Advertisement

ބަހާލި ޕްރޮޖެކްޓުތައް: ފުލުހުންގެ މަރުކަޒުތަކެއް އަޅަން ހަވާލުކުރި އެފްޖޭ ޑިޒައިންސްއަކީ އަބްދުއްރަހީމްގެ އާއިލީ ކުންފުންޏެއް

8 ނޮވެންބަރު 2025 - 12:10 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވިއިރު، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އެމަނިކުފާނަށް އިސްތިގުބާލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ބަހާލި ޕްރޮޖެކްޓުތައް: ފުލުހުންގެ މަރުކަޒުތަކެއް އަޅަން ހަވާލުކުރި އެފްޖޭ ޑިޒައިންސްއަކީ އަބްދުއްރަހީމްގެ އާއިލީ ކުންފުންޏެއް

8 ނޮވެންބަރު 2025 - 12:10 2

ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އަޅަން ހަވާލުކުރި އެފްޖޭ ޑިޒައިންސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އާ އާއިލީ ގުޅުން އޮންނަ ކުންފުންޏެއްކަން އެނގިއްޖެ އެވެ.

ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް އެފްޖޭ ޑިޒައިންސްއާ ހަވާލުކުރީ 17،500،000ރ. އަށެވެ. ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުން އެފްޖޭ ޑިޒައިންސްއަކީ ސޯލް ޕްރޮޕްރިއެޓާޝިޕް އެކެވެ. އެފްޖޭގެ އޯނަރަކީ ފަތުހުالله ޖަމީލް ކިޔާ މީހެކެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފަތުހުالله ޖަމީލް އަކީ އަބްދުއްރަހީމްގެ އަނބިކަނބަލުން، ދިޔާނާ ހުސެއިންއަށް ބޮޑުދައިތަ ކިޔާ މީހެކެވެ. ފަތުހުالله އަކީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ވެސްމެ އެވެ. ނަމަވެސް އޭނާ ހުންނަނީ ލ. ފޮނަދޫގައި އަބްދުއްރަހީމްގެ ވިޔަފާރި ހިންގަން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ.

އެފްޖޭ ޑިޒައިންސް އާ ހަވާލުކުރި ޕްރޮޖެކްޓުތައް

  • ލ. މާމެންދޫގައި ޕޮލިސް ޕޯސްޓެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • ލ. މާބައިދޫގައި ޕޮލިސް ޕޯސްޓެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • ދ. ހުޅުދެލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • ދ. ބަނޑިދޫގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • މ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • ތ. ގާދިއްފުށީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.
  • ތ. ދިޔަމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޕްރޮޖެކްޓު - 2،500،000ރ.

ހަތް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫއު އެފްޖޭ ޑިޒައިންސްއާ ހަވާލުކުރި ނަމަވެސް، އެއީ މީގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން ބިޒްނެސް ޕޯޓަލްއިން އެނގެ އެވެ. އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް އެކަންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވާދަވެރި ބީލަމަކަށް ނުގޮސް 53 ކުންފުންޏަކަށް 206 މަޝްރޫއު ބަހާލި އެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އޭގެތެރެއިން ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ވެސް ސަރުކާރުން ހަވާލުކުރީ އަބްދުއްރަހީމްގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުނި، ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139،295،700ރ. އަށެވެ.

ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ. އޭގެއިތުރުން ވެސް އެ ކުންފުނީގެ ދަށުން ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ވެސް ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ބިޑަކާ ނުލައި ބަހާލި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގެ 52 މަޝްރޫއުއެއްގައި ސޮއިކުރިއިރު، މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުސް ޕޯސްޓާއި މަރުކަޒުތައް ހިމެނޭ ގޮތަށް ޖުމުލަ 39 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރިއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މިއަދު ހަވާލުކުރި އެވެ.

ބަހާލި މަޝްރޫއުތައް