Advertisement

ގަހަނާ ހަދަން ރަތް މުރަކަ އާއި އެންދެރި ނެގުން ރަނގަޅު ކަމަށް ޕީއެންސީގެ މެންބަރަކު ބުނެފި

5 ނޮވެންބަރު 2025 - 10:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު: އޭނާ ވިދާޅުވީ ގަހަނާ ހަދަން ރަތް މުރަކަ އާއި އެންދެރި ނެގުމަކީ ރަނގަޅު ކަމެއް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ގަހަނާ ހަދަން ރަތް މުރަކަ އާއި އެންދެރި ނެގުން ރަނގަޅު ކަމަށް ޕީއެންސީގެ މެންބަރަކު ބުނެފި

5 ނޮވެންބަރު 2025 - 10:53 0

ދުނިޔޭގެ ބާޒާރުގައި ވިއްކުމަށްޓަކައި އެކި ކަހަލަ ގަހަނާ ހަދަން ރާއްޖޭގެ ފަރުތަކުގައި ހުރި ރަތް މުރަކަތަކާއި އެންދެރި ނެގުން ރަނގަޅު ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމާއި ގުޅިގެން، އެކަން ހުއްޓުވަން ގޮވާލާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނޑު އަޑީގެ މަންޒަރުތައް ޓޫރިސްޓުންނަށް ދެއްކުމަށް ތިބުމުގެ ބަދަލުގައި އެހެން ގޮތް ގޮތުން މަންފާ ހޯދައި، އުފެއްދުންތެރިކަމުގެ ބޭންކުރަން ޖެހެ އެވެ.

"ރާއްޖޭގެ ކަނޑުތަކުގަ ހުރި ބައެއް މައުދަންތައް ނުނަގައި ދޫކޮށްލާފަ ހުރި އިރު، ގާތް ގަނޑަކަށް ރެޑް ކޮރަލް، ބްލެކް ކޮރަލް (އެންދެރި) މި އެއްޗެހި ބާޒާރު އަގުގަ ހުރީ 10،000 އާއި 20،000 ޑޮލަރާއި ދެމެދުގަ. ގަހަނާ އުފައްދައިގެން އެބަ ވިއްކާ ދުނިޔޭގެ އެހެން ގައުމުތަކުގަ. އެކަމު މި ގައުމުގަ އެއީ މަނާ ކަމެއް،" ނަސީރު ވިދާޅުވި އެވެ.

ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން ކާބަފައިންގެ ފަރާތުން ފެންނަން އެބަހުރި ކަމަށާއި މީގެ ކުރިން ރާއްޖޭގައި ވެސް މުރަކަ ބޭނުންކޮށްގެން ގަހަނާ ހަދައި ފަތުރުވެރިންނަށް ވިއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

"18 ކެރެޓު ރަންކޮޅަކާ، 10 ގުރާމު ރެޑް ކޮރަލް އެއް ބޭނުންކޮށްލައިގެން 20،000 ޑޮލަރަށް ފަށުފުލެއް އެބަ ވިއްކާ ދުނިޔޭގެ ބާޒާރުގަ. ކީއްވެގެންތޯ އަޅުގަނޑުމެން މިހެން ތިބެންވީ. ކީއްވެގެންތޯ މިހެން ތިބެންވީ. ހަމައެކަނި އަޅުގަނޑުމެން ވީ ރިސޯޓު މުވައްޒަފުން ގެނެސްގެން އަޑިއަށް ލައިގެން ހުރިހާ އެންމެންނަކީ މުވައްޒަފުންނަށް ހަދައިގެން އުފެއްދުންތެރިކަން ދޫކޮށްލައިގެން ތިބެންވީތޯ،" ނަސީރު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބެލުމަށް ބަޔަކު ފީނަނީ: ކޮންމެ އަހަރަކު އެތައް ލައްކަ ފަތުރުވެރިންނެއް ރާއްޖޭގެ މުރަކަތައް ބަލަން ޒިޔާރަތްކުރޭ ---


ގާނޫނާއި ގަވާއިދުތައް ހަދައިގެން ނިކަމެތި ރައްޔިތުން "މުއްސަނދި ކުރުމަށް" މިފަދަ ފުރުސަތުތައް ހުޅުވާލަން ޖެހޭނެ ކަމަށާއި މުރަކަ ނެގިޔަސް ތިމާވެއްޓަށް ގެއްލުންނުވާނެހެން ކަންކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ނަސީރު އެ ވާހަކަ ދެއްކެވީ ކަށިމިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްދަ ކުރުމުން، އެކަން އަލުން މަނާ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ އެކަން ނުކުރަން ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި ނަމަ އެ އާއިލާގެ މިޔަރު ނިކަން އަވަހަށް ނެތިގޮސްދާނެ ކަމަށެވެ.

"ކަށިމިޔަރުގެ ބާވަތްތަކަކީ އޭގެ ޒާތުގައި އޭގެ މަސްވެރިކަންކުރުމުގެ ސަބަބުން ވަރަށް ފަސޭހައިން މުޅިއާބާދީއަށް ނުރައްކާވާފަދަ ނާޒުކު ދިރުމެއް. އެސޮރުމެންނަކީ ހެދިބޮޑުވެ ދަރިމައިވުމަށް ގިނަ ދުވަސްތަކެއް ހޭދަވާ، ރާއްޖޭގައި އުޅެން އެކަށީގެންވާ ސަރަހައްދު ކުޑަކަމުގައި ބެލެވޭ ބާވަތްތަކެއް ކަމުން، އެސޮރުމެންގެ އާބާދީތަކަށް މަސްވެރިކަން ތަހައްމަލެއް ނުކުރެވޭނެ،" އެ ސިޓީގައި ބުނެފައިވެ އެވެ.