Advertisement

އަނެއްކާ ވެސް "އަންނަ އަހަރު" ކަމަށް ވިދާޅުވެ އައްޑޫ ބްރިޖުގެ ވައުދު މުއިއްޒު ތަކުރާރު ކުރައްވައިފި

5 ނޮވެންބަރު 2025 - 14:38 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުއިއްޒު ހުޅުދޫ-މީދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށްޓަކައި ބްރިޖެއް ގޮތަށް ހަދާފައިވާ ޕްލެޓުފޯމު މަތިން އެ މަނިކުފާނު ހިންގާފައި ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް


އަނެއްކާ ވެސް "އަންނަ އަހަރު" ކަމަށް ވިދާޅުވެ އައްޑޫ ބްރިޖުގެ ވައުދު މުއިއްޒު ތަކުރާރު ކުރައްވައިފި

5 ނޮވެންބަރު 2025 - 14:38 2

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތުގެ އެއްވެސް މަސައްކަތެއް ނުފަށައި، ގާތްގަނޑަކަށް ދެ އަހަރު ދުއްވައިލުމަށް ފަހު، އެ ބްރިޖުގެ އަމަލީ މަސައްކަތް "އަންނަ އަހަރު" ފަށާނެ ކަމަށް ވިދާޅުވެ، ވައުދު ތަކުރާރު ކުރައްވައިފި އެވެ.

އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ 15 ކިލޯމީޓަރުގެ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށުމަކީ އަމާޒެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި މި ބްރިޖުގެ މަސައްކަތް ފެށުމަކީ އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބްރިޖުގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް މިދިޔަ މަހު ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ ހަވާލުކުރުމުން އެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ ތިން އޮޕްޝަނަކަށް ބަލައިގެން ބްރިޖްގެ ސާވޭ ހަދައި، އެންމެ ފީސިބަލް ގޮތެއް ހުށަހެޅުމަށެވެ. އެ މަޝްރޫއު ޗައިނަ ކުންފުންޏާ ސަރުކާރުން ހަވާލުކުރީ ތިން މިލިއަން ޑޮލަރަށެވެ.

އެގޮތުން ޗައިނާ ކުންފުނިން ހުށަހަޅާ އެންމެ ރަނގަޅު ޑިޒައިނަށް ރިޔާޔަތްކޮށް އަންނަ އަހަރުގެ ތެރޭގައި މަޝްރޫއުގެ އެއްބަސްވުން ބަޔަކާއެކު ހަދައި އެ މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހަ މަސް ދުވަހުގެ އެގްރީމަންޓެއް އެއޮތީ ހެދިފައި. މިހާރު މަސައްކަތް ފަށައިފި. މިދިޔަ މަހުން ފެށިގެން މަސައްކަތް ފެށީ. އެހެންވީމަ މި އަންނަ މަހުން މާޗު އޭޕްރީލްއާ ހިސާބަށް ދާއިރުގައި ސަރުކާރަށް އެ ފަރާތުން ހުށަހަޅާނެ މި ލިޔުންތައް. ހުށަހެޅީމަ ދެން އަޅުގަނޑުމެން އޭގެ ތެރެއިިން އެ ތިން އޮޕްޝަނުގެ ތެރެއިން އެއް ޑިޒައިން ޗޫޒްކޮށްފައި އަޅުގަނޑުމެން އެގްރިމަންޓް ހަދާނީ،" މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏަކަށް އައްޑޫ ބްރިޖްގެ ސާވޭ ކުރަން ހަވާލުކުރީ އެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް މިސްރުގެ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފައިވަނިކޮށެވެ. މިސްރުގެ ކުންފުނިން އައްޑޫ ބްރިޖަށް ކުރި ސާވޭއަށް ވީ ގޮތެއް ނޭގެ އެވެ.

އޭރު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފަށައިގެން ގޮސް ތިން އަހަރާ ބައިގެ މުއްދަތެއް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"މިއަދު ސޮއިކުރި އެއްބަސްވުން ދެން ބަދަލުވާނީ ކޮންޓްރެކްޓަކަށް. އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށް ބަދަލުވެ ހަމަ މިއަހަރުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި ބައި ހަތަރު އަހަރު, އިރާދުކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި," މުއިއްޒު އޭރު ވިދާޅުވި އެވެ.

އައްޑޫ ބްރިޖު އެޅުމާ ގުޅޭ ދިރާސާތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.

މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖްގެ މަސައްކަތް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަށަން ސަރުކާރުގެ "ހަފްތާ 14" ގެ ރޯޑް މެޕްގައި ވެސް ހިމެނި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.