Advertisement

ބީއެމްއެލް ސިޔާސީވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދުދީ ބޭންކުގެ ސިޔާސަތުތައް ޝަރީފް ދިފާއު ކުރައްވައިފި

29 އޮކްޓޯބަރު 2025 - 20:24 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބީއެމްއެލްގެ ސީއީއޯ، މުހައްމަދު ޝަރީފް -- ފޮޓޯ: ރައީސް އޮފީސް


ބީއެމްއެލް ސިޔާސީވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދުދީ ބޭންކުގެ ސިޔާސަތުތައް ޝަރީފް ދިފާއު ކުރައްވައިފި

29 އޮކްޓޯބަރު 2025 - 20:24 3

ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކާއި އާންމު ފަރުދުންގެ ކުރިއެރުމަށް ބޭންކުން އެއްބާރުލުން ދިނުމަކީ ސިޔާސީވުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބުނެ ބޭންކަށް އަމާޒުވާ ފާޑުކިޔުންތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ރައްދު ދެއްވައިފި އެވެ.

ބީއެމްއެލްގެ ހިދުމަތްތަކެއް އިފުތިތާހު ކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބޭންކު ސިޔާސީވެފައިވާ ކަމަށް ބުނެ ބަޔަކު ވާހަކަދައްކަމުން ދިޔަ ނަމަވެސް، ބީއެމްއެލްއިން އަމަލު ކުރަމުން ދަނީ ރަނގަޅު ސިޔާސަތެއްގެ ދަށުން ބޭންކު ހިންގަން ކަމަށެވެ.

"އާދެ، ބޭންކު ސިޔާސީ ވެއްޖެކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތަކާ ގުޅޭގޮތުން ވެސް އެއްޗެއް ދަންނަވައިލަން އަޅުގަނޑު ބޭނުން، ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓުތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު ލިމިޓު އިތުރުކުރުމާއި ގެދޮރު ގަތުން ފަދަ ކަންކަމަށް ފައިނޭންސް ލޯނު ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖެއްސުމާއި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ރަނގަޅު ސިޔާސަތަކަށް ސަޕޯޓު ދިނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކުރިން މި ދެންނެވި ކަންތައްތަކަކީ ސަރުކާރުން އިސްނަގާފައިވާ ކަންކަމަށް ވާތީވެ ނުވަތަ އެކަންކަން ކުރުމުން ސަރުކާރަށް ރީތި ނަން ލިބޭ ކަންކަމަށް ވާތީވެ، އެކަން ބޭންކުން ނުކުރަން ގަދަ ދެއްކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ސިޔާސީވުން ކަމަށް ވެސް ބެލިދާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ނިންމައިލާނީ ބީއެމްއެލްއަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގައި ކަމަށާއި އެކަން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ބޭންކުގެ ހިއްސާދާރުންނަށް ޔަގީންވާނެ ކަމަށެވެ.

ބޭންކުގެ ބޯޑުން މަސައްކަތް ކުރަނީ ފަރުވާތެރިކަމާއި ފުރިހަމަ މިނިވަންކަމާއެކު ކަމަށް ޝަރީފް ވިދާޅުވި އެެވެ.