Advertisement

ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

6 ނޮވެންބަރު 2025 - 11:44 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

6 ނޮވެންބަރު 2025 - 11:44 3

މާލީ އަޑިގަނޑުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު 53 ކުންފުންޏަކަށް ބަހާލި 200 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.

އެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ނަގާފައި ހުރި ބިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ލޯނާއި އިންޓްރެސްޓު ދައްކާފައިވާ ކަން ޒަމީރު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ފުރަތަމަ 40 ހަފުތާ ސަރުކާރު ހިންގީ ބަޖެޓު ސާޕްލަސްގައި ބާއްވައިގެން ކަމަށާއި، ގިނަ އަހަރުތަކަކަށްފަހު މި އަހަރު ނިންމާލާނީ ބަޖެޓު ޑެފިސިޓު ސިންގަލް ޑިޖިޓުގައި ބަހައްޓައިގެން ކަމަށް ޒަމީރު ވިދާޅުވި އެވެ. ސަރުކާރުން މިކަން ކުރީ، ޕީއެސްއައިޕީ ބަޖެޓުގައި ޖެހި 12 ބިލިއަނުގައި އަތް ނުލައި މަޝްރޫއުތައް މަޑުޖައްސާލައިގެންނެވެ.

މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރުގެ އަދަދު 100 މިލިއަނުން މަތިކޮށްފައިވާ ކަމަށާއި އެހެނިހެން ފިސްކަލް ޒިންމާދާރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވެ، ޒަމީރު ވަނީ ސަރުކާރުގެ ފިސްކަލް މެނޭޖްމަންޓުގެ ސިޔާސަތުތަކަށް ތައުރީފުކޮށްފަ އެވެ.

"ދިވެހި ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުން. ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމުކޮށް، އެކުވެރި ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދާފައިވޭ. ދިވެހިރާއްޖެއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށާފަ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް، މާލީ ކަންކަން ހަރުދަނާކުރުމުގައި ސަރުކާރާއި މަރުކަޒީ ބޭންކު، އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަމާއި ރިޒާވަށް ލިބުނީ ވަގުތީ ކުރިއެރުންތަކެއް ކަމަށާއި، ދަރަންޏާއި ބޭރު ފައިސާގެ ނުރައްކާ އިހުނެކޭ އެއް މިންވަރަށް ދެމި އެބަ އޮތް ކަމަށް ވޯލްޑް ބޭންކުން މި ހަފުތާގެ ތެރޭ ބުނެފައިވެ އެވެ.

އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓުގެ މި އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޭރު ފައިސާގެ ލިކުއިޑިޓީ ޕްރެޝަރު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ޑޮލަރު ލިބުން ދަތިވަމުން އަންނަ ކަމުގެ ހެކިތައް އަންނަނީ ފެންނަމުންނެވެ.

ބޭރު ފައިސާގެ ދަތިތަކާ ހުރެ، އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ފައިސާ ލިބުން ދަތިވުމެވެ. މީގެ ސަބަބުން ރާއްޖެއަށް ފައިސާ ހޯދޭނެ މަގުތައް ވަނީ މަދު ބައިލެޓަރަލް ބައިވެރިންކޮޅަކާއި، އަގު ބޮޑު ކޮމާޝަލް ދަރަންޏާއި، އެތެރޭގެ ބޭންކުތަކަށް، ލިމިޓުވެފައި ކަމަށް އެ ބޭންކުން ބުންޏެވެ.

ބޭރުގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކުރީ އޮގަސްޓު 29، 2024، ގަ އެވެ. މޫޑީސް އިން ރާއްޖެ ކްރެޑިޓް ރޭޓިން ސީއޭއޭ-2 އަށް ދަށްކުރީ ސެޕްޓެމްބަރު 11، 2024، ގަ އެވެ.

އޭގެ ފަހުން މޫޑީސް އިން ވަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނާތީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

މި އަހަރުގެ މެއި މަހު ރާއްޖޭގެ ރޭޓިން ރިވިއުއަށް ފަހު އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރޭޓިން ދަމަހައްޓާފައި ވަނީ ބޭރު ފައިސާގެ ރިޒާވުތައް ދަށްވުމާއި ދަރަނި ދައްކަން ފައިސާ ހޯދޭނެ ގޮތްތައް މަދުވުމުގެ ސަބަބުން ކަމަށެވެ.