކުރެއްވި އިންޓަނެޓްގެ ވިޔަފާރީގެ މަސައްކަތް ވެސް ފާހަގަކުރެވެ އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ކުރެއްވި ދުވަސްވަރު ދަމާސް ސޯލިހު ވަނީ ސާކްގެ ގައުމުތަކުގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ގުޅުވައި ދިވެހި ޒުވާނުން ވިޔަފާރިވެރީގެ ތެރެއަށް ގެންނަވައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ދަމާސް ސޯލިހު ވަނީ 2012 ވަނަ އަހަރު ސިއްހީ ހިދުމަތްތައް ފެއްޓެވި އެވެ. އެގޮތުން މެޑިކާގެ ނަމުގައި ޒަމާނީ އާލަތްތަކާއެކު ހޮސްޕިޓަލެއްގެ މަސައްކަތް ފެއްޓެވި އެވެ.