Advertisement

ބިޑުނުކޮށް ހަވާލު ކުރާ މަޝްރޫއުތަކުގެ މައްސަލަތައް ފަހުން ބަލާނެ ކަމަށް އެމްޑީޕީ އިން ބުނެފި

29 އޮކްޓޯބަރު 2025 - 21:59 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބިޑުނުކޮށް ހަވާލު ކުރާ މަޝްރޫއުތަކުގެ މައްސަލަތައް ފަހުން ބަލާނެ ކަމަށް އެމްޑީޕީ އިން ބުނެފި

29 އޮކްޓޯބަރު 2025 - 21:59 2

ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލުގެ ދަށުން ބިޑުނުކޮށް ހަވާލު ކުރާ މަޝްރޫއުތަކުގެ މައްސަލަތައް އެމްޑީޕީގެ ވެރިކަމެއްގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިދިިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ހުރިހާ ބަދަލެއް ގެނެސްފައި ވަނީ ދައުލަތުގެ ޕްރޮކިއުމެންޓުގެ ތެރެއިން ބޭނުންވާ މަޝްރޫއުއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ދެވޭ ގޮތަށް ކަމަށެވެ.

"އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި މިފަދައިން ހަދާފައިވާ އެންމެހައި އެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެ ކަމަށް ދަންނަވަމެވެ. ހަމައެގޮތުން މިފަދަ ބަދަލުތައް ގެނައުމުގައި އަދި ތަންފީޒު ކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނަން،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ބިޑުނުކޮށް 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު ހަވާލު ކުރަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޝްރޫއުތައް ހަވާލު ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން ފަންޑު ކުރާ ގޮތަށެވެ. އެއީ ރިކޯޑެއް ހެދުމުގެ ނިޔަތުގައި ސަރުކާރުން ކުރާ ކަމެކެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ދެފުށްފެންނަ ވާދަވެރި ޕްރޮކިއުމެންޓު ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދައުލަތުގެ ޕްރޮކިއުމެންޓު ނިޒާމު ފުނޑާލައި އެ ނިޒާމު މުއިއްޒުގެ އަތްދަށަށް ގެންދިޔުމަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މި ކަންކަން ހުއްޓާލައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ރުޖޫއަވުމަށް ގޮވައިލަން،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެފަދަ ކަންކަން ބަލައި ޖަވާބުދާރީ ކުރުމުގެ ޒިންމާ މަތިކޮށްފައިވާ، މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް އޮފީސް ފަދަ އޮފީސްތައް ސިޔާސީ ކޮށްފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ޕްރޮކިއުމެންޓު ނިޒާމަށް އެފަދަ ބަދަލުތައް ގެނައުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަމަށް އިތުރުވި ބޮޅެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.