27 އޮކްޓޯބަރު 2025 - 15:13 1
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު: ނޮވެމްބަރު 1، އިން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނީ ސިވިލް ސާވިސްއާ އެއްގިންތިކުރުމަށްފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރު 2025 - 15:13 1
ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސްއާ އެއްގިންތިކުރާނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުގައި ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ގްރޭޑް ހަތަރަކުން ގްރޭޑް އެކަކަށް ބޮޑުކޮށްދީ، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު ބޮޑުކުރި މުސާރަ ވެސް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމާފައި މިހާރު މިއޮތީ ނޮވެމްބަރު 1 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރެވިގެންދާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްވާއިރުގައި ރާއްޖޭގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ހަތަރަކުން ތިނަކަށް ނޫން. ހަތަރަކުން އެކަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލް މުވައްޒަފުންގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ވެސް ނޮވެމްބަރުން ފެށިގެން ބޮޑުވާނެ ކަމަށެވެ.
އޭގެއިތުރުން ބާކީ ހުރި މުއައްސަސާތަކާއި ސްޓަޓުއުޓަރީ ބޮޑީސްތަކުގެ މުސާރަ އަންނަ އަހަރު ބޮޑުކޮށް ހުރިހާ ތަނެއްގައި ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތަރުތީބުކޮށްގެން އެކި ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ ރައްޔިތުންގެ އާމްދަނީ މަތިކޮށްދިނުމުގެ އިތުރުން މަޝްރޫއުތައް ދެ އަހަރު ތެރޭގައި ނިންމުމަށް ކަމަށެވެ.
ސިވިލް ސާވަންޓުންނާއި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ނިމިދިޔަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
ސެޕްޓެމްބަރު 18، އާއި ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 9.6 ބިލިއަން ރުފިޔާ އެވެ. މަހެއްހާ ދުވަސް ފަހުން އޮކްޓޯބަރު 16، ވީއިރު އެ އަދަދު ވަނީ 10.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 1.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރާއި އަޅާކިޔާއިރު މުސާރައަށް 312.9 މިލިއަން، އިނާޔަތްތަކަށް 218.1 މިލިއަން، އަދި ޕެންޝަންތަކަށް 108.9 މިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޯބަރު 16، އާއި ހަމައަށް ވަނީ އިތުރަށް ހަރަދުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment