30 އޮކްޓޯބަރު 2025 - 14:39 0
އަހުމަދު އާއިދު
ފިނޭންސް މިނިސްޓަރު ޒަމީރު (ކ-2) އަދި އެހެން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ޖުމްހޫރީ މައިދާނު ކައިރި ހުއްޓިލައިގެން ---- ފޮޓޯ: އަދަދު
30 އޮކްޓޯބަރު 2025 - 14:39 0
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް 2026 ގެ ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"ތިޔަ އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ހުށަހަޅާ ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް. އެއީ ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށް،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރު 40 އަކަށް ބިލިއަން ރިކަރަންޓު ހަރަދަށް ބަޖެޓުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން ގަބޫލެއް ނުކުރެ އެވެ.
ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. މިހެން ކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
މިއީ ތާރީހުގައި ވެސް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓު މިހާ ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ތެރޭގައި ލޯނު ދައްކަން ކުރަން ޖެހޭ ހަރަދު ރެކޯޑު އަދަދަކަށް ބޮޑުވުމެވެ.
އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ.
ސަރުކާރުން އަންނަ އަހަރު ރެކޯޑު ބަޖެޓެއް ހުށަހަޅާއިރު، މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ބުނި ގޮތަކަށް ތަންފީޒެއް ނުކުރެ އެވެ.
އެ ގޮތުން މި އަހަރަކީ ސަރުކާރުން ގިނަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އަށް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ބުނި އަހަރެކެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒުވީ ކުޑަ މިންވަރެކެވެ. އަދި ވަކި ހިސާބަކުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ސަބްސިޑީ ޓާގެޓުކުރުމާއި ޕެންޝަން ނިޒާމުގައި ހުރި ކަންކަން ހައްލުކުރުން ފަދަ ކަންކަން ވަނީ ހުއްޓާލާފަ އެވެ.
Comment