Advertisement

ޓީސީގެ ދެ އޮފިޝަލަކާއި ކުޅުންތެރިއަކަށް 12000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ސަސްޕެންޝަންތަކެއް

8 ނޮވެންބަރު 2025 - 15:25 0


ޓީސީގެ ދެ އޮފިޝަލަކާއި ކުޅުންތެރިއަކަށް 12000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ސަސްޕެންޝަންތަކެއް

8 ނޮވެންބަރު 2025 - 15:25 0

ޓީސީ ސްޕޯޓްސް ކްލަބްގެ ދެ އޮފިޝަލަކާއި ކުޅުންތެރިއެއް، ޖުމްލަ އެކު، 12000 ރުފިޔާ އިން ޖޫރިމަނާކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފި އެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހު ދެ ވަނަ ދުވަހު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އިން 1-0 އިން ޓީސީ ބަލިކުރި މެޗުގައި، ހިނގައިދިޔަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކާ ގުޅިގެން، ޓީސީގެ ދެ އޮފިޝަލަކާއި ކުޅުންތެރިއަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން، ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ، ޓީސީގެ ހެޑް ކޯޗު، އަހުސަން ރަޝީދު (ޗޭ)، ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން، 2000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ. އަދި، ޓީސީގެ އެސިސްޓަންޓް މެނޭޖަރު، މުހައްމަދު ހަލަފް، ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން، 4000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވެ އެވެ.

އީގަލްސް މެޗުގައި ރަތް ކާޑެއް ދެއްކި، ޓީސީގެ ހަސަން އީނާޒް، ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން، 6000 ރުފިޔާ އިން ޖޫރިމަނާކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ މި އަދަބުތަކާ ދެކޮޅަށް އެޕީލް ކުރުމުގެ ފުރުސަތު، އަހުސަން، ހަލަފް އަދި އީނާޒަށް ކުރިއަށް އޮތް ހަތް ދުވަހުގެ މުއްދަތަށް ލިބިފައިވާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.