Advertisement

ސިފައިންގެ އާ އިމާރާތްތަކާއި ޓްރެއިނިން މަރުކަޒެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

3 ނޮވެންބަރު 2025 - 11:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ވެރިކަމާ ހަވާލުވީ ފަހުން އަސްކަރީ ހޭދަ އަންނަނީ އިތުރުކުރައްވަމުން -- ފޮޓޯ: ރައީސް އޮފީސް


ސިފައިންގެ އާ އިމާރާތްތަކާއި ޓްރެއިނިން މަރުކަޒެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

3 ނޮވެންބަރު 2025 - 11:32 0

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ސިފައިންގެ އާ އިމާރާތްތަކާއި ޓްރެއިނިން ސެންޓަރުތައް އެޅުމަށް ހިމަނައި ޕްލޭންކޮށްފައިވާ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށީގައި ހިދުމަތުގައި އުޅޭވަގުތު ބޭނުންކުރަން ޖެހޭ އިމާރާތްތައް ވިރާނާވަމުންދާތީ، އެ އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތްތަކެއް އެޅުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ސިފައިންގެ އާ މަރުކަޒެއް އެޅުމުގެ އިތުރުން ޓްރެއިނިން މަރުކަޒެއް އެޅުމުގެ މަސައްކަތަށް ވެސް ބަޖެޓުކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށީގައި ހިދުމަތުގައި އުޅޭ ވަގުތު އެ ބޭނުންކުރަން ޖެހޭ އިމާރާތްތަކާ ތަންތަން ބާވެ ވިރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށް އާ އިމާރާތްތައް އެޅުމާއި ދެކުނުގައި އައްޑޫ އަތޮޅުގައި އިރާދަކުރެއްވިއްޔާ އާ މަރުކަޒެއް އެޅުމާއި ޓްރެއިނިން މަރުކަޒަކާއި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބަޖެޓުގައި ސިފައިންގެ އެކި ދާއިރާތައް ތަރައްގީ ކުރުމުގެ އިތުރުން ސިފައިން ހިދުމަތުގައި ހޭދަކުރާ ވަގުތު އަޅާނުލައި އޮތް އޮތުން ނިމުމަކަށް ގެންނަން ކަންކަން ހިމަނާފައިވާ ކަމަށެވެ.

"ސިފައިންގެ އެކި އެކި ދާއިރާތައް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އޭގެ އިތުރަށް ސިފައިންގެ ހިދުމަތުގައި ހޭދަކުރާ ވަގުތު އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅާނުލައި އޮތް އޮތުން ނިމުމަކަށް ގެނެސް ރަނގަޅު ހިދުމަތްތަކެއް ދިނުމަށް ބަޖެޓުގައި ހިމެނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ދާއިރާ ތަރައްގީ ކުރުމަށް މިދިޔަ ދެ އަހަރު އަދި ކުރިއަށް އޮތް އަހަރުވެސް މަސައްކަތްތައް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ގިރިފުށީގައި ޓްރެއިނިން ސެންޓަރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުގެ ހަތަރު ޕަސެންޓު އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފައިވެ އެވެ. އެ އަދަދަކީ 2.8 ބިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

އަސްކަރީ ބަޖެޓު:

2021: 1.51 ބިލިއަން

2022: 1.64 ބިލިއަން

2023: 1.76 ބިލިއަން

2024: 2.73 ބިލިއަން

2025: 2.42 ބިލިއަން

2026: 2.87 ބިލިއަން