Advertisement

ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން މޮޅުވެ ވިކްޓަރީ ކުރިއަށް

27 އޮކްޓޯބަރު 2025 - 06:19 0

ވިކްޓަރީގެ ޕިލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން މޮޅުވެ ވިކްޓަރީ ކުރިއަށް

27 އޮކްޓޯބަރު 2025 - 06:19 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ވިކްޓަރީ އަށް ވަނީ ކުޅުނު ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗަކީ ވިކްޓަރީގެ ކޯޗުކަމާ ޖޯޖްލީ ގެރީ ހަވާލުވި ފަހުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެެވެ. އޭނާ ހަވާލުވެ، ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ ވަނީ ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 4-0 އިން ބަލިވެފަ އެެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފަސް ވަނަ މިނިޓްގައި ވިކްޓަރީ އަށް ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއަށް ވަދެ ޕިލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ލިބުނު ފުރުސަތުތައް އެ ޓީމުގެ މުހައްމަދު ސާދު ނިޒާރު އާއި ހަސަން ސުފިއާނު (ސޫފީ) އަށް ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، ސާދު އާއި ސޫފީ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާސީދާނުވެ އެވެ.

ޓީސީން ވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރެވޭތޯ އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، ވިކްޓަރީގެ ގޯލުގައި ހުރި ސީރިއާގެ ގޯލްކީޕަރު، މަހުމޫދު އަލް ޔޫސުފް ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މި މެޗުން ބަލިވެ، ޓީސީ އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ. އެއީ، ފަސް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. ލީގުގެ މި ހަފްތާގައި ކުޅޭ ފަހު މެޗުގައި، މިރޭ، ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅޭނެ އެވެ.