Advertisement

ބަހާލި ޕްރޮޖެކްޓުތައް: އެއް ބައެއްގެ 3 ކުންފުންޏަކަށް 247 މިލިއަން ރުފިޔާ

7 ނޮވެންބަރު 2025 - 11:52 8

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

206 ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް


ބަހާލި ޕްރޮޖެކްޓުތައް: އެއް ބައެއްގެ 3 ކުންފުންޏަކަށް 247 މިލިއަން ރުފިޔާ

7 ނޮވެންބަރު 2025 - 11:52 8

ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުން، އެއް ބައެއްގެ ހިއްސާ އޮންނަ ތިން ކުންފުންޏަކަށް 247.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަން އެނގިއްޖެ އެވެ.

އެއީ އެވޯކާ ޕްރައިވެޓް ލިމިޓެޑާއި، ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއި ސޮލޮކްސް ޕްރައިވެޓް ލިމިޓެޑެވެ. މި ތިން ކުންފުނީގައި ހިއްސާދާރުންނަކީ އަބްދުލް މުހްސިން އަބްދުލް ކަރީމް އާއި ނަޖާހު ޝަރީފު އެވެ.

މި ކުންފުނިތަކުގެ ތެރެއިން ފްލެކްސިންކްއާ ހަ ޕްރޮޖެކްޓެއް 171.3 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ. އެއީ،

  • ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު - 32.4 މިލިއަން ރުފިޔާ
  • ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު - 64.8 މިލިއަން ރުފިޔާ
  • ނ. ކުޑަފަރީގައި ހަ ކްލާސްރޫމާއި ސައިންސް ލެބް - 10 މިލިއަން ރުފިޔާ
  • ބ. ކުޑަރިކިލު ސްކޫލްގެ މަލްޓިޕާޕަސް ހޯލް (ފާހާނަ ބަރިއަކާއެކު) - 13.1 މިލިއަން ރުފިޔާ
  • ތ. ދިޔަމިގިލީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް (ފާހާނަ ބަރިއަކާއެކު) - 11 މިލިއަން ރުފިޔާ
  • 50 ސްކޫލެއް މަރާމާތުކުރުން (ފުރާޅާއި، ދޮރުތަކާއި، ކުޑަދޮރުތައް އަދި ސީލިން ބަދަލުކުރުމާއެކު) - 40 މިލިއަން ރުފިޔާ

ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ އަގު 55 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ތައުލީމީ ދާއިރާގެ ފަސް ޕްރޮޖެކްޓެކެވެ. އެއީ،

  • ހޯރަފުށީ ސްކޫލްގެ އެޑްމިން ބްލޮކް، މީޓިން ރޫމް، ހެލްތު ރޫމް، އަދި އައިޓީ ރޫމް އިމާރާތް ކުރުން - 8.2 މިލިއަން ރުފިޔާ
  • ނ. ވެލިދޫގައި 6 ކްލާސްރޫމް، ލައިބްރަރީ، ސްޓާފްރޫމް، އައިޓީ ރޫމް، 6 ފާހާނާ - 13.5 މިލިއަން ރުފިޔާ
  • ދ. ބަނޑިދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް، އަދި 8 ކްލާސްރޫމް އާއި 12 ފާހާނާ - 16.3 މިލިއަން ރުފިޔާ
  • ގދ. ގައްދޫގައި ސެން ކްލާސް ރޫމެއް، ފާހާނައަކާއެކު - 2.45 މިލިއަން ރުފިޔާ
  • 15 ސްކޫލެއްގެ ވަށާ ފާރު ރޭނުން - 15 މިލިއަން ރުފިޔާ

އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމާއި 6 ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.

މަޝްރޫއުތައް ހަވާލުކުރި ކުންފުނިތައް ތަމްސީލުކުރި ފަރާތްތަކާއެކު ރައީސް މުއިއްޒު އަދި ސަރުކާރުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް


މި 3 ކުންފުންޏާ ހަވާލުކުރި މަޝްރޫއުތައް ކުރުކޮށް


- ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑަށް 6 މަޝްރޫއު - 171.3 މިލިއަން ރުފިޔާ - ސޮލެކްސް ޕްރައިވެޓް ލިމިޓެޑަށް 5 މަޝްރޫއު - 55 މިލިއަން ރުފިޔާ - އެވޯކާ ޕްރައިވެޓް ލިމިޓެޑަށް 2 މަޝްރޫއު - 21.6 މިލިއަން ރުފިޔާ މި މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 247.9 މިލިއަން ރުފިޔާ

އިއްޔެ ބަހާލި 206 ޕްރޮޖެކްޓުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދިނެވެ.

އެ މަޝްރޫއުތައް ހިންގަން ކުންފުނިތަކަށް ފައިސާ ދެނީ، ސަރުކާރު ގެރެންޓީއާއެކު ދޫކުރާ ލޯނުންނެވެ. ދުރާލައި މިކަންކަން ހަމަޖެއްސުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ މިއީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

ބީލަމަށް ނުލައި ޕްރޮޖެކްޓުތައް ހަވާލުކުރަން ފެށީ, އެމަގަށް ފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އޮކްޓޯބަރު 12، 2025 ގައި ބަދަލު ކުރުމަށް ފަހު އެވެ. ނަމަވެސް އޭގެ ކުރިން ވެސް ބައެއް މަޝްރޫއުތައް ބީލަމަށް ނުލައި ހަވާލުކޮށްފަިއވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއު އަކީ 55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް، އާރުސީސީއާ ހަވާލުކުރި މަޝްރޫއު އެވެ.

މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސް، ސަރުކާރުން ބޭނުންވާ ބަޔަކަށް މަންފާ ހޯދައި ދޭން ހަވާލުކުރި މަޝްރޫއުތަކުގެ މައްސަލަ އެމްޑީޕީގެ ވެރިކަމެއްގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.