Advertisement

ކޮމްޕެނީ ބަޔާނުގައި އިތުބާރު ހޯދީ ނަތީޖާ ނެރެގެން

29 އޮކްޓޯބަރު 2025 - 04:35 0


ކޮމްޕެނީ ބަޔާނުގައި އިތުބާރު ހޯދީ ނަތީޖާ ނެރެގެން

29 އޮކްޓޯބަރު 2025 - 04:35 0

މިއުނިކް (އޮކްޓޫބަރު 29) - ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުގައި ހުރެ ވިންސެންޓް ކޮމްޕެނީ، ސަޕޯޓަރުންނާއި ކްލަބްގެ ލެޖެންޑުންގެ އިތުބާރު ހޯދީ ނަތީޖާ ނެރެގެން ކަމަށް ބަޔާނާއި ޖަރުމަނުގެ ކުރީގެ ތަރި، ލޯތާ މަތައުސް ބުނެފި އެވެ.

ބާންލީގެ ކޯޗަކަށް ހުރެފައި، މިދިޔަ ސީޒަން ފެށުމުގެ ކުރިން، މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ، 39، ބަޔާންގެ ކޯޗުކަމާ ހަވާލުވިއިރު، ގިނަ ބަޔެއްގެ އިތުބާރު އޭނާ އަށް ނެތެވެ. އަދި، ބަޔާނާ އެކު، ކޮމްޕެނީ، މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައި އޮތުމުން އެކަމަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެކަމަކު، ފުރަތަމަ ސީޒަނުގައި ބަޔާނަށް ޖަރުމަނުގެ ލީގު ޗެމްޕިއަންކަން، ހޯދައިދިން ކޮމްޕެނީގެ ކޯޗުކަމުގައި މި ސީޒަން ފަށައިގެން ހުރިހާ މުބާރާތެއްގެ މެޗުތަކުން މޮޅުވެ، ރެކޯޑަކާ ހަމަކޮށްފައިވާއިރު، ބަޔާނުން ވަނީ އޭނާގެ އެއްބަސްވުން، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.

މަތައުސް ބުނީ، ކޮމްޕެނީ އަކީ މޮޅު ކޯޗެއްކަން ބަޔާނުގައި އޭނާ ހާސިލްކުރަމުން އަންނަ ކަންކަމުން ޔަގީންވެފައިވާ ކަމަށެވެ. އޭނާ އަކީ ވެސް ކޮމްޕެނީއާ މެދު އެންމެ ފުރަތަމަ ހިތްހަމަނުޖެހުންތަކެއް ހުރި މީހެއްކަން ފާހަގަކޮށް، މަތައުސް ބުނީ، ކޮމްޕެނީ ވަނީ އަމިއްލަ މަސައްކަތުން ބަޔާނުގެ ސަޕޯޓަރުންނާއި ލެޖެންޑުންގެ އިތުބާރު ހޯދާފައި ކަމަށެވެ.

ފާއިތުވި ހަތަރެއް ނޫނީ ވަސް ވަރަކަށް އަހަރަށް ބަލާއިރު، ބަޔާނަށް ހަމަޖެހުމެއް ލިބިގެންދިޔައީ ކޮމްޕެނީ ހަވާލުވި ފަހުން ކަމަށް މަތައުސް ވަނީ ބުނެފަ އެވެ.