Advertisement

އައްޑޫގެ ގެސްޓްހައުސް ވިޔަފާރި ކުރިރުވުމަށް ގޮވާލާ މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅަނީ

5 ނޮވެންބަރު 2025 - 10:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޖިލިސް އިންތިހާބުގައި އައްޑޫ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުން: އެ ސިޓީގައި ޓޫރިޒަމް ކުރިއެރުވުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅަން ދަނީ ތައްޔާރުވަމުން


އައްޑޫގެ ގެސްޓްހައުސް ވިޔަފާރި ކުރިރުވުމަށް ގޮވާލާ މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅަނީ

5 ނޮވެންބަރު 2025 - 10:52 0

އައްޑޫ ސިޓީގެ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދި އެ ސިޓީގެ ރައްޔިތުންގެ ފަރާތުން މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އައްޑޫ ރައްޔިތުން މުއިއްޒުއަށް ހުށަހަޅާ ޕެޓިޝަނުގައި އެ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ހަތަރު ކަމެއް ތަންފީޒު ކުރުމަށް އެދި ހުށަހަޅާފައިވެ އެވެ.

މުއިއްޒުއަށް ރައްޔިތުން ހުށަހަޅާ ގިނަ ކަންކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރުމަކާ ނުލައި ކުރެވެން އޮތް ކަންކަން ކަމަށާއި ހަރަދު ކުރިޔަސް އޭގެ މަންފާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ޕެޓިޝަންގައި މުއިއްޒުއަށް ހުށަހަޅާފައިވާ ކަންކަން:

  • އަށް ޕަސަންޓު އިންޓްރެސްޓަށްވުރެ ބޮޑުނުވާ ގޮތަށް، ގެސްޓްހައުސް ތަރައްގީކުރުމަށް ލުއިލޯނު ލިބޭ ގޮތް ހަމަޖެއްސުން.
  • ޕްރައިވެސީއާއެކު ފަތުރުވެރިންނަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވިސް އައިލެންޑެއްގެ ގޮތުގައި ސަވާހިލި ކަނޑައެޅުން.
  • ބޭރުން ސީދާ ގަމަށް ދަތުރުތައް ފަށާ އެއާލައިންސްތަކަށް ސަރުކާރުން ދޭނެ ލުއިތައް ހަމަޖެއްސުން.
  • 2027 ވަނަ އަހަރަކީ ވިޒިޓް އައްޑޫ ޔިޔާ ކަމުގައި ކަނޑައަޅައި، އަތޮޅުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ހާއްސަ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުން.

ޕެޓިޝަނުގައި ބުނީ ނިމިދިޔަ ސަރުކާރުން އައްޑޫ ސިޓީގެ އެކިއެކި ރަށްތަކުގައި ޓޫރިޒަމް ޒޯނުތައް ގާއިމުކޮށް ބިންތައް އެވޯޑުކުރިއިރު އެތަންތަން ތަރައްގީ ކުރުމަށްޓަކައި ލުއި ލޯނު ދޭނެ ކަމުގެ ޔަގީންކަން ދިނަސް، މިހާތަނަށް އެއްވެސް ބެންކަކުން އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ޓޫރިސްޓް ބެޑް އިތުރު ކުރެވިގެން މެނުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުން ފްލައިޓް ނުގެނެވޭނެކަން ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދު ގާއިމުކުރުމަށް ކުރިއަށްގެންދާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" މިދިޔަ އަހަރުގެ ފެބްރުއަރީ 22، ގައި އިފްތިތާހުކުރި އެވެ. އެއީ މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އައްޑޫއަށް ހާއްސަކޮށްގެން އެކުލަވާލަން ނިންމި ޕްލޭނެކެވެ.

ފަސް އަހަރު ދުވަހުގެ ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީއާއެކު ތަފްސީލީ އެނަލިސިސް ރިޕޯޓެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އެ ޕްލޭނުގައި 6،000 ޓޫރިސްޓް އެނދު ގާއިމުކުރުމާއި، 10،000 ވަޒީފާ އުފެއްދުމާއި ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސީޕްލޭން ހަބެއް ގާއިމުކުރުން ފަދަ މުހިންމު ރިޔާސީ ވައުދުތައް ވެސް ވަނީ ހިމަނާފަ އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒުކުރުމަށް ސަރުކާރަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.