Advertisement

ހަނިމާދޫ އެއާޕޯޓު ފުރިހަމައަށް ނުނިމެނީސް ބޮޑު ރަސްމިއްޔާތެއްގައި ބާއްވާފައި ހުޅުވައިފި

9 ނޮވެންބަރު 2025 - 22:13 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުން -- ފޮޓޯ: ރައީސް އޮފީސް


ހަނިމާދޫ އެއާޕޯޓު ފުރިހަމައަށް ނުނިމެނީސް ބޮޑު ރަސްމިއްޔާތެއްގައި ބާއްވާފައި ހުޅުވައިފި

9 ނޮވެންބަރު 2025 - 22:13 2

ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފުރިހަމަ އަށް ނުނިމެނީސް، ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ހަވާ އެރުވުމަށްފަހު އެ އެއާޕޯޓު މިރޭ ހުޅުވައިފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިދިނީ ރައީސް މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެވެ. އޭގެކުރިން މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް އެއާޕޯޓަށް ޖެއްސި އެވެ. މިއީ އެ މަރުކާގެ ބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ވެރިންނާއި އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު ބައިވެރިވެވަޑައިގެންނެވި އެވެ.

ހަނިމާދޫގެ ކައުންސިލް މެންބަރު، އަލީ އިބްރާހިމް އަދަދު އަށް އިއްޔެ ވިދާޅުވީ އެއާޕޯޓު ހުޅުވަނީ އެތަނުގެ ހަތަރުފަސް މަހުގެ މަސައްކަތް ނުނިމި ހުއްޓާ ކަމަށެވެ.

"އަދިވެސް ހަތަރުފަސް މަސްދުވަސް ތެރޭގައި ނިންމާލެވޭވަރުގެ މަސައްކަތް އެބަހުރި ނުނިމި، އަހަރުމެންގެ ކަންބޮޑުވުމަކީ އެ މަސައްކަތްތައް ނުނިންމާ އެއާޕޯޓު ހުޅުވީމާ މިތަން ހެދި ކުންފުނިން ކުރަންޖެހޭ އެއްވެސް ކަމެއް ދެން ނޯންނާނެ، މައްސަލައެއް ދިމާވިޔަސް އެމީހުން ކުރަންޖެހޭ ކަމެއް ނޯންނާނެ، ތަން ނުނިމެނީސް ހަވާލުވީމަ،" އަލީ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ރަަސްމީކޮށް ހުޅުވިއިރު، މިދިޔަ އޮކްޓޫބަރު 17، ގައި ވަނީ އެތަނުގެ އާ ޓާމިނަލްގެ ގްރައުންޑު ފްލޯ ބޭނުންކުރަން ވަނީ ފަށާފަ އެވެ.

އަލީ ވިދާޅުވީ އެއާޕޯޓުގެ ބޭރުގައި ކްލެޑިން ޖަހަންޖެހޭ ތަނބުތަކުގައި މިހާރު ހުރީ ޕުޓީ ލާފައި ކަމަށާއި ޓާމިނަލްގެ ދެވަނަ ބުރީގެ ވެސް މަސައްކަތްތައް އަދި ނުނިމޭ ކަމަށެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް، އަބްދުއްސައްތާރު ހަސަން ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތްތުގެ އިތުރުން ސީޕްލޭން ޓާމިނަލްގެ މަސައްކަތްތައް ވެސް އަދި ނުނިމޭ ކަމަށެވެ. އަދި ސީޕްލޭން ޓާމިނަލްގެ ޖެޓީ ސަރަހައްދު ވެސް އަދި އޮތީ ލޯންޗުފަހަރު ކައިރި ކުރެވޭ ގޮތަކަށް ނޫން ކަމަށް އެނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނުނިންމައި މި ހުޅުވީ، މި ނޮވެމްބަރު މަހު އެއާޕޯޓު ހުޅޫވާނެ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މި އެއާޕޯޓު ހުޅުވާނެ ކަމަށް މުއިއްޒުގެ ސަރުކާރުން ބުނެފައިވެ އެވެ.

އެއާޕޯޓު ހުޅިވި ނަމަވެސް، އެތަނުގެ މަސައްކަތް ފުރިހަމައަށް ނިންމޭނީ ކުރިން ވެސް ޕްލޭންގައި އޮތް ގޮތަށް އަންނަ އަހަރުގެ މާޗު ހިސާބުގައި ކަމަށް، އެ މައުލޫމާތު އެނގޭ ބައެެއް މީހުން އަދަދު ނޫހަށް ބުންޏެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.

އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.