Advertisement

ރާއްޖެއަށް އެތެރެކުރާ ބަނގުރާ ގިނައިން ނަގަނީ ނުދުއްވާ އަޅާފައި ހުންނަ، އިންޖީނު ވެސް ނެތް ސަފާރީތަކަށް: ނާޒިމް

27 އޮކްޓޯބަރު 2025 - 12:32 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖެއަށް އެތެރެކުރާ ބަނގުރާ ގިނައިން ނަގަނީ ނުދުއްވާ އަޅާފައި ހުންނަ، އިންޖީނު ވެސް ނެތް ސަފާރީތަކަށް: ނާޒިމް

27 އޮކްޓޯބަރު 2025 - 12:32 1

ދިވެހިރާއްޖެއަށް އެތެރެކުރާ ބަނގުރާ ގިނައިން ނަގަނީ އެއްވެސް ވަރަކަށް ނުދުއްވައި ފަޅުގައި އަޅާފައި ހުންނަ އިންޖީނު ވެސް ނެތް ސަފާރީތަކަށް ކަމަށް މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ބަނގުރާ ގެންގޮސް ވިއްކަމުންދާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަމުގެ ބައެއް ތަފުސީލުތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެތެރެކުރާ ބަނގުރަލުގެ ގިނަ އަދަދެއް ބޭރުކުރަނީ ހުޅުމާލެ ފަޅުގައި އަޅާފައި ނުދުއްވާ ހުންނަ ސަފާރީތަކަށްކަން އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިކަމާ ބެހޭގޮތުން ވަރަށް ތަފުސީލުކޮށް ހޯމް މިނިސްޓަރު މި ވަނީ މި މައުލޫމާތު ދެއްވާފައި، މީގައި ބަނގުރާ ނަގަަމުންދާ ގިނަ ސަފާރީތަކަކީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ހުންނަ އޭގައި އިންޖީނު ވެސް ނެތް، ނުވަތަ ނުވެސް ދުއްވާ ސަފާރީތައް އަދި އެއީ ގެސްޓުން ވެސް ނާރާ ސަފާރީތައް އަދި އެއްވެސް ޓެކްސްއެއް ވެސް ނުދައްކާ ސަފާރީތައް، މީގެން މި އެނގޭ ކަމަކީ މި ސަފާރީތަކުގެ ހަރަދުބަރަދު މި ހަމަޖައްސަނީ ރާ ވިއްކައިގެންކަން،" ނާޒިމް ވިދާޅުވި އެވެ.

އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުން ރާއްޖޭގެ ރަށްރަށަށުގައި ބަނގުރަލާއި ޕާޓީ ޑްރަގްސް އާންމުވެފައިވާ މިންވަރު ހާމަވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަންކަން އެހެން ހުއްޓައި، އަލަށް ލިބުނު މައުލޫމާތުން، ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތަކުގައި ހުންނަ ބަނގުރާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ބޭރުކުރުމުގެ ދޮރު ހުޅުވިފައިވާކަން ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމަނައި، ރިކޮމެންޑޭޝަނެއް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށެވެ.