Advertisement

ފޯރިގަދަ ފައިނަލް މެޗެއް މި ފަހަރު ފެނިގެންދާނެ: ނިޔާ

25 އޮކްޓޯބަރު 2025 - 06:49 0


ފޯރިގަދަ ފައިނަލް މެޗެއް މި ފަހަރު ފެނިގެންދާނެ: ނިޔާ

25 އޮކްޓޯބަރު 2025 - 06:49 0

ކްލަބް މޯލްޑިވްސްގެ ފައިނަލްގައި މި ފަހަރު ފޯރިގަދަ މެޗެއް ފެނިގެންދާނެ ކަމަށް އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ކޯޗު، އަހުމަދު ނިޔާޒް (ނިޔާ) ބުނެފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މިރޭ، 21:00 ގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އިން ނުކުންނާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މި ފަަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އެސްޓީއޯ އަތުން 1-0 އިން އާރްއާރްސީ މޮޅުވިއިރު، އޭގެ ފަހުން، ކުޅުނު ހުރިހާ މެޗަކުން އެސްޓީއޯ މޮޅުވި އެވެ.

ފައިނަލް މެޗާ ހަމައަށް ކުރި ދަތުރުގައި، އެސްޓީއޯ އިން ވަނީ ގަދަ 16 ބުރުގައި، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ކަޓުވާލައިފަ އެވެ. އަދި، ކުއާޓާ ފައިނަލުގައި އެމްޓީސީސީ އަތުން އެސްޓީއޯ މޮޅުވިއިރު، ސެމީ ފައިނަލުގައި އެސްޓީއޯ އިން ވަނީ ޒަމާންވީ ވާދަވެރިޔާ، ތިން ފަހަރު ތަށި ހޯދި އެމްޕީއެލްގެ މައްޗަށް ކުރިހޯދައިފަ އެވެ.

"ހަގީގަތުގައި މިއީ ދެ މަހާއި ބައިގެ ޕްރެކްޓިސް، ފުރަތަމަ ކަމަކަށް، މި ވަގުތު އަޅުގަނޑުމެންގެ ޓީމުގެ ވަރަށް މުހިންމު ޕްލޭޔަރެއް އައިހަމް އަކީ ވެސް، ނެޝަނަލް ޓީމުގެ ކަންކަން ހުރި ގޮތުން މީނީ މަނާކޮށްފައި ކުޅުން. އެހެން ނަމަވެސް ދެން ތިބި ޕްލޭޔަރުންގެ ވަރަށް ބުރަ މަސައްކަތް މިއީ، މި ހިސާބަށް އައުމުގައި،" ސެމީ ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނިޔާ ބުންޏެވެ.

ނިޔާ ބުނީ މި ފަަހަރުގެ ކްލަބް މޯލްޑިވްސް ކަޕް މި އައި ގޮތުން، ކޮންމެ ޓީމެއް ކުޅުނު ކަމުގައި ވިޔަސް ފައިނަލް ދާނީ އެހެން ފަހަރުތަކަށްވުރެން ފޯރިގަދަކޮށް ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް، ފައިނަލުގައި ކޮންމެ ޓީމެއް ކުޅުނު ކަމުގައި ވިޔަސް މެޗަކީ ފޯރިގަދަ މެޗަކަށްވާނެ، ހާއްސަކޮށް ކްލަބް މޯލްޑިވްސް މި އަހަރަކީ ވަރަށް ބައިވަރު ފޮރިން ޕްލޭޔަރުން އެކުވެގެން އައިސް ކުޅޭ މުބާރާތަކަށްވެފައި، މީގެ ކޮލިޓީއާ އެއްޗެހި ތަންކޮޅެއް ހައިވެފައި މީނީ، ގަބޫލުކުރެވެނީ ވަރަށް ޓަފް، ވަރަށް ފޯރިގަދަ ފައިނަލް މެޗަކަށްވެގެންދާނެ،" ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ވެސް ހުރި ނިޔާ ބުންޏެވެ.

ހަތަރު ފަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އެސްޓީއޯ އިން އެންމެ ފަހުން ފައިނަލެއްގައި ކުޅެފައިވަނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ފައިނަލަކަށް އެސްޓީއޯ ނުކުންނައިރު، ނިޔާ ވަނީ އެ ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"މީގެ އަސްލު މައިގަނޑު އެއްޗަކީ ޕްލޭޔަރުންނަށް ވުރެން ބޮޑަށް ސަޕޯޓަރުން. ދެން، ހާއްސަކޮށް އެސްޓީއޯގެ މެނޭޖްމަންޓުން މި ދެއްވާ އެއްބާރުލުން އަޅުގަނޑު މި ވަގުތު ފާހަގަކޮށްލަން. އެއީ އެ ބޭފުޅުންގެ އެއްބާރުލުމަކާ ނުލައި އަޅުގަނޑުމެންނަށް މިހިސާބަކަށް ވާސިލެއް ނުވެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިޔާ ބުންޏެވެ.

އާރްއާރްސީ އާއި އެސްޓީއޯ އަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ އަށް ސަޕޯޓްކުރި ޓީމުތަކުގެ ތެރެއިން ދެ ޓީމެވެ. އެހެންކަމުން، މިރޭގެ ފައިނަލް ވަރަށް ފޯރިގަދަވާނެ އެވެ.