Advertisement

މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި

31 އޮކްޓޯބަރު 2025 - 16:11 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވެލާނާގެއަށް ވަންނަން މީހަކު ދަނީ -- ފޮޓޯ: އަދަދު


މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި

31 އޮކްޓޯބަރު 2025 - 16:11 2

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތަކަށް ނޮވެމްބަރު 1، އިން ފެށިގެން ގެންނަ ބަދަލުތަކާއެކު ޖޮބް މެޓްރިކްސް އަދާހަމަކޮށް އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޖޮބް މެޓްރިކްސްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ހިމަނާފައިވެ އެވެ.

އެގޮތުން ވިޔަފާރި އާއި އެޑްމިނިސްޓްރޭޓިވް ދާއިރާ އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ އާއި ލީގަލް އަދި ކަލްޗާގެ ދާއިރާގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް އާންމުކޮށްފަައިވެ އެވެ.

އޭގެތެރޭގައި އެކައުންޓެންޓުނާއި ފިސްކަލް އެނަލިސްޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި އާކިއޮލޮޖިސްޓުންނާއި އިކޮނޮމިސްޓުންގެ އިތުރުން މީޑިއާ ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން އަދި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިފައިންނާއި އޭވިއޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެންނަ ބަދަލު ހިމެނެ އެވެ.

މާލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އަނެއްކާ ވެސް ސަރުކާރު މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 28، ގަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މުސާރަ ބޮޑުކުރަނީ ހުރިހާ މަގާމެއްގެ މުސާރަ އެއްހަމަކުރުމުގެ ގޮތުންނެވެ.

"ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ," މުއިއްޒު ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން، މި އަހަރު މުސަރާ ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަސް ފެށުނުއިރު މުސާރަ އާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންދިޔަ ނަމަވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި ލިބޭ އާމްދަނީން ފަރުނުޖެހޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.