Advertisement

ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ އިން ވިކްޓަރީ ބަލިކޮށް ދެ ވަނަ މޮޅު ހޯދައިފި

7 ނޮވެންބަރު 2025 - 18:05 0

ވިކްޓަރީއާ ދެކޮޅަށް ހޯދި މޮޅަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ. --- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ އިން ވިކްޓަރީ ބަލިކޮށް ދެ ވަނަ މޮޅު ހޯދައިފި

7 ނޮވެންބަރު 2025 - 18:05 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ އިން މި ފަހަރުގެ ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

މި ފަހަރުގެ ސީޒަނަށް އެވްރެޖްކޮށް ޒުވާން ސްކޮޑަކާ އެކު ނުކުތް ވެލެންސިއާ އިން ފުރަތަމަ މެޗު ބަލިކުރި ފަހުން، ދެން ކުޅުނު ފަސް މެޗުގެ ތެރެއިން ޕޮއިންޓެއް ލިބުނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެއްވަރުވި މެޗުގަ އެވެ. އޭގެ ފަހުން، ލީގުގައި ވެލެންސިއާ އިން ކުޅުނު ހަތް ވަނަ މެޗުގައި މި ވަނީ ވިކްޓަރީ އަތުން މޮޅުވެ ހަތް މެޗުން ހަތް ޕޮއިންޓް ހޯދައި، ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.

މިއަދުގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވި ވިކްޓަރީ ހަތަރު ވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ވިކްޓަރީގެ ހަމަލާތައް ހުއްޓުވުމުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި މޮލްޑޯވާގެ ކީޕަރު ވިއޮރެލް ބޮއިއާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވިކްޓަރީގެ ނަސޫހު (ވ) ވެލެންސިއާގެ އަބްދުލްސަމީއު ކައިރިން ބޯޅަ ފޮނުވާލަނީ--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


މެޗުގައި ވެލެންސިއާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 79 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، އަހުމަދު އަތުވާން އަލީ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކަށް ފުންމައިގެން އަރައި، އަތުވާން ބޮލުން ޖެހި ބޯޅަ ވިކްޓަރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް އަތްމަތިން ވަނީ ގޯލުގެ ކަނަށެވެ.

އޭގެ ޖެހިގެން އައި މިނިޓްގައި ވިކްޓަރީން ކުރި އެޓޭކެއްގައި، އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ހުރަހެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި، އަހުމަދު ސިޒާން (ސިއްޕެ) ޖައްސާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ވިކްޓަރީން ނަތީޖާ ހަމަހަމަކުރަން އަލީ ނަސޫހު ރަޝީދު (ޕިލާ) ފޮނުވާލި ދެ ހަމަލާއެއް ގޯލާ ސީދާނުވެ ދިޔައިރު، ވެލެންސިއާ އަށް ލީޑުފުޅާކޮށްދޭން ކައުންޓަ އެޓޭކުގައި، ސްޕެއިނުގެ ފޯވާޑް، އަބޫބަކާރު ސިލާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މިއީ، ވިކްޓަރީގެ ކޯޗުކަމާއި ސްލޮވާކިއާގެ ޖޯޖްލީ ގެރީ ހަވާލުވި ފަހުން ބަލިވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، އޭގެ ފަހުން ކުޅުނު ދެ މެޗުން، ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އަަތުން މޮޅުވި އެވެ. އެކަމަކު، ވެލެންސިއާއާ ކުޅެން ޖެހި މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ލީގުގައި ދެން ވިކްޓަރީ ކުޅޭ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ. އަދި، ވެލެންސިއާ އިން ކުޅޭ މެޗުގައި، 23 ވަނަ ދުވަހު، ކްލަބް އީގަލްސްއާ ބައްދަލުކުރާނެ އެވެ.