4 ނޮވެންބަރު 2025 - 09:07 0
4 ނޮވެންބަރު 2025 - 09:07 0
ބަހުރޭނުގައި ދާދި ފަހުން ކުރިއަށްދިޔަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންގެ ފަރާތުން ގިނަ ކުރިއެރުންތަކެއް ފެނިގެންދިޔަ ކަމަށާއި ހާސިލްކުރެވުނު ކަންކަމާ މެދު ހިތްހަމަޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.
އޭޝިއަން ޔޫތު ގޭމްސްގައި މި ފަހަރު ރާއްޖޭން ވާދަކުރީ ބީޗްވޮލީ، ހޭންޑްބޯލް، އެތުލެޓިކްސް، ބާސްކެޓްބޯޅަ 3x3، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ. އެ ގޮތުން، އަންހެން ބީޗްވޮލީ ޓީމުން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ފެތުމުންނާއި އެތުލެޓިކްސް އިން ވަނީ ގައުމީ ރެކޯޑްތަކެއް އާ ކޮށްފަ އެެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ ރެކޯޑްތަކެއް ވެސް ހިމެނެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ބަހުރޭނުގައި ކުރިއަށްދިޔަ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގެ ތެރެއިން އެތުލީޓުންނާއި ކޯޗުންނާ ވާހަކަ ދެކެވުނު ކަމަށާއި ކުރެވުނު މަސައްކަތްތަކާއި ނެރުނު ނަތީޖާތަކާ މެދު ހިތްހަމަޖެހޭ ކަަމަށް ބުނެފައިވާ ކަމަށެވެ.
"ކޯޗުންނާއި ކުޅުންތެރިންނަށް ވެސް ފެނިގެންދިޔަ ކުރިއެރުން، މެޗުން މެޗަށް އެ އައި ކުރިއެރުން. ގައުމީ ރެކޯޑްތަކެއް ހެދިގެންދިޔަ، ޕާސަނަލް ބެސްޓްތަކެއް ވެސް ފެނިގެންދިޔަ، މިއީ، ހަގީގަތުގައި އެތުލީޓުން އިތުރަށް ކުރިއަށްދާން ލިބިގެންދިޔަ ހިތްވަރެއް،" ތަމޫ ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން އަންނަ ތަމޫ ފާހަގަކުރެއްވި ގޮތުގައި، ކޯޗުން ގާތުގައި، އިވެންޓްތަކާއި މެޗުތަކުގައި ކަންކަން ދިޔަ ގޮތް އޮޅުންފިލުވާލުމަށް އެހުމުން، ބުނެފައިވަނީ، ޕްރެކްޓިހުގައި ދަސްކޮށްދިން ކަންކަން މެޗުތަކުގައި ވަރަށް ރަނގަޅަށް ބޭނުންހިފި ކަމަށާއި މިއީ ހަގީގަތުގައި ވެސް ކުރިއެރުމެއް ކަމަށެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، އެތުލީޓުން ކުރި މަސައްކަތުން ފާހަަގަވެގެންދިޔައީ، ކަނޑައަޅާ ޓާގެޓަށް ވާސިލްވުމަށްޓަކައި، ކުރަން ޖެހޭ ކަންކަން ކުރެވޭނެކަން ކަމުގައި ތަމޫ ވިދާޅުވި އެވެ.
"ޓާގެޓްތައް ހާސިލްކުރެވިދާނެކަން ފެނިގެންދިޔަ، ކަނޑައަޅާ ޓާގެޓަށް ވުރެން މައްޗަށް ދެވިދާނެކަން ވެސް ފެނުނު. އެހެންވީމަ، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް އަދި އެ އެތުލީޓުން އިންޑިވިޖުއަލީ ކުރިއަރަން ބަލާއިރު ރަނގަޅު ބަދަލުތަކެއް ފެނިގެންދާނެ،" ތަމޫ ވިދާޅުވި އެވެ.
މި ގޭމްސް އެތުލީޓުންގެ "ލޯ ހުޅުވި" ރާއްޖޭގެ ކުޅިވަރުގެ ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި، ބޭނުންހިފޭނެ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށް ތަމޫ ވަނީ ފާހަގަކުރައްވައިފަ އެވެ.
ރާއްޖޭން މިހާރު ތައްޔާރުވަމުން އަންނަނީ، މި މަހު 7-21 އަށް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި، ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ ފިރިހެން ޓީމާއި އަންހެން ޓީމުގެ އިތުރުން، އެތުލެޓިކްސްގެ އަންހެން އަދި ފިރިހެން އެތުލީޓަކާއި ފެތުމުން ފަސް ފިރިހެން އަދި ހަަތަރު އަންހެން އެތުލީޓުންގެ އިތުރުން، ޓޭބަލް ޓެނިހުން ތިން ފިރިހެން އަދި ތިން އަންހެން ކުޅުންތެރިންނެވެ.
ތަމޫ ވިދާޅުވީ، މި ގޭމްސް އަށް ވެސް ރާއްޖޭގެ ޓީމުތަކުން އެކަށީގެންވާ ރަނގަޅު މިންވަރަކަށް ތައްޔާރުވެފައިވާ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ޖުމްލަ އެކު، 73 މީހުން (ކުޅުންތެރިންނާއި އޮފިޝަލުން) ހިމެނޭހެން އޮތް މި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި، ޑެޕިއުޓީ ޗެފް ޑި މިޝަން އަކީ، މަރިޔަމް ޝައުފާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment