Advertisement

މުއިއްޒު ބަޖެޓު ގުނަނީ އެންމެ ބޮޑު ދެ ލޯނުގެ ހަރަދު ނުހިމަނާ

30 އޮކްޓޯބަރު 2025 - 15:57 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރެއްގެ ތެރެއިން: އެމަނިކުފާނު ބަޖެޓު ގުނަނީ އެންމެ ބޮޑު ދެ ލޯނުގެ ހަރަދު ނުހިމަނާ --- ފޮޓޯ: ރައީސް އޮފީސް


މުއިއްޒު ބަޖެޓު ގުނަނީ އެންމެ ބޮޑު ދެ ލޯނުގެ ހަރަދު ނުހިމަނާ

30 އޮކްޓޯބަރު 2025 - 15:57 1

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، އަސްލު ބަޖެޓުގެ އަދަދަކީ އަންނަ އަހަރު ދައުލަތުން ދައްކަން އޮތް އެންމެ ބޮޑު ދެ ލޯނު ދެއްކުމަށް ދާ ހަރަދު ނުހިމަނާ އަންނަ އަދަދު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވި ޖަލްސާ ނިމުމުން، މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ މި އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރީ 56.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

"ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" މުއިއްޒު ލިޔުއްވާފައިވެ އެވެ.

ނަމަވެސް، އާންމު އުސޫލުން ބޭރާއި އެތެރޭގެ ލޯނުތައް ހިމެނޭހެން ދައުލަތުން ކުރާ ހުރިހާ ހަރަދަކީ ބަޖެޓުގެ ތެރޭގައި ގުނޭނެ އަދަދުތަކެވެ. އޭގެން ވަކި ބައިބައި އުނިކޮށްގެން ބަޖެޓު ގުނާ ނަމަ އެއް އަހަރާއި އަނެއް އަހަރުގެ ބަޖެޓު އަޅާ ކިޔޭނެ ހަމަޖެހޭ އުސޫލެއް ނޯންނާނެ އެވެ.

އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މުއިއްޒު ވިދާޅުވި 9.3 ބިލިއަނަކީ އަންނަ އަހަރުގެ ކުރީކޮޅު މެޗުއާ ވާ ސުކޫކާއި ބޮންޑުގެ ޕޭމަންޓަށް އަރާނެ ހަރަދެވެ.

މުއިއްޒުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އަދި ސަރުކާރުގެ އިސް ބައެއް ވެރިން އަންނަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ސުކޫކާއި ބޮންޑު ދެއްކުމަށް ހަރަދުވާ ނުވަ ބިލިއަން ރުފިޔާ އުނިކުރުމަށްފަހު، މި އަހަރަށްވުރެ ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓު ކުޑަކަމަށް ބުނަމުންނެވެ.

ސަރުކާރުން އަންނަ އަހަރު ރެކޯޑު ބަޖެޓެއް ހުށަހަޅާއިރު، މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ބުނި ގޮތަކަށް ތަންފީޒެއް ނުކުރެ އެވެ.

އެ ގޮތުން މި އަހަރަކީ ސަރުކާރުން ގިނަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އަށް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ބުނި އަހަރެކެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒުވީ ކުޑަ މިންވަރެކެވެ. އަދި ވަކި ހިސާބަކުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ސަބްސިޑީ ޓާގެޓުކުރުމާއި ޕެންޝަން ނިޒާމުގައި ހުރި ކަންކަން ހައްލުކުރުން ފަދަ ކަންކަން ވަނީ ހުއްޓާލާފަ އެވެ.

ހަރަދު ކުޑަކުރަން ބުނި ފިޔަވަޅުތައް ނޭޅި ނަމަވެސް، ސަރުކާރުން ވަނީ ވިދިވިދިގެން 40 ހަފުތާ ވަންދެން ބަޖެޓު ސާޕްލަސްގައި ހިފަހައްޓާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނަނީ މިއީ ސަރުކާރުން ގެންގުޅުނު ފިސްކަލް ޑިސިޕްލިންގެ ސަބަބުން ހާސިލުކުރެވުނު ކަމެއް ކަމަށެވެ.

މިހެން ނަމަވެސް، ސަރުކާރުން އަސްލު މިކަން ހާސިލުކުރީ ކެޕިޓަލް ބަޖެޓުގެ ބޮޑު ބައި ހަރަދުނުކޮށް ބާއްވައިގެންނެވެ. މިހެން ބޭއްވުމަށް ފަހު ސަރުކާރުން ވަނީ ބިން ހިއްކުމާއި އެއާޕޯޓުތައް ފަދަ އެންމެ އަގު ބޮޑު މަޝްރޫއުތައް ދައުލަތުގެ ބަޖެޓުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. އެހެން ޕްރޮޖެކްޓުތައް ހިންގަނީ ކުންފުނިތަކުގެ ހަރަދުގައި ނިންމުމުން ސަރުކާރުން ފައިސާ ދޭ ގޮތަށެވެ.