Advertisement

ޔުނިވާސިޓީއަކަށް ބަދަލުވާ އުމުރު ދަށްކުރި ބިލު ތަސްދީގުކޮށްފި

9 ނޮވެންބަރު 2025 - 20:21 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޔުނިވާސިޓީއަކަށް ބަދަލުވާ އުމުރު ދަށްކުރި ބިލު ތަސްދީގުކޮށްފި

9 ނޮވެންބަރު 2025 - 20:21 1

ފަނަރަ އަހަރު ހިންގާފައިވާ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން 15 އަހަރު ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި ހިންގާފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ މަދުވެގެން 20 އަހަރު ހިންގާފައިވާ ކޮލެޖުތަކެވެ.

ކޮލެޖަކުން ޔުނިވާސިޓީއަކަށް ބަދަލުވާ އުމުރު ދަށްކުރިޔަސް، ގިނަ ޝަރުތުތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން ހިމެނެ އެވެ.

ޔުނިވާސިޓީއަކަށްވުމަށް ހަމަވާންޖެހޭ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއް އަދި ނުވައެއްގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގުން.
  • އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔެވަމުންދިޔުން.
  • ބައިނަލްއަގްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން
  • ބައިނަލްއަގްވާމީ ޔުވަނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުދުވަސް ހޭދަކޮށްފައިވުން؛
  • ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛
  • އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސަންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން؛

ބިލު ތަސްދީގުކުރުމާއެކު އެކަމާ ގުޅޭ ގަވާއިދުތައް ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ކަމާ ގުޅޭ ފަރާތްތަކުން ހަދައި ގެޒެޓްކުރަން ޖެހެ އެވެ.