Advertisement

ރެޝްފޯޑްގެ ވިސްނުން ހުރީ ޔުނައިޓެޑްގެ ކެރިއަރު ނިންމާލައި ބާސެލޯނާގައި މަޑުކުރަން

24 އޮކްޓޯބަރު 2025 - 13:33 0


ރެޝްފޯޑްގެ ވިސްނުން ހުރީ ޔުނައިޓެޑްގެ ކެރިއަރު ނިންމާލައި ބާސެލޯނާގައި މަޑުކުރަން

24 އޮކްޓޯބަރު 2025 - 13:33 0

ބާސެލޯނާ (އޮކްޓޫބަރު 24) - ލޯން އެއްބަސްވުމެއްގެ ދަށުން މި ވަގުތު ބާސެލޯނާ އަށް ކުޅެމުން އަންނަ މާކަސް ރެޝްފޯޑް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ދާއިމީ ކުރަން ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.

ބާސެލޯނާ އިން ރެޝްފޯޑް، 27، ގެންދިޔައީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ.

ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ.

އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ރެޝްފޯޑް ބުނީ، ޔަގީންކަމާ އެކު ބުނަން ކެރެނީ މިހާރު އޭނާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރުމަށް ކަމަށެވެ.

"އަހަރެެން ވަރަށް ގަޔާވެގެން އަހަރެން މި ޓީމަށް ކުޅެމުން މި އަންނަނީ. ފުޓްބޯޅަ ދެކެ ލޯބިވާ ކޮންމެ މީހަކަށް ވެސް އެނގޭނެ ބާސެލޯނާ އަކީ ކޮން ލެވަލެއްގެ ކްލަބެއްކަން. އެހެންވީމަ، ބާސެލޯނާ އަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭނެ ޝަރަފެއް،" 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ރެޝްފޯޑް ބުންޏެވެ.

މިދިޔަ ސީޒަނުގެ ފަހު ބައި، ލޯނަކަށް އެސްޓަން ވިލާ އަށް ކުޅުނު ރެޝްފޯޑް، ދާދި ފަހުން ކުޅުނު މެޗުތަކުގައި ބާސެލޯނާ އަށް ދައްކައިދިން މޮޅު ކުޅުމުގެ ސަބަބުން، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް، ކްލަބްގެ ބޯޑުގައި އެދިފައިވަނީ، ރެޝްފޯޑްގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން މިހާރު އަންނަނީ ޔުނައިޓެޑާ އެކު، ރެޝްފޯޑްގެ އެއްބަސްވުމެއް ހެދުމަށް ވާހަކަ ދައްކަމުންނެވެ. ބާސެލޯނާ އިން ދެ ޕްރޮޕޯސަލެއް ހުށަހަޅާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ތިން އަހަރަށް ބަހާލައިގެން 30 މިލިއަން ޑޮލަރު ދޭ ގޮތަށް ނޫނީ، 18-23 މިލިއަން ޑޮލަރަށް ފީ ކުޑަކުރުމަށެވެ.

މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 12 މެޗުން ރެޝްފޯޑް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ޖެހި ގޯލުތަކުންނެވެ.