Advertisement

ޑިކްޓޭޓަރޝިޕެއްގެ އަލާމާތްތައް ދެނެގަތުމާއި ފަރުވާކުރުން

24 އޮކްޓޯބަރު 2025 - 07:46 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ރައްޔިތުންގެ ނުކުމެ ހުދުމުހުތާރު ވެރިކަން ނެތިކޮށްލާ މަންޒަރު ދައްކުވައިދޭން އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް.


ޑިކްޓޭޓަރޝިޕެއްގެ އަލާމާތްތައް ދެނެގަތުމާއި ފަރުވާކުރުން

24 އޮކްޓޯބަރު 2025 - 07:46 1

ވެރިކަމެއް ހިންގުމުގައި ގެންގުޅެންވާނީ ޑިމޮކްރެޓިކް ހަމަތައް ކަމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެއްބަސްވެ، އެ މަގަށް ދުނިޔެ ދީލާލީ އިއްޔެއަކު މިއަދަކު ނޫނެވެ. ޑިމޮކްރެސީއަކީ ދޮށީ ފަލްސަފާ އެކެވެ. އެތީނިއަން ޑިމޮކްރެސީގެ އަސްރު ފެށިގެން އައީ މީލާދުގެ ވެސް ފަސް ސަތޭކައެއްހައި އަހަރު ކުރިންނެވެ. އެހެންކަމަށްވުމާއެކު ވެސް، ޒަމާނާއެކު ތައާރަފުވާ ކަންކަމަށް އަންނަ ބަދަލުތައް ފިޔަވައި ޑިމޮކްރެސީގެ މައިގަނޑު ތައުރީފަކަށް އަދި އަސާސަކަށް ބަދަލެއް ނާދެ އެވެ. ދައުލަތެއް ހިންގުމުގެ ވެރިންނަކީ ރައްޔިތުން ކަމަށްވުމުގެ އަސާސްގެ މައްޗަށް ބިނާވި ފަލްސަފާއަކީ ސިޔާސީ ހިޔާލުތަކުގެ އެންމެ މޮޅުގޮތް ކަމަށް ދެކިގެން ދުނިޔޭގެ އެތައް ގައުމަކުން އެތިބީ އެގޮތާ ތަބާވެގެންނެވެ.

އެހެންނަމަވެސް އިންސާނުންގެ ފިތުރަތުގައި ހުރި ދަހިވެތިކަމާއި މުނާފިގުކަމުގެ ހިޔަނިން ޑިމޮކްރެސީއަކަށް ވެސް ސަލާމަތެއް ނެތެވެ. ބައެއް ގައުމުތަކުން ޑިމޮކްރެޓިކް ހަމަތަކާ ރުހި، ވެރިކަން ހިންގުމުގައި އަމަލުކުރާން ގެންގުޅޭ ފޮތްފޮތުގައި އެ އުސޫލުތައް ލިޔެފައި ހުންނަނީ ހިރަފުސް އަރުވާށެވެ. ޑިމޮކްރެސީގެ ނަމުގައި ހިންގާ ޑިކްޓޭޓަރޝިޕްތައް މަދެއް ނޫނެވެ. ހަމައެގޮތަށް، ޑިމޮކްރެޓިކް ގައުމުތައް ޑިކްޓޭޓަރޝިޕްތަކަށް ބަދަލުވެފައި ހުރީވެސް މަދެއްކޮށެއް ނޫނެވެ. ދުނިޔޭގެ ތަޖުރިބާއިން ލިބޭ އިބުރަތްތަކުން ސިޔާސީ އިލްމުގެ މާހިރުން މި ބަދަލުތަކާ ވިސްނައި މިކަމުގެ މައްޗަށް ވެސް ބަހުސްކޮށްފައި އެބަހުއްޓެވެ. އެ ބަހުސްތަކުގެ އަލީގައި މި ލިޔުމުގައި ބަލައިލަން މިއުޅެނީ ޑިމޮކްރެސީއެއް ޑިކްޓޭޓަރޝިޕަކަށް ބަދަލުވުމުގެ މަރުހަލާގެ ކުރީކޮޅުގައި ފެންނާނޭ އަލާމާތްތަކާއި، އެކަމުގައި އެޅިދާނޭ ފިޔަވަޅުތަކުގެ މައްޗަށެވެ.

ޑިކްޓޭޓަރޝިޕަކީ ކޮބާ؟

ރަސްމީ މާނައިގައި ޑިކްޓޭޓަރޝިޕަކީ ފާރަވެރިނުވެވޭ އަދި މުތުލަގު ބާރު އޮންނަ ގޮތަށް އެއް ފަރުދެއްގެ ނުވަތަ ވަކިބައެއްގެ އަތްމައްޗަށް ދައުލަތް ހިންގުމުގެ ހުރިހައި ބާރުތަކެއް ޖަމާކުރެވިގެން ދައުލަތެއްގެ ސަރުކާރު ހިންގުމެވެ. އެފަދަ ދައުލަތްތަކުގައި ގާނޫނުގެ ވެރިކަމުގެ ބަދަލުގައި ހިނގާނީ ވެރިޔަކަށް ހުރި މީހާގެ އަމުރެވެ. އޭނާ ކިޔަމަންވާންޖެހޭ ގާނޫނެއް ނޯންނާނެ އެވެ.

މަތީގައި މި ބަޔާންކުރެވުނީ ޑިކްޓޭޓަރޝިޕްގެ އަސާސެވެ. އޭގެ ވައްތަރުތައް ގިނަގުނަ އެވެ. އިންތިހާބީ އިދާރާތަކާއި، ސަރުކާރަށް ފާރަވެރިވުމުގެ ނިޒާމު އެކަށައެޅިފައި ނެތި ހިންގާ ވެރިކަންތަކަކީ ފާޅުކަން ބޮޑު ޑިކްޓޭޓަރޝިޕްތަކެވެ. އެ ވައްތަރު ދެނެގަންނަން ފަސޭހަ އެވެ. މީގެ އެންމެ ނުރައްކާ ވައްތަރަކީ ޑިމޮކްރެސީއެއްގައި ނަމަ ގާއިމުކުރާނޭ ހުރިހައި މުއައްސަސާތަކާއި، ފާރަވެރިވުމުގެ ނިޒާމުތަކާއި އިންތިހާބީ މެކޭނިޒަމް ވެސް އޮވެމެ ހިންގާ ޑިކްޓޭޓަރޝިޕްތަކެވެ. އެފަދަ ޑިކްޓޭޓަރޝިޕްތަކުގައި ތިބޭ ނަމުން މިނިވަން މުއައްސަސާތަކުން ހިދުމަތްކުރާނީ ޑިކްޓޭޓަރަށެވެ.

އާންމު ގޮތެއްގައި ޑިކްޓޭޓަރޝިޕްތައް އުފެދެނީ ބަގާވާތަކުން ވެރިކަން ހޯދާ ބާގީންގެ ފުށުންނެވެ. ޑިމޮކްރެޓިކް ހަމަތައް އޮންނަ ތަނެއްގައި، އިންތިހާބަކުން އުފެދޭ ސަރުކާރު ޑިކްޓޭޓަރޝިޕަކަށް ބަދަލުވަނީ މަރުހަލާތަކަކުންނެވެ. އެބަދަލު ގެނައުމުގައި ބޭނުންކުރާ ހަތިޔާރަކީ ޑިމޮކްރެސީގެ ވެސް އަސާސީ މެކޭނިޒަމުގައި ހިމެނޭ އާލާތްތަކެވެ. ގާނޫނު ހަދާ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި އިންތިހާބު ހިންގާ އިދާރާތަކެވެ. ފުރިހަމަ ޑިކްޓޭޓަރޝިޕަކަށް ދަނީ ޑިކްޓޭޓަރަށް މިތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ލިބުމުންނެވެ. އެއީ ވަގުތު ނަގާ މަރުހަލާއެކެވެ.

ޑިކްޓޭޓަރޝިޕެއްގެ ކުރީކޮޅުގެ ނިޝާންތައް

އެއްވެސް ދައުލަތަކީ ފުރިހަމަ ޑިކްޓޭޓަރޝިޕަކަށް ބަދަލުވެއްޖެނަމަ އެފަދަ ތަނަކަށް އަލުން ޑިމޮކްރެސީ ގެނައުމަކީ އުނދަގޫކަމަކަށް ވެ އެވެ. ބަޔަކު ކުރާ މަސައްކަތުން ފަހަރެއްގައި 'ޑިކްޓޭޓަރޝިޕުން ސަލާމަތްވެވުނަސް، ޑިކްޓޭޓަރުގެ ކިބައިން ސަލާމަތް ނުވުމަކީ' އެކަށީގެންވާ ކަމެކެވެ. މި ސަބަބަށްޓަކައި ޑިކްޓޭޓަރޝިޕެއްގެ އަލާމާތްތައް ކުރީކޮޅުގައި ދެނެގަނެ، އެކަމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.

ޑިކްޓޭޓަރޝިޕަކަށް ބަދަލުވަމުންދާ ކަމުގެ އިންޒާރުދޭ ކިތަންމެ އަލާމާތްތަކެއް ހުރެ އެވެ. މި މަރުހަލާގައި އާންމުކޮށް ފެންނާނީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފު ބައެއް އަމަލުތައް ހިންގާ ތަނެވެ. އަދި އެކަންކަމަކީ ކުދިކުދި ކަންތައްތަކެއް ކަމުގައި ދެއްކުމަށް މަސައްކަތްކުރާ ތަނެވެ. މި މަރުހަލާ ހިނގާ ކަންކަމަށް 'ޑިމޮކްރެޓިކް ޑިކްލައިނިންގ' އޭ ކިޔަ އެވެ. ސިޔާސީ އިލްމުވެރިޔާ، ޕްރޮފެސަރ ސްޓީވްން ލެވިސްކީ އޭނާގެ ލިޔުމެއްގައި ބުނާގޮތުން، ފިނިހަގުރާމައިގެ ފަހުން އުފެދުނު ގިނަ ޑިކްޓޭޓަރޝިޕްތައް އުފެއްދީ އިންތިހާބީ ލީޑަރުންނެވެ. އޭނާ މިސާލުގެ ގޮތުގައި ފާހަގަކުރީ ޖޯޖިއާ، ހަންގޭރީ، ވެނެޒުއޭލާ، ޕޭރޫ އަދި ޕޮލެންޑް ފަދަ ގައުމުތަކެވެ. މި ހުރިހައި ގައުމެއް ވެސް ޑިކްޓޭޓަރޝިޕަށް ބަދަލުވަމުން ދިޔަ މަރުހަލާގައި ފާހަގަކުރެވުނު އެއްގޮތް ކަންތައްތައް ދިރާސާކޮށް ލެވިސްކީ 'ޑިމޮކްރެސީ މަރުވާ ގޮތް' ބަޔާންކޮށްދީފަ އެވެ. އޭގެ ބައެއް ކަންކަން ތިރީގައި މިވަނީ އެވެ.

ސަރުކާރު ޖަވާބުދާރީ ނުކުރެވުމާއި، ގާނޫނުގެ ވެރިކަން ބަލިކަށިވުން

މިއީ އެންމެ ކުރީކޮޅުގެ ނިޝާނެކެވެ. ގާނޫނު ހަދާ މަޖިލިސް، ކޯޓުތައް، މިނިވަން މީޑިއާ އަދި މަދަނީ ޖަމިއްޔާތަކުގެ މިނިވަންކަން ގެއްލެން ފެށުމެވެ. ވެރިކަން ހިންގާ ފަރާތުން ނުވަތަ ވެރިކަންކުރާ ޕާޓީން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފަށައި، ސިޔާސީ ގޮތުން ތާއީދުކުރާ މީހުންނަށް ޝަރުއީ ދާއިރާގެ މަގާމުތައް ދޭން ފެށުމާއި، ތާއީދު ނުކުރާ މީހުން ޝަރުއީ ދާއިރާއިން ބޭރުކުރުމާއި، ސިޔާސީ ގޮތުން ސަރުކާރަށް އަސަރުކުރާނޭ ނިންމުންތައް ހުއްޓުވުމަކީ މި މަރުހަލާގައި ފެންނާނޭ ކަންކަމެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ގާނޫނު ހަދާ މަޖިލިސް ވެގެންދާނީ ހަމައެކަނި ތައްގަނޑު އޮބާ ތަނަކަށެވެ. ސަރުކާރުން ފޮނުވާ ގާނޫނުތައް ފާސްކުރުމާއި، އެފަދަ ގާނޫނުތަކަށް ހުށަހެޅޭ އިސްލާހުތައް ބަލައިނުގަތުމަކީ އާންމު ހަމައަށް ވެގެންދާނެ އެވެ.

މަދަނީ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމާއި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހަމަލާދިނުން

ސަރުކާރު ޖަވާބުދާރީ ކުރުވާން އޮތް ރަސްމީ ނިޒާމު ފެއިލްވާތަން ފެނި، މީޑިއާ އާއި މަދަނީ ޖަމިއްޔާތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން އެ މަސައްކަތް ފަށާނެ އެވެ. ސަރުކާރާ އިދިކޮޅު މި ހަރަކާތްތެރިކަމަށް ސަރުކާރުން ރައްދު ދޭނީ ވަރަށް ވެސް ހަރުކަށި ކޮށެވެ. ނޭޝަނަލް އެންޑަމަންޓް ފޮ ޑިމޮކްރެސީގެ ރަސްމީ ވެބްސައިޓުގައި ކޭޓް މަޒްގްރޭވް ޝާއިކޮށްފައި ރިޕޯޓެއް ކިޔައިލީމެވެ. ބަލިކަށިވަމުންދާ ޑިމޮކްރެސީތަކާއި، މިހާރު ފާޅުކޮށް ފެންނާން ހުރި ޑިކްޓޭޓަރޝިޕްތައް ދިރާސާކުރުމަށްފަހު އޭނާ ބުނަނީ، އެ ގައުމުތަކުގެ ބަދަލުގެ މަރުހަލާގެ އެންމެ ކުރީކޮޅު ހަމަލާ އަމާޒުވާ އެއް ބަޔަކީ ނޫސްވެރިން ކަމުގަ އެވެ.

މިގޮތަށް ދިމާވަނީ ނޫސްވެރިން އަދާކުރާ ޒިންމާގެ ސަބަބުންނެވެ. ދައުލަތެއްގެ ހަގީގީ ބާރުވެރިންނަކީ ރައްޔިތުންކަން ޑިކްޓޭޓަރުން ރަނގަޅަށް ދަނެ އެވެ. އެހެންވީމާ ރައްޔިތުންނަށް ލިބޭ މައުލޫމާތުގެ މިންވަރު ދަށްކުރުމަކީ ޑިކްޓޭޓަރުން އިސްކަންދޭ ކަމެކެވެ. މިނިވަން މީޑިއާ ނެތިކޮށްލުމަށް ފިޔަވަޅު އަޅާ ސަބަބަކީ އެއީ އެވެ.

ހައްގު ސަބަބެއް ނެތި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ދައުލަތުގެ ނިޒާމު ބޭނުންކުރުމަކީ ޑިކްޓޭޓަރޝިޕަކަށް ބަދަލުވަމުންދާ ކަމުގެ އަނެއް އަލާމާތެވެ. އެކިއެކި ނަންނަމުގައި ހިންގާ ޖިނާއީ ތަހުގީގުތަކަށް ސިޔާސީ އިދިކޮޅު ލީޑަރުންނާއި، އެކްޓިވިސްޓުން ހާޒިރުކުރުމާއި، އެކަށީގެންވާ ސަބަބެއް ނެތި ހިފައި ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅޭނެ އެވެ. ސަރުކާރުގެ މި އަމަލުތައް ދިފާއު ކުރާނީ މިނިވަން އިދާރާތަކުން ހިންގާ ޖިނާއީ ތަހުގީގުތަކެއްގެ ލޭބަލުގަ އެވެ.

ހަމަ މި މަރުހަލާގައި ދެން ހިނގާނޭ ކަމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތެރިންނާއި، ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އަމިއްލަ ފަރުދުން ބަދުނާމުކުރުމާއި އެމީހުންނަކީ ގައުމުގެ ނުވަތަ ރައްޔިތުންގެ ދުޝްމަނުންގެ ގޮތުގައި ލޭބަލްކޮށް، ރައްޔިތުންގެ ގިނަ ބަޔަކަށް އެކަން ވިސްނުވައި ދިނުމަށް މަސައްކަތްކުރުމެވެ. މިކަމުގައި ބޭނުންކުރާނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސަރުކާރުން ހިންގާ މީޑިއާތަކެވެ.

ވެރިކަން ހިންގާ ފަރާތުގެ ބާރު ގަދަކުރުމާއި ލީޑަރުގެ ކަލްޓް އުފެއްދުން

އުފެދެމުންދާ ޑިކްޓޭޓަރޝިޕެއްގައި އެންމެ އިސްކަން ދޭނޭ ކަމަކީ އެ ޑިކްޓޭޓަރޝިޕްގެ ލީޑަރު ނުވަތަ ލީޑަރުންގެ ހުރިހައި ބަހަކަށް ތަބާވާނޭ މީހުން ބިނާކުރުމެވެ. މިއީ ޑިމޮކްރެޓިކް ލީޑަރަކު ތާއީދު ހޯދަން ކުރާ ސިޔާސީ ކެމްޕޭނުތަކާ މުޅިން ތަފާތު އިޖުރާއަތެކެވެ. ގާބިލުކަމަށް ބެލުމުގެ ބަދަލުގައި ސިޔާސީ ވަފާތެރިކަމަށް އެކަނި ބަލައިގެން ވަޒީފާ ދިނުމަކީ ކަލްޓު އުފެއްދުމުގެ މަރުހަލާގެ ތެރެއިން ހިންގޭ ކަމެކެވެ. އަމުދުން އެ ވަޒީފާ ދޭ މީހާއަކީ 'ބޮޑު އާއިލާއެއްގައި ހުރި ބަސްވިކޭމީހާކަމަށް ހެދޭތޯ ބެލުމަށް' ލީޑަރުން އިރުޝާދު ދޭނެ އެވެ. މީގެ ބޭނުމަކީ އޭނާ މެދުވެރިކޮށްގެން، އޭނާގެ ނުފޫޒު ހިނގާ މީހުންގެ ތާއީދާއި ރުހުން ހޯދުމެވެ. 'ދަ ކަލްޓް އޮފް ޕްރެޒިޑެންސީ' ފޮތުގައި ޖީންހީލް ބުނެފައިވާ ގޮތުން، ގައުމުގެ ހުރިހައި މައްސަލަތަކެއްގެ ހައްލު އެނގެނީ ލީޑަރަށްކަން ގަބޫލުކުރުވުމަކީ ކަލްޓު އުފެއްދުމަށްކުރެވޭ މަސައްކަތެކެވެ. ލީޑަރަށް މަޝްވަރާ ދޭންތިބޭ މީހުން މަޝްވަރާ ދިނުމުގެ ބަދަލުގައި އޭނާގެ ލަފާފުޅާއި އިރުޝާދަށް ބަރޯސާވެ، އެމަގަށް ދީލާލާނެ އެވެ.

އެއްކޮޅު މީހުންނަށާއި، ދެކޮޅު މީހުންނަށް ވެސް ޖާސޫސު ކުރުން

ޑިކްޓޭޓަރުންގެ ޒާތަކީ އިތުބާރު ނުކުރުމެވެ. އެހެންކަމަށްވުމާއެކު، އިދިކޮޅު މީހުންނަށް ފާރަލައި ޖާސޫސު ކުރާ ފަދައިން، އޭނާގެ އަމިއްލަ ޕާޓީގެ މީހުންނަށާއި، އޭނާ އައްޔަނުކުރި ވަޒީރުންނަށްވެސް ފާރަލައި ޖާސޫސު ކުރާނެ އެވެ. ނަތީޖާއަކަށް ވަނީ އެބައި މީހުންގެ ހިތުގައި ބިރުވެރިކަމެއް އުފެދި، ވެރިމީހާ ކުރާ ހަމަ އެއްވެސް ކަމަކަށް ދެކޮޅަށް އެއްވެސް ތަނެއްގައި ވާހަކަ ދައްކަން ނުކެރުމެވެ. ވެރިމީހާއާ ހަމައަށް ހަބަރު ދާނޭހެން ހީވާ ތަނެއްގައި ނަމަ ތައުރީފުގެ ބަހެއް މެނުވީ ނުބުނުން އާންމުވާނެ އެވެ. ރިސަރޗްގޭޓްގެ ރަސްމީ ވެބްސައިޓުގައި ޔުނިވަރސިޓީ އޮފް ލީޑްސްގެ ޕްރޮފެސަރ މެރިއަސްމާހލް އަދި ތެރީސަރވިނާގެ ދިރާސާއެއް މި މައުލޫގައި ޝާއިއުކުރެވިފައި އެބައޮތެވެ. އެވެރިން ބުނާ ގޮތުން ކަލްޓު ލީޑަރުން އެމީހުން ބާރު ދެމިއޮންނަކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ރަސްމީ އިންތިޒާމުން ބޭރުން، 'ޖާސޫސީ ފުލުހުން' ގެ ޑިޕާޓްމަންޓެއް އުފައްދަ އެވެ. މި 'ފުލުހުން' ހިދުމަތްކުރާނީ ހަމައެކަނި ކަލްޓު ލީޑަރަށެވެ. ވަޒީރުންނާއި ސިޔާސީ އިދިކޮޅު މީހުން ފޯނުން ކުރާ މުއާމަލާތުތަކަށް ފާރަލުމާއި، އެމީހުން ވަދެނުކުމެ އުޅޭ ތަންތަން ބެލުންފަދަ ހުރިހައި ކަމެއް ކުރާނެ އެވެ.

މިއީ ވަރަށް ދިގު ލިސްޓެކެވެ. މިޒާތުން ގުނައިލެވޭ ހުރިހައި ނޭއްގާނީ ކަމެއް މި ލިސްޓުގައި ހިމެނެ އެވެ.

ޑިކްޓޭޓަރޝިޕެއްގެ ކުރީކޮޅުގެ އަލާމާތްތަކާއި ނިޝާންތައް ދެނެގަތުމަކީ ޑިމޮކްރެސީ ދެމެހެއްޓުމުގެ ހަނގުރާމައިގެ ބައިކުޅަ ބައެވެ. އަނެއް ބަޔަކީ އެކަންކަމަށް ދުރާލާ ފަރުވާކޮށް، ފިޔަވަޅު އެޅުމެވެ.

ފްރީޑަމްހައުސްގެ ރަސްމީ ވެބްސައިޓުގައި ލިޔުންތެރިޔާ މައިކް ޝްމަލްޓަރ ލިޔެފައިވާ މަޒުމޫނުގައި ފާޅުކުރި ހިޔާލަކީ، ޑިކްޓޭޓަރޝިޕްގެ އަލާމާތްތަކަށް މައިގަނޑު ތިން ދާއިރާއަކުން ފަރުވާކުރުމެވެ. ދައުލަތެއްގެ ހައިސިއްޔަތުން ރައްޔިތުން ހޯދާ ޑޮމެސްޓިކް ފަރުވާތަކާއި، ރަސްމީ އިދާރާތަކުގެ ބޭނުންކުރުމާއި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމެވެ.

ދައުލަތެއްގެ ހައިސިއްޔަތުން ރައްޔިތުން ހައްލު ހޯދުން

މައިކް ޝްމަލްޓަރ ފާހަގަކުރާ ގޮތުގައި، ރައްޔިތުންގެ ސުލްހަވެރި އިހުތިޖާޖަކީ ޑިކްޓޭޓަރޝިޕެއް ބަލިކުރުމުގައި އެންމެ ކާމިޔާބު އަދި ދެމެހެއްޓެނިވި ފަރުވާ އެވެ. ވޭޖިންނޮންވައިލަންސްގެ ރަސްމީ ވެބްސައިޓުގައި ޖޯޖް ލެކީ ޝާއިއުކޮށްފައިވާ ދިރާސާގައި މިކަން ސާބިތުކޮށްދީފައި އޮތީ ހިސާބު ނަންބަރުންނެވެ. އިރުމަތީ ޖަރުމަނުގައި 1988 ގައި ކުރި މުޒާހަރާތަކާއި، ޕާކިސްތާނުގައި ދަރިވަރުން އިސްނަގައިގެން ފަސްދޮޅަހުގެ އަހަރުތަކުގައި ގެނައި އިންގިލާބު ފަދަ އެތައް މިސާލަކާއެކު އެވެ.

ރައްޔިތުންގެ އިސްނެގުމުން ހައްލު ހޯދުމުގެ މަރުހަލާގައި މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި ނޫސްވެރިން ބައިވެރިވާންވާނެ އެވެ. މި މަރުހަލާގައި ސްޓޭކްހޯލްޑަރުން ކުރާނޭ ކަމަކީ އާންމު ހޭލުންތެރިކަން އުފެއްދުމެވެ. ގައުމު މިދަނީ ޑިކްޓޭޓަރޝިޕަކާ ދިމާލަކަށްކަން ރައްޔިތުންނަށް ބުނެދިނުމެވެ. އެ މަސައްކަތް ކުރުމުގެ މަރުހަލާގެ ތެރޭގައި ކުރިމަތިވާ އެތައް ތަކުލީފުތަކާއެކު ވެސް ރައްޔިތުން ބާރުވެރި ކުރުވިއްޖެނަމަ މިއީ ޑިކްޓޭޓަރޝިޕަކަށް ފުރޮޅުން ހުއްޓުވުމުގެ އެންމެ ކާމިޔާބު ގޮތެވެ.

މި މަރުހަލާއަށް ދާއިރު ރަސްމީ އިދާރާތަކުގެ ބައިވެރިވުން ލިބުން ވާނީ ނާދިރު ކަމަކަށެވެ. އެހެނީ ދައުލަތުގެ ގިނަ މުއައްސަސާތައް އޮންނާނީ ޑިކްޓޭޓަރުގެ ބާރުގެ ދަށުގައި އޭނާއަށް ހިދުމަތްކުރާ ތަންތަނަށް ބަދަލުވެފަ އެވެ. އެހެންނަމަވެސް، މި މުއައްސަސާތަކުގައި ތިބޭ މީހުން ހަރަކާތްތެރިކުރުވިއްޖެނަމަ ޑިމޮކްރެސީ ދިފާއު ކުރުމުގެ މަސައްކަތް ފަސޭހަ ވެ އެވެ.

ބައިނަލްއަގުވާމީ ހައްލު ހޯދުމަކީ ވެސް އުނދަގޫ އިޖުރާއަތެކެވެ. މީގެ އެންމެ ދިހަ ވަރަކަށް އަހަރު ކުރިޔާ އަޅައިބަލާއިރު މިހާރު ވެސް އެތައް ތަނަކުން އެ މަގު އުނދަގޫވެއްޖެ އެވެ. ޑިމޮކްރެސީއަކުން ޑިކްޓޭޓަރޝިޕަކަށް ފުރޮޅެމުންދާ އެތައް ގައުމެއްގެ އެތައް މައްސަލަތަކަށާއި، ހަނގުރާމަތަކަށާއި ގުދުރަތީ ކާރިސާތައް ފަދަ ބޮޑެތި އެތައް ކަމަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި ގުޅުންތަކުން އެބަ މަސައްކަތްކުރެ އެވެ. އެހެން އޮތް ކަމެއްގައި ވަކި މައްސަލައަކަށް ސަމާލުކަން ހޯދުން ވާނީ ގޮންޖެހުމަކަށެވެ.

އެހެންވީމާ ހުލާސާއަކީ އެބައެއްގެ ހާލަތު ބަދަލުކުރުމަށް އެބަޔަކު، އެބައެއްގެ ތެރެއިން މަސައްކަތް ކުރުމެވެ. ޑިމޮކްރެސީއަކުން ޑިކްޓޭޓަރޝިޕަކަށް ފުރޮޅެމުންދާނަމަ އެ މަންޒަރު ރީތިކޮށް ފެންނާން އޮންނާނެ އެވެ. ތިމާ ދިރިއުޅޭ ގައުމުގައި ހިނގާފައިވާ ނުވަތަ ހިނގަމުންދާ ވަކިވަކި ކަންކަމަށް ނަޒަރު ހިންގާލީމަ މި ދަނީ ރަނގަޅު މިސްރާބަކަށްތޯ ވަޒަން ކުރެވޭނެ އެވެ. މި މިނެކިރުމުގައި ސިޔާސީ ވަކި ފިކުރަކަށް ނުލެނބި، ހަމައެކަނި ގާނޫނުތަކާއި، ބުއްދީގެ ހަމަތަކަށް ބަރޯސާވުމުން ރަނގަޅު ނަތީޖާއަށް ވާސިލުވެވޭނެ އެވެ.

މި ދެވެނީ ގޯސް ދިމާލަކަށްކަމަށް ފެންނަނަމަ އެކަމުގައި ފިޔަވަޅު އަޅަންޖެހޭ ވަގުތަކީ މިއީ އެވެ. ރަނގަޅު މިސްރާބަށް ގައުމު ގެންދިއުމަށްޓަކައި މުޖުތަމައުގެ ކޮންމެ ގިންތިއެއްގެ ކޮންމެ މީހަކަށް ވެސް އޭނާގެ ނިސްބަތުން ކުރެވޭނޭ ކޮންމެވެސް ކަމެއް އޮންނާނެ އެވެ. އެއް އަމާޒަކަށް މަސައްކަތްކުރާން ތިބި މީހުންނާ ގުޅި، އެއް މަގަކަށް މަސައްކަތްކުރަން ފެށީމާ އުފެދެމުންދާ ޑިކްޓޭޓަރޝިޕަށް އިސާހިތަކު އިރުއޮއްސިދާނެ އެވެ.