Advertisement

ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް

11 ނޮވެންބަރު 2025 - 10:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޫސާ އަންވަރު: ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ވަނީ ހިދުމަތް ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް


ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް

11 ނޮވެންބަރު 2025 - 10:18 0

ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އެ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ސ. މީދޫއަށް އުފަން މޫސާ އަންވަރު (ތުއްތީދީ) އަށް މިއަދު އަރުވައިފި އެވެ.

މޫސާ އަންވަރަށް އެ ޝަރަފު އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ ރާއްޖެގެ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި ސިއްހީ ރޮނގުން މީހުން ބިނާކުރެއްވުމަށާއި ސިއްހީ ދާއިރާގެ އިސް މަގާމުތަކެއްގައި ހުންނަވައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށާއި ސިއްހީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މޫސާ އަންވަރަކީ އުމުރުން 16 އަހަރުގައި އައްޑޫ ސިޓީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެތަނުގައި ހުރި ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ހިދުމަތް ފެއްޓެވި ބޭފުޅެކެވެ. އޭރު އެ ފުރުސަތު އެބޭފުޅާއަށް ލިބިވަޑައިގެންނެވީ އިނގިރޭސި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ މަސައްކަތް މޫސާ އަންވަރު ފެއްޓެވީ 1977 ވަނަ އަހަރު މާލެ ބަދަލުވުވަޑައިގެން، އެލައިޑް ހެލްތު ސާވިސަސް ޓްރެއިނިން ސެންޓަރުގެ ޕްރެކްޓިކަލް ނާސް ޓީޗަރުގެ ވަޒީފާއިންނެވެ.

އެލައިޑް ހެލްތު ސާވިސް ޓްރެއިނިން ސެންޓަރުގައި މޫސާ އަންވަރު ހިދުމަތް ކުރެއްވިއިރު، ގިނަ ނަރުހުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ފެމިލީ ހެލްތު ވޯކަރުންނާއި ފާމަސިސްޓެންޓުން ތަމްރީން ކުރެއްވި އެވެ.

މީގެއިތުރުން އޭރު ހިދުމަތުގައި ތިބި ފޫޅުމައިންނަށް ޒަމާނީ ތަމްރިންތައް ދެއްވައި، ތަމްރިން ކޯސްތައް ފުރިހަމަކުރާ ކުދިންނާ އެކީގައި އެކި ތަމްރީން ދަތުރުތަކުގައި އަމަލީ ގޮތުން މޫސާ އަންވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެލައިޑުގައި ހިދުމަތް ކުރެއްވުމަށްފަހު ހެލްތު މިނިސްޓްރީއަށް ބަދަލުވެވަޑައިގެންނެވި އެވެ. މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވައި ރާއްޖޭގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރު ސަރުކާރުން ކުރި މަސައްކަތްތަކުގައި މޫސާ އަންވަރު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެއިތުރުން ސެންޓްރަލް ހޮސްޕިޓަލުގެ މަސައްކަތްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލު ކުރުމުގެ މަރުހަލާގައި ސަރުކާރުން އޭރު ކުރި ހުރިހާ މަސައްކަތެއްގައި ވެސް މޫސާ އަންވަރު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މޫސާ އަންވަރު ވަނީ އައިޖީއެމްއެޗްއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓްކުރުމަށާއި ހޮސްޕިޓަލުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި މީހުން ތަމްރީން ކުރުމުގެ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މޫސާ އަންވަރު އެންމެ ފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގަ އެވެ. އެ ބެފުޅާ ވަނީ ސިއްހި ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ.