Advertisement

އެސްޓީއޯ ބަލިކޮށް އާރްއާރްސީ އަށް ދެ ވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

26 އޮކްޓޯބަރު 2025 - 05:08 0


އެސްޓީއޯ ބަލިކޮށް އާރްއާރްސީ އަށް ދެ ވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

26 އޮކްޓޯބަރު 2025 - 05:08 0

ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އެސްޓީއޯ ރެކްރިއޭޝަން ކްލަބް 7-5 އިން ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ދެ ވަނަ ފަހަރަށް ހޯދައިފި އެވެ.

އާރްއާރްސީން ވަނީ 2021 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން، މިދިޔަ ދެ އަހަރު ފައިނަލުގައި ކުޅެ، ކްލަބް ވެމްކޯ އަތުން ބަލިވީ އެވެ. ރޭގެ ފައިނަލުގައި އެސްޓީއޯއާ ކުޅެ އާރްއާރްސީން މޮޅުވިއިރު، މި ފަހަރުގެ މުބާރާތުގައި އާރްއާރްސީން ވަނީ ދެ ފަހަރެއްގެ މަތިން އެސްޓީއޯގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުން ކުޅުނު ފުރަަތަމަ މެޗުން އާރްއާރްސީން ވަނީ 1-0 އިން އެސްޓީއޯ ބަލިކޮށްފަ އެވެ.


ދިހަ ވަރަކަށް އަހަރަށް ފަހު ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ދަތުރުކުރި އެސްޓީއޯ ކޮޅަށް އާރްއާރްސީން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، އަލީ ޝާމިސް (ތޮއްޕޭ) ދެ ގޯލާއި އިރާނުގެ ކުޅުންތެރިޔާ މޮހްސިން މޮންތަޒޭމީ، އަހުމަދު އަފްލާޒް ދެ ގޯލުގެ އިތުރުން، އާދަމް ނާސިހު (އާދަންނާ) ގޯލެކެވެ. އަނެއް ގޯލަކީ، އެސްޓީއޯގެ ކީޕަރު، މުހައްމަދު ޒުހަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖެހީ، އިސްމާއިލް އީސާ (މެސީ) ހެޓްރިކެއްގެ އިތުރުން، މުހައްމަދު އިމްރާން (އިންމި) އާއި އިރާނުގެ އަލީ ހޮދަދާދީ ގޯލެކެވެ.


މުބާރާތުގެ ކިންގްގެ މަގާމު ލިބުނީ، އާރްއާރްސީގެ އަފްލާޒް އަށެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އަފްލާޒްގެ އިތުުރުން އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ގޯލްކީޕަރު، މުހައްމަދު ލުފްސާން (ޕަފް) ހިމެނެ އެވެ. ދެން، ހިމެނެނީ، އެސްޓީއޯގެ އަލީ ހައިޝަމް (ޗުމްޕު) އާއި ހޮދަދާދީ އެވެ.

އެންމެ ގިނަ ގޯލު ޖެހީ އާރްއާރްސީގެ އާދަންނާ އާއި ފައިނަލުގައި އަނިޔާވެގެން އަށިގަނޑުގައި ބަދަލުކުރި ޝަނާން ރަޝާދު އެވެ. ދެ ކުޅުންތެރިން ވެސް ޖުމްލަ އެކު ނުވަ ގޯލު ޖެހި އެވެ. އެންމެ މޮޅު ކޯޗަކީ، އާރްއާރްސީގެ އިސްމާއިލް ޝަރީފް (އިއްސެ) އެވެ.

ފެއާޕްލޭ ޓީމަކަށް އެސްޓީއޯ ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ މޯލްޑިވިއަންގެ އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ މޯލްޑިވިއަންގެ މުހައްމަދު އަބްދުﷲ (މޯޑު) އެވެ.

އެންމެ މޮޅު ފަސް ރެފްރީންނަކީ، ފަހުމީ، މުނީރު، އަހުމަދު، ފާއިޒު އަދި އަމީން އެވެ.