11 ނޮވެންބަރު 2025 - 10:19 0
ލީވާން އަލީ ނާސިރު
ކަރެކްޝަންސްގެ އައު ހެޑްކުއާޓާސް: އެއީ ދެ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ 12،000 އަކަ ފޫޓުގެ ބޮޑު އިމާރާތެއް -- ފޮޓޯ: ކަރެކްޝަންސް
11 ނޮވެންބަރު 2025 - 10:19 0
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އައު ހެޑްކުއާޓާސް ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.
ހުޅުމާލެ ޖަލުގެ ގޯތި ތެރޭގައި ގާއިމުކޮށްފައިވާ ހެޑްކުއާޓާސް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިންނާއި ކަރެކްޝަންސްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް، ހަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއް ނެތުމުގެ ސަބަބުން މަހަކު އެތައް ލައްކަ ރުފިޔާ ކުލި ދެއްކި ކަމަށާއި ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފަސް އިމާރާތަކަށް ކަރެކްޝަނުން ބަދަލުވި ކަމަށެވެ.
އަލަށް ހުޅުވި ކަރެކްޝަންސްގެ ހެޑްކުއާޓާސްގެ އައު އިމާރާތަކީ ދެ ފަންގިފިލާގެ 12،000 އަކަ ފޫޓުގެ ބޮޑު އިމާރާތެކެވެ. އެ އިމާރާތުގައި ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަން / ކޮމާންޑް ހިމެނޭހެން 175 އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.
ކަރެކްޝަންސްގެ ހެޑްކުއާޓާސް އިމާރާތް ކުރުމުގައި ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވި އެވެ. އެގޮތުން ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމުގައި ހަރަކާތްތެރިވާ 30 ގައިދީން ބައިވެރިވެ، ކޮންސްޓްރަކްޝަންގެ މަސައްކަތް ދަސްކޮށްފައިވެ އެވެ.
Comment