31 އޮކްޓޯބަރު 2025 - 07:51 3
މަހްފޫޒް ސައީދު
31 އޮކްޓޯބަރު 2025 - 07:51 3
ނިމިދިޔަ ހަފްތާ ތެރޭގައި ނޫހުން ފެނުނު ހަބަރަކީ ކެފޭއަކުން ކައިގެން ބިލު ނުދައްކައި ދާން އުޅުނު މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން އޭނާ ވަނީ އެ މަޖިލީހުގައި އޭނާގެ ކުށަށް އިއުތިރާފު ވެސް ވެފަ އެވެ. ކެފޭއިން ކެއީ ބަނޑުހައިވެގެން ކަމަށާއި ފިލަން އުޅުނީ ކެފޭއަށް ދައްކާނޭ ފައިސާ ނެތުމުން ކަމަށް ވެސް އޭނާ ޝަރީއަތުގައި ބުނިކަމަށް ނޫސްތަކުން ރިޕޯޓުކުރި އެވެ. ވަޒީފާއެއް އަދާ ނުކުރާ އެ ޒުވާނާ ނިދައި އުޅޭނޭ ވަކި ތަނެއް ވެސް ނެތްކަމަށް އޭނާ ކޯޓުގައި ބުންޏެވެ. އެ ޒުވާނާއަކީ މީގެ ކުރިން ވެސް މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެއްކަން ވެސް އެ ހަބަރުން އެނގުނެވެ.
އޭނާގެ ބަހުންނަމަ އޭނާ އެ ކެފޭއިން ކެއީ ބަނޑުހައިވެގެން 'އެ ނޫން ގޮތެއް ނެތިގެންނެވެ.' ވަޒީފާއެއް ނެތެވެ. ފައިސާއެއް ނެތެވެ. ދިރިއުޅޭނޭ ތަނެއް ނެތެވެ. އާއިލާގެ މީހުން އަޅައެއް ނުލަ އެވެ. މިއީ ތެދު ވާހަކަތަކެއް ނަމަ ހާދަހާ ދެރަ އެވެ. ނިސްބަތުން ބަލާއިރު ތަނަވަސް ރާއްޖެއެއްގައި، ބަނޑުހައި ހޫނު ކަމުގެ ސަބަބުން މީހުން ވައްކަން ކުރަންޖެހޭ ހިސާބަށް ދިޔައީ ހެއްޔެވެ؟ އެކަމަކު، އޭނާ މި ދެއްކި ވާހަކަތަކަކީ ރޯ ބުހުތާނަކަށް ވެސް ވެދާނެ އެވެ. އެހެންވިޔަސް ވެސް އަޅުގަނޑުމެންގެ މުޖުތަމައުއާމެދު ނުރަނގަޅު ތަސްވީރެއް ކުރަހަން އެއްވެސް މީހަކަށް ފުރުސަތެއް ވެސް ދޭންވީ ކީއްވެގެންތޯ އެވެ. މިކަހަލަ ހާލަތެއްގެ ދާއިމީ ހައްލުތަކެއް އަޅުގަނޑުމެންނަށް ނުހޯދޭނެބާ އެވެ؟
'ސަސްޕެންޑްޑް ކޮފީ' އޭ ކިޔާ ސަގާފަތެއްގެ ވާހަކަ މީގެ އަހަރު ތަކެއް ކުރިން ކޮންމެވެސް ނޫހެއްގައި ލިޔެފައި އޮއްވައި ދެކުނީމެވެ. ފެށުމުގައި މި ބުނި ހަބަރު ފެނުމުން ހިތަށް އެރީ އެ ލިޔުމެވެ. އެއީ މިކަހަލަ މައްސަލަތަކަށް ހޯދިދާނޭ ހައްލެއް ނޫން ބާވައޭ ހިތަށް އެރި އެވެ.
ސަސްޕެންޑްޑް ކޮފީގެ ސަގާފަތުގެ ފެށުން
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ އޮތީ މާ އެދެވޭ ހާލަތެއްގަ އެއް ނޫނެވެ. ހަނގުރާމައިގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރި މީހުން ގިނަ އެވެ. އެންމެ ބޮޑު އަސަރެއް ކުރީ އިގްތިސާދީ ގޮތުންނެވެ. ދުނިޔެ ހަމައަކަށް އަޅަން ނަގާނޭ ދިގު މުއްދަތުގައި ވަކިވަކި ފަރުދުން ތަހައްމަލުކުރަންޖެހޭނޭ އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަކީ އެއްވެސް ސަރުކާރަކަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ.
'ސަސްޕެންޑެޑް ކޮފީ' ގެ އާދަ ފެށުނީ އެ ހާލަތުގައި ދުނިޔެ އޮއްވައި އިޓަލީގެ ނޭޕްލްސް އޭ ކިޔާ ރަށުންނެވެ. އެ ރަށުގެ ރައްޔިތުން ފެށީ ވަރަށް އާދައިގެ އެހެންނަމަވެސް، އެއްބައިވަންތަކަމާއި، އެކަކު އަނެކަކާ އަޅައިލުމުގެ މުހިންމުކަން ބަޔާންކޮށްދިން ބޮޑު މެސެޖެއް ދިން ކަމެކެވެ.
އެރަށު ކެފޭއަކަށް އަންނަ ކަސްޓަމަރަކު އޭނާގެ އަމިއްލަ ކޮފީއަށް ފައިސާ ދައްކައި، އިތުރު އެއް ކޮފީއަށް ނުވަތަ "ސަސްޕެންޑްޑް" ކޮފީއަކަށްވެސް ފައިސާ ދައްކަ އެވެ. އެ ދެވަނަ ތަށި "ފާރުގައި ބެހެއްޓެނީ" ފާރެއްގައި، ޗޯކްބޯޑެއްގައި ނުވަތަ ރަޖިސްޓަރީއެއްގައި ނޯޓު ކުރުމުންނެވެ. ކެފޭއަށް އެއޮތީ އިތުރު ކޮފީއެއްގެ ފައިސާ ލިބިފަ އެވެ. އޭގެ ފަހުން ކޮފީއެއް ބޭނުންވެގެން އަންނަ، އެކަމަކު ފައިސާ ދެއްކެން ނެތް މީހާ ސުވާލުކުރާނީ ސަސްޕެންޑްޑް ކޮފީ އެބަހުރިތޯ އެވެ. ކެފޭގެ ފާރުގައި ސަސްޕެންޑްޑް ކޮފީ ހުރިނަމަ އޭނާއަށް ލިބޭ ކޮފީއަށް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިގުތިސާދީ ބޮޑު ދަތިކަމެއް ކުރިމަތިވެފައި އޮތް އެ ދުވަސްވަރު ނޭޕްލްސްގައި މި އާދަ ވަރަށް ބޮޑަށް ވައިގައި ހިފި އެވެ. އެއީ މުޖުތަމައެއްގެ ދިރިއުޅުން އުފާވެރިކަމުގައި ދެމެހެއްޓުމަށް ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކޮންމެހެންވެސް ބޭނުންވާނޭ ދުވަސްވަރެކެވެ. ފޯރާ މީހުންގެ ތަނަވަސްކަމުގައި ނިކަމެތިން ވެސް ބައިވެރިކުރުމަށް ތައާރަފުކުރެވުނު މި ސަގާފަތުގެ އެންމެ ރީތި ކަމަކީ، އެހީ ބޭނުންވާ މީހާގެ ވެސް އަބުރު ހިފަހައްޓާ ކަމެވެ. މިއަދު ސަސްޕެންޑްޑް ކޮފީއަށް ފައިސާ ދައްކާ މީހާއަކީ މާދަމާ އެ ސަސްޕެންޑްޑް ކޮފީއަށް އެދޭ މީހާ ކަމަށް ވެސް ވެދާނެ އެވެ. އެހެންވިޔަސް އެ މީހަކާ އިތުރު ސުވާލެއް ކުރުމެއް ނޯވެ އެވެ. ކެފޭގެ ފާރުގައި ސަސްޕެންޑްޑް ކޮފީ ހުރިނަމަ ބޯންވީ އެވެ.
ނޭޕްލްސްގެ މި އާދަ ވެގެން ދިޔައީ އެރަށަށް ދަތުރުކުރާ މީހުންނަށް ވަރަށް ކަމުދިޔަ އާދައަކަށެވެ. ސަސްޕެންޑްޑް ކޮފީގެ ސަގާފަތު މި ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށިފަ އެވެ. އެހެންނަމަވެސް، މިއީ އާލަމީ އާދައަކަށް ވާ ވަރަށް އަދިވެސް މި ސަގާފަތު އަށަގަންނަ ވަރެއް ނުވެ އެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގައި ކޮފީގެ އިތުރުން ތަފާތު ބާވަތްތަކުގެ މުދަލާއި ހިދުމަތްތަކަށް ވެސް މި ސަގާފަތު ފުޅާކުރެވިފައި ވެ އެވެ. ކެއުންބުއިމާއި އަންނައުނާއި ސިއްހީ ހިދުމަތްތަކުގައި ވެސް ކޮންމެވެސް މިންވަރަކަށް މި އުސޫލު ހިނގަ އެވެ.
ރާއްޖޭގައި މިކަން ކުރެވިދާނެތަ؟
މިކަހަލަ ކަމެއް ކުރަން އެންމެ ފަސޭހަވާނީ ވެސް ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގަ އެވެ. މާލޭގައި މީހަކު އާންމުކޮށް ވިޔަފާރިކޮށްއުޅޭ ކަންމަތީ ފިހާރައިން އާދަވެގެން ވިޔަފާރިކުރާ އެންމެން އެކަކު އަނެކަކާ ބައްދަލުވާނެ އެވެ. މި ފަހަކަށް އައިސް ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ދަންނަ މީހަކަށް ނޫނީ ހިނިތުންވެ ނުލިޔަސް އެންމެންނަކީ ވެސް ދެކިފަރިތަ މީހުންނެވެ. ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމުގައި، ކޮންމެ އެއްޗެއްގެ އަގު ވަކިން އަހައި އޮޅުން ފިލުވައިގެން، ގަންނަން ބޭނުންވި ތަކެތިން ބައެއް އުނިކޮށްގެން ނޫނީ ވިޔަފާރި ނުކުރެވޭ މީހުންގެ އަދަދު މަދު ނޫންކަން އެންމެން ދަންނާނެ އެވެ.
މިފަދަ މީހަކަށް އެހީތެރިކަމެއް ދިނުމަށްޓަކައި ފިހާރައިގައި ހުރި ބައެއް މުދަލަށް ފައިސާ ދައްކާފައި ބެހެއްޓޭނޭ އިންތިޒާމު ހަމަޖެއްސިދާނެ އެވެ. އޭރުން އެ ފިހާރައިން ލިބެންހުރި 'ސަސްޕެންޑްޑް' މުދަލުގެ ތަފްސީލު ފިހާރައިގައި ހުންނަ ޑިސްޕޭއިން ނުވަތަ ފިހާރައިގެ ފާރުން ފެންނާން ހުންނާނެ އެވެ. ހެނދުނު ދަރިން ސުކޫލަށް ފޮނުވަންވާއިރަށް ބުއްދަޅު ގަންނަން އަންނަ، ފައިސާގެ ތަނަވަސްކަން ކުޑަ މީހާ ބުއްދަޅެއް ނަގާނީ އެ ފާރުންނެވެ. ކާކު ދިން އެއްޗެއް ކަމެއް ވެސް އޭނާއަކަށް ނޭނގޭނެ އެވެ. އެއަށް އަގު ދެއްކި މީހަކަށް ހެޔޮދުއާ ކުރަމުން އެ އެއްޗެއް ހިފައިގެން އޭނާ ހިނގައިދާނެ އެވެ. ދަރަނިފޮތުގައި ޖަހައިގެން ގެންދަންޖެހޭތީ ސޭޓު ކަޅިއަޅާ މަންޒަރު ބަލާކަށް ނުޖެހޭނެ އެވެ. މީހެއް ކައިރީގައި ކުރަންޖެހޭ އިތުރު އާދޭހެއް ވެސް ނޯންނާނެ އެވެ.
ކެފޭ ރެސްޓޯރަންޓުތަކުގައި ވެސް މި އާދަ ފެށިދާނެ އެވެ. ބިލު ގެންނައިރު، 'ފާރަށް ކޮފީއެއް ނުވަތަ ކެއުމެއް' ދޭން ބޭނުންތޯ ކަސްޓަމަރު ކައިރީގައި އެހިދާނެ އެވެ. ނުވަތަ ބިލުގައި އެހެން ލިޔެވިދާނެ އެވެ. އެ ކަސްޓަމަރަކު 'ފާރަށް ކަނޑައެޅި އަދަދު' އެ ބިލުގައި ލިޔުމަށްފަހު އާންމުކޮށް ފެންނަ ގޮތަށް ކެފޭގައި ބަހައްޓާނީ އެވެ. ނުވަތަ އެ ކެފޭގެ ސޯޝަލް މީޑިއާއަށް ވެސް ލެވިދާނެ އެވެ. 'ސަސްޕެންޑްޑް ކޮފީ ނުވަތަ ކެއުން' ލިބެންހުރީ ކޮން ރެސްޓޯރަންޓުތަކަކުން ކަން އޭރުން ފެންނާން އޮންނާނެ އެވެ. މިއޮތީ މަދުން އާމްދަނީ ލިބޭ މީހުން، ދަރިވަރުން، ނުވަތަ ކޮންމެވެސް ސަބަބަކާހެދި އެވަގުތަށް ފައިސާ ދެއްކެން ނެތް މީހުންނަށް ގޮތެއް ހޯދައި ދެވިފަ އެވެ. މިހެން މިކަން ކުރެވިއްޖެނަމަ، ބަނޑުހައިވެގެން އެއްޗެއް ކައިފައި ބިލު ނުދައްކައި ފިލައިގެން ދާން އުޅުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެޔޭ ހިތް ބުނެ އެވެ.
މިކަމުން ނުކުމެދާނެ އެއް މައްސަލައަކީ އެއްބަޔަކު ތަކުރާރުކޮށް އައިސް، ސަސްޕެންޑްޑް ކޮފީ ނުވަތަ މުދާ ހޯދުން ކަމަށް މީހަކު ބުނެފާނެ އެވެ. ފިހާރަތަކުން ލިބޭ 'ސަސްޕެންޑްޑް މުދާ' ނުއަގުގައި ވިއްކައިގެން ފައިސާ ހޯދައިގެން ވިޔާނުދާ ބޭނުމެއް ކޮށްފާނޭކަމުގެ ބިރު ވެސް އޮންނާނެ އެވެ. އެކަމުގައި އަމަލުކުރާނޭ އުސޫލެއް އެ ވިޔަފާރިއަކަށް ކަނޑައެޅިދާނެ އެވެ. އެފަދަ ޝައްކެއް އޮތްނަމަ މުދާ ދޫނުކުރުމުގެ އިހުތިޔާރު ވިޔަފާރިވެރިޔާއަށް އޮންނާނެ އެވެ.
އަތުގައި ފައިސާ ހުރެފައި ގޮތެއްހުރި މީހަކު 'ސަސްޕެންޑްޑް ކޮފީއެއް ނުވަތަ ކެއުމެއް ނުވަތަ މުދަލެއް' ހޯދުމަށް ނާންނާނެކަން ގައިމެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސަށް ގަދަރު ކުރާނެ އެވެ. އެހީތެރިކަން ބޭނުންވާ މީހުންނަށް ދިނުމަށް ހާއްސަކުރެވިފައި ހުރި 'ސަސްޕެންޑްޑް މުދާ' ހޯދުމަށް އެދޭނީ އެ މީހަކީ ކޮންމެވެސް ސަބަބަކާ ހެދި އެހީތެރިކަން ބޭނުންވާ މީހަކަށްވާތީ އެވެ. މި ސަގާފަތުގެ ބޭނުމަކީ އެފަދަ މީހެއްގެ ނަފުސުގެ އަގު ރައްކާތެރިވެއޮވެ، އެހީ ވެސް ލިބޭނޭ މަގު ފަހިވެގެން ދިއުމެވެ.
އަޅުގަނޑުމެންގެ އާދައަކީ ޝަކުވާ ކުރުމެވެ. ކުރިމަތިވާ ކޮންމެ ތަކުލީފެއްގައި ވެސް ތުހުމަތުގެ ފުރަތަމަ އިނގިލި ދިއްކުރެވެނީ ސަރުކާރަށެވެ. އެހެންނަމަވެސް ކޮންމެ ކަމަކީ ސަރުކާރަކަށް ހައްލު ކުރެވޭނޭ ކަމެއް ނޫނެވެ. ބައެއް މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން އުޅުމުން މައްސަލަ ވަނީ އިތުރަށް ގޯހެވެ. ވިޔަފާރިކުރުމުގެ މިނިވަންކަން އޮތް މި ގައުމުގައި، މިފަދަ ކުދިކުދި ކަންކަމަކީ އަޅުގަނޑުމެންނަށް އަމިއްލައަށް ފަށައިގަނެވޭނޭ ކަންކަމެވެ. މިފަދަ ކަމަކުން ހެވެއް ނޫނީ ނުނުކުންނާނޭކަން ގައިމެވެ.
Comment