28 އޮކްޓޯބަރު 2025 - 10:23 2
ލީވާން އަލީ ނާސިރު
ކްރިމިނަލް ކޯޓު: ކެފޭއަކުން ކައިގެން ބިލަށް ފައިސާ ނުދެއްކި މީހެއްގެ ބަންދަށް އެ ކޯޓުން ވަނީ 10 ދުވަސް ޖަހާފައި -- ފޮޓޯ: އަދަދު
28 އޮކްޓޯބަރު 2025 - 10:23 2
މާލޭގެ ކެފޭއަކުން ކައިފައި ބިލު ނުދައްކާ ފިލަން އުޅުނު މީހަކު ހައްޔަރުކޮށްގެން، ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެކަން ކުރީ ބަނޑުހައިވެގެން ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.
މި މައްސަލައިގައި، ވައްކަންކުރުން/އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ތިމާ އަމިއްލަ ބާރު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ވަދޫ، ޖަވާހިރުމަގެ، ރާއިފް އަލީ، 25، އެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.
އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ކޯޓުގައި ކިޔައިދެމުން ރާއިފު ބުނީ ދިރިއުޅޭނެ ތަނެއް ނެތުމުން، އޭނާ ނިދަނީ ޖޯލިތަކުގައި ކަމަށެވެ. އަދި އާއިލާ މީހުން ދުނިޔޭގައި ތިއްބަސް އެ މީހުންގެ ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
ރާއިފު ބުނީ އޭނާ ގިނައިރު ކައިއުޅެނީ ސަލާން ޖަހައިގެން ކަމަށެވެ. އަދި ވަޒީފައެއް އަދާ ނުކުރާކަން ވެސް އޭނާ ކޯޓުގައި ބުންޏެވެ.
ރާއިފްގެ މި އަހަރު ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ކެފޭތަކުން ކައިގެން ބިލަށް ފައިސަ ނުދެއްކުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމާއި، ވައްކަން ކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވެ އެވެ. މިއީ އޭނާ މި ފަދަ މައްސަލައެއްގައި ހައްޔަރުކުރި ތިން ވަނަ ފަހަރު ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.
Comment