27 އޮކްޓޯބަރު 2025 - 11:56 0
27 އޮކްޓޯބަރު 2025 - 11:56 0
އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް އެ ގައުމުގެ އެންމެ މުއްސަނދި ސްޓޭޓް ކަމަށްވާ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ހާމަކުރައްވައިފި އެވެ.
ޑިމޮކްރަޓިކް ޕާޓީގެ ތެރޭގައި ނިއުސަމް ގެންދަވަނީ ތާއީދު އިތުރަށް ހޯދަމުންނެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ރައްދު ދިނުމުގައި ނިއުސަމް ގެންގުޅޭ ސްޓައިލަށް އަންނަނީ ތާއީދު އިތުރުވަމުންނެވެ.
ރިޔާސީ ރޭހަށް ނުކުތުމުގެ ޝައުގު އޮތް ކަމަށް ސީބީއެސްގައި ވާހަކަ ދައްކަވަމުން ނިއުސަމް ވަނީ ހާމަކުރައްވާފަ އެވެ.
އަންނަ އަހަރު އޮންނަ މިޑްޓާމް އިންތިހާބަށް ފަހު މިކަމުގައި ވަކި ގޮތެއް ނިންމާނެ ކަމަށް ނިއުސަމް ވިދާޅުވި އެވެ. އަދި އިންތިހާބަށް ނުކުންނަ އެހެން ކެންޑިޑޭޓުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ މީހަކަށް ދެ ރިޔާސީ ދައުރު އަދާކުރެވޭ ގޮތަށެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރެވެ. ނަމަވެސް އިތުރު ދައުރަކަށް ކުރިމަތިލުމަށް ޓްރަމްޕް މަގުކޮށަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
Comment