Advertisement

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށްފި

4 ނޮވެންބަރު 2025 - 08:59 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ސިޓީ ކައުންސިލް ބައިބައިކުރަން ނެގި ވޯޓުގައި މީހަކު ވޯޓު ލާން ތައްޔާރުވަނީ: އެ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ވަރަށް މަދު --- ފޮޓޯ: އަދަދު


ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށްފި

4 ނޮވެންބަރު 2025 - 08:59 1

މިދިޔަ މަހު އައްޑޫ ސިޓީގެ ތިން ރަށެއްގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ސިޓީން ވަކިވާން ފެންނަ ކަމަށް ވޯޓު ދިން މީދޫ އާއި ހުޅުދޫ އެ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް އެ ދެ ރަށުގައި ވަކި ކައުންސިލްތަކެއް ހަދަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރޭ ދަންވަރު ރައީސް އޮފީހުން ނެރުނު ދެ ހަބަރުގެ ތެރެއިން ފުރަތަމަ ހަބަރުގައި ބުނެފައިވަނީ އައްޑޫ ސިޓީ ގައި ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ ކަމަށާއި މީދޫ އާއި ހުޅުދޫ އަކީ ވަކި ދެ ރަށެއް ކަމަށް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެ ނިންމުމާ އެއްގޮތަށް ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ބަދަލުކޮށް އެ ބަދަލު ގެޒެޓުކޮށްފަ އެވެ.

އެއާއެކު މުއިއްޒު ވަނީ ހުޅުދޫ ރަށު ކައުންސިލާއި މީދޫ ރަށު ކައުންސިލް އުފައްދަން ވެސް ނިންމަވައިފަ އެވެ. އެހެންކަމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދާނީ މި ނިންމުންތަކާ އެއްގޮތަށެވެ.

އޮކްޓޯބަރު 25، ގައި ނެގި ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 847 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުންނެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ހުޅުދޫ ރައްޔިތުން ތާއީދުކުރިއިރު މީދޫ ރައްޔިތުންގެ ތާއީދު އެކަމަކަށް ނުލިބެ އެވެ.

ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ. ސިޓީ ކައުންސިލުން ވަކިވުމާއެކު މި ދެ ރަށުގެ ކައުންސިލަށް 12 މިލިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީއިން ވަކިވާން ނިންމި ނަމަވެސް އެ ދުވަހު ދެން ވޯޓު ލީ ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ އާއެކު ދެމި އޮތުމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ފޭދޫ ދެމިއޮތުމަށް 1784 މީހުން ވޯޓު ދިނެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،355 މީހުންނަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓު ލުމަށް ނުކުތީ 56 ޕަސެންޓު މީހުންނެވެ.