8 ނޮވެންބަރު 2025 - 21:31 3
އަހުމަދު އާއިދު
241 ކޮމިޓީގެ މައުލޫމާތާއި ލަފަޔާ އެއްގޮތަށް އެ މަގާމުން ވަކިކުރި، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު ---- ފޮޓޯ: ކަސްޓަމްސް
8 ނޮވެންބަރު 2025 - 21:31 3
ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ރައީސް މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް އެ މަގާމުން ވަކިކުރި، ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ބައިވެރިވުމެއް މި މައްސަލަތަކުގައި ނެތް ކަމަށް ބުނެ އޭނާގެ މަގާމު އިޔާދަކުރަން ހަމަ އެ ކޮމިޓީން ލަފާދީފި އެވެ.
މިގޮތަށް ކޮމިޓީން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. އެ ނިންމުން ހާމަކުރަން ނިންމީ މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ނިންމުމާ އެއްގޮތަށް މަހްމޫދުގެ މަގާމު އިޔާދަކުރަން ލަފާދިން ކަން ހާމަކުރެއްވީ 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.
މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ކުރީގެ ނިންމުން ބަދަލުކުރި ސަބަބެއްގެ ގޮތުގައި ފަލާހު ވިދާޅުވީ، މަހްމޫދު ވަކިކުރަން ނިންމި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަ އާއި ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލަ އާއި ގުޅިގެން ލިބުނު އިތުރު މައުލޫމާތެވެ.
މަހްމޫދުގެ ސީދާ ބައިވެރިވުމެއް މިކަންކަމުގައި ނެތްކަން އެނގުނީ އިތުރަށް ލިބުނު މައުލޫމާތު ކޮމިޓީގެ މެންބަރުންނާއި ހިއްސާކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ފަލާހު މިރޭ ވިދާޅުވި އެވެ.
241 ކޮމިޓީގެ ލަފަޔާއި އެއްގޮތަށް މަހްމޫދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު މަގާމު ވަކިކުރަން އޮކްޓޯބަރު 29، މުއިއްޒު އެންގެވި އެވެ. އޭނާގެ މަގާމު އިޔާދަކުރަން ލަފާދިނުމަށް ކޮމިޓީން ނުނިންމަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒު ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ. މަހްމޫދު ވަކިކުރަން ނިންމުމުން އެކަމާމެދު ކަސްޓަމްސްގެ އެހާރާއި މިހާރުގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އޭނާގެ ދިފާއުގައި އެތައް ޕޯސްޓެއް ކުރި އެވެ.
ކަސްޓަމުގެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރާ ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބެ އެވެ.
ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.
ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގުބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.
Comment