ސ. އިސްމަހެލަހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމުގެ މޫދު ކޮޓަރިތަކެއް: މި ރިސޯޓު ތަރައްގީކޮށްގެން ހިންގަން ފެށިތާ އަދި ހަ އަހަރު ނުވޭ --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
އައްޑޫ އަތޮޅުގައި ހިންގަމުން އަންނަ ދެ ރިސޯޓުގެ ތެރޭގައި ހިމެނޭ ސައުތު ޕާމު ބީޗު މޯލްޑިވްސް ބުކުން ނެގުން ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ހުޅުދޫ ކައިރީގައި އޮންނަ އިސްމަހެލަހެރައިގައި ތަރައްގީކޮށްފައިވާ 130 ކޮޓަރީގެ ސައުތު ޕާމް ހުޅުވީ 2019 ގަ އެވެ. ނަމަވެސް އެ ރިސޯޓު ހަ އަހަރު ފަހުން ބުކިން ނެގުން ހުއްޓާލަން ޖެހުނީ، ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ބުނި ގޮތުގައި، މާލީ ދަތިތަކުގެ ތެރޭގައި ރިސޯޓު ހިންގޭނެ ގޮތެއް ނެތިގެންނެވެ.
ބުކިން ނެގުން ހުއްޓާލި މައްސަލައިގައި ސައުތު ޕާމުގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ރިސޯޓު ހިންގާ ކުންފުނީގެ ލިސްޓުކޮށްފައި އޮތް ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.
އައްޑޫގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްމަހެލަހެރަ ހިންގަމުން އަންނަނީ ސައްތައިންސައްތަ ދިވެހި މެނޭޖުމަންޓެއްގެ ދަށުންނެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ އައްޑޫ މީހުންނެވެ.
އަައްޑޫގެ ރިސޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓޫރިސްޓުން ގެނައުމުގައި ހުރި ދަތިތަކެވެ. މި މައްސަލަ ހައްލުކުރަން ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް، ކަނެކްޓިވިޓީ ދަށްކަމުން އައްޑޫގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ޓޫރިސްޓުން ގެންނަަން އުނދަގޫ ކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައި ވެ އެވެ.
ސައުތު ޕާމަށް ބުކިން ނެގުން ހުއްޓާލުމުން އައްޑޫގައި ދެން އޮންނާނީ އޮޕަރޭޓުކުރާ އެންމެ ރިސޯޓެކެވެ. އެއީ ކެނަރީފެވެ. އެ އަތޮޅުގައި ތަރައްގީކޮށްފައިވާ ޝަންގްރިއްލާ ހެރެތެރެ ކޮވިޑުގައި ބަންދުކުރި ގޮތަށް އަދި ނުހުޅުވަ އެވެ. ނަމަވެސް އަންނަ އަހަރު އެ ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑު ޔަގީންކަމެއް ދެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ޝަންގްރިއްލާއަށް ވަޑައިގެން، އެ ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައި ވެ އެވެ.
އައްޑޫގައި ޓޫރިޒަމް ތަރައްގީކުރަން މި ސަރުކާރުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކަމަށް ޓަކައި އެކުލަވާލީ "އައްސޭރި ޓޫރިޒަމް" މާސްޓާޕްލޭން ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.
މިހެން ނަމަވެސް މި ޕްލޭނު އިފްތިތާހުކުރުމުގެ އިތުރަށް މަސައްކަތެއް ކުރިއަށް ނުދެ އެވެ. އެ ޕްލޭނުގައި ހިމެނޭ 6000 އެނދު ތަރައްގީކުރުމާއި، 10،000 ވަޒީފާ އުފެއްދުމާއި ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސީޕްލޭން ހަބެއް ފަދަ ކަންކަމުގެ ތެރެއިން ޕްލޭނުގައި ހިމެނޭ އެއްވެސް ކަމެއް ނުވެ އެވެ.
Comment